މިއީ މަޖީދިއްޔާ އިސްކޫލަށް ފަންސާސް އަހަރު ފުރުނު މުނާސަބަތުގައި ހުޅުވި ގޯލްޑަން ޖުބިލީ ކާނިވަލުގައި އޮތް މަޖީދިއްޔާގެ މުސްކުޅި ދަރިވަރުންގެ ޝޯ، ކުރީގެ މޫނުތަކުގައި ކުޅުނު ކުރު ތަމްސީލުތަކުގެ ތެރެއިން އެއް ތަމްސީލެވެ. މި ޝޯ އޮތީ 1977 އެޕްރީލް 20 އިން 26 އަށް މަޖީދިއްޔާ އިސްކޫލުގެ ހޯލުގައެވެ. ކުރީގެ މޫނުތަކުގައި ހިމެނުނު މި ތަމްސީލު، ތަފާތުގައި އޮތީ އެއް ފަރުދާއެވެ. މި ތަމްސީލުގެ ވާހަކަ ލިއުއްވައި، މުމައްސިލުންނަށް އިރުޝާދުދެއްވީ (އަލްމަރްޙޫމް) ސައިކުރާ އިބްރާހީމް ނަޢީމެވެ. ސައިކުރާ އިބްރާހީމް ނަޢީމަކީ މުޅި އެ ޝޯގެ ވެސް އިރުޝާދުވެރިޔާއެވެ.
މި ވާހަކައިގެ މައިގަނޑު ދެ މުމައްސިލުން ޢީސާ ފުޅާއި ޙުސައިން ދީދީއަކީ ކުޑަ އިރު މަޖީދިއްޔާ އިސްކޫލުގައި ކިޔަވަން އުޅުނު އެކުވެރި ދެ ކުދީންނެވެ. އެކަމަކު ޢީސާ ފުޅު 3 ވަނަ ކުލާހުގައި ހުރެފައި ކިޔަވާހިތް ނެތިގެން ކެނޑިގެން، މާލެ ވެސް ދޫކޮށްލައިފައި ރާއްޖެތެރޭގެ ރަށަކަށް ގޮސް އުޅުނީ އެ ރަށުގައެވެ. ޙުސައިން ދީދީ މަދަރުސާ ނިންމީއެވެ.
ޢީސާ ފުޅު އެތައް ދުވަހަކަށް ފަހު މާލެއަށް އަންނަނީ މަޖީދިއްޔާ އިސްކޫލަށް ފަންސާސް އަހަރު ފުރޭތީ ބާއްވާ ކަންތައްތައް ދެކެލާށާއި މާލެއިން ވަޒީފާއެއް ލިބޭތޯއެވެ. އެކަމުގައި އޭނާގެ ކުޑައިރުގެ އެކުވެރި ޙުސައިން ދީދީގެ އެހީތެރިކަން ހޯދާށާއި، މާލޭގައި މަޑުކޮށްލަން ދިޔައީ ޙުސައިން ދީދީގެ ގެއަށެވެ. ތަމްސީލުގައި ދައްކަނީ އެ ދެ މީހުންގެ އޭރުގެ ތަފާތެވެ. ޢީސާ ފުޅު ނުކިޔަވައި އެކަހެރި ރަށެއްގައި އުޅުމުން އޭނާއަށް ކަންތައްތައް ނޭނގޭ މިންވަރެވެ. ދުނިޔެއަށް ލޯނުހުޅުވޭ މިންވަރެވެ. މި ކަން ދައްކަނީ ޙުސައިން ދީދީގެ ގޭގައި ހިނގާ ކަންތައްތަކެއްގެ ތެރެއިންނެވެ. ބަލާ މީހުން ޝައުޤުވެރިކުރުމުގެ ގޮތުން މި ތަމްސީލު ލިޔެފައި ވަނީ ކަންބޮޑުކުރުމުގެ އަދަބީ އުކުޅު ބޭނުންކޮށްގެންނެވެ.
ތިރީގައި މި ވަނީ މި ތަމްސީލުގެ މުމައްސިލުންނާއި، ތަމްސީލުގެ ވާހަކައެވެ.
މުމައްސިލުން:
ޢީސާ ފުޅު: ޢައްބާސް އިބްރާހީމް މ. ސިލްވަރ ކްލައުޑް
ޙުސައިން ދީދީ: (އަލްމަރްޙޫމް) މަންދު ޢަބްދުﷲ ވަޙީދު
ޝަފީޤް: (އަލްމަރްޙޫމް) އަޙްމަދު ޝަފީޤު ހ. ޝަފީޤުގެ
ސީދީ: (އަލްމަރްޙޫމް) ޙުސައިން ޢަބްދުﷲ (ހިމިތީގޭ ސީދީ މ. މެރީކޯނަރ)
ޢަބްދުއްޝަކޫރު (ވިޔަފާރިވެރިއެއް): (އަލްމަރްޙޫމް) ޢަބްދުއްޝަކޫރު ޢަބްދުﷲ ގ. ކިޔަވާގެ
ނަޞީރު (ވިޔަފާރިވެރިއެއް): (އަލްމަރްޙޫމް) ޢަބްދުﷲ ޢަލީ ނަޞީރު
ޝަރަފް (ގޭގެ ޚާދިމު): ޝަރަފުއްދީން އަބޫބަކުރު
އަޙްމަދު ފުޅު (ކުކުޅެއް ފަހައިގަނެގެން އަންނަ): ކަނދި އަޙްމަދު ފުޅު
ނަޞީރުގެ ސެކެޓްރީ: (އަލްމަރްޙޫމް) ޢަބްދުއްރަޝީދު ޢަލީ މއ. ހަނީސަކްލް
ތަމްސީލުގެ ވާހަކަ:
ނެރޭޓަރު: (މި ވާހަކައިގެ ނަމަކީ ތަފާތު. މިއީ، ކިއެވުމާއި ނުކިއެވުމުގައި ހުރި ތަފާތު ދައްކައިދޭ ވާހަކައެއް. މި މަންޒަރުން ފެނިވަޑައިގަންނަވާނީ، ޢީސާފުޅާއި ޙުސައިން ދީދީ. ޢީސާ ފުޅާއި ޙުސައިން ދީދީއަކީ މަޖީދިއްޔާގެ 1ވަނަ ކްލާސް، 2ވަނަ ކްލާސް އަދި 3ވަނަ ކްލާހުން ތަންކޮޅަކާ ހަމައަށް އެކީގައި އުޅުނު ދެ ކުދިން. ޢީސާ ފުޅު އެހައި ހިސާބުން ކިއަވާ ހިތެއް ނެތޭ ކިއައިފައި، ފިލައިގެން ކަހަލަ ގޮތަކަށް މަދަރުސާއިން ވަކިވެގެން ދިއައީ. ޙުސައިންދީދީ ކިއަވާވިދާޅުވީ. ކޮންމެއަކަސް މިއަދު ޢީސާ ފުޅު އަންނަނީ ޙުސައިން ދީދީގެ އަރިހަށް ވަޒީފާއެއް ލިބޭތޯ ބަލަން. ޢީސާ ފުޅު ނުކިއަވާ ހުރުމުގެ ސަބަބުން އޭނާއަށް ދިމާވި ކަންތައްތައް ތިޔަ ބޭފުޅުން ދެކެވަޑައިގަންނަވާ.)
(ޙުސައިން ދީދީގެ ގޭތެރޭގެ މަންޒަރެކެވެ. ޙުސައިންދީދީ ރައްޓެހިފުޅު ދެ ބޭފުޅަކާ ބައްދަލުކޮށްލައްވަނީއެވެ. ދައްކަވަމުން ގެންދަވަނީ މަޖީދިއްޔާއަށް 50 އަހަރު ފުރިގެން ފާހަގަކުރާ ރަންޔޫބީލް އާދެ، ގޯލްޑަން ޖުބިލީގެ ކަންތައްތަކުގެ ވާހަކައެވެ.)
ޙުސައިން ދީދީ: އާދެ އަޅުގަނޑަށް ހީވާ ގޮތުގައި، މަޖީދިއްޔާއަށް 50 އަހަރު ފުރުން މި ފާހަގަކުރެވެނީ، އަޅުގަނޑުމެންގެ ޙަޔާތުގައި އަދި ދުވަހަކު ވެސް ނުދެކޭހައި ކުލަގަދަ ގޮތެއްގައި، އެހެންނޫންތޯ ސީދިބޭ. އަދި އަޅުގަނޑު ހިތަށްއަރާ މިހާރު މި ކަމުގައި ޒާތީ އުފަލެއް ލިބޭނެ ކިތަކެއް ހާސް މީހުން ރާއްޖޭގައި ތިބޭނެބާވައޭ ސީދިބޭ.
ސީދީ: އަޅުގަނޑަށް ހީވާ ގޮތުގައި، މި ކަމުގައި ހަމަ އެންމެ މަދުވެގެން ވެސް ހައެއްކަ ހާސް މީހުން އުފާކުރާނެ. އެހެންނޫންތޯ ޝަފީޤް.
ޝަފީޤް: އަޅުގަނޑު ވިސްނައިލި ނުކުތާއެއް ތިޔައީ އިނގޭތޯ. އަޅުގަނޑު ބަލައިލި ބަލައިލުމެއްގައި ހަ ހާހަށް ވުރެ މަތިވޭ، އެކިއެކި ދައުރުތަކުގައި މަޖީދިއްޔާގައި އުޅެފައި ތިބި މުސްކުޅި ދަރިވަރުން، މިއަދާ ހަމައަށް. ދެން މިއަދަށް ޓަކައި އަޅުގަނޑު ވިސްނައިލާ އިރު، އަޅުގަނޑު ހިތަށްއަރާ، މަޖީދިއްޔާގެ ފަޚްރުވެރި ތާރީޚު މިއަދާ ހަމައަށް ގެނައުމުގައި ބައިވެރިވި އެކިއެކި މަތީދަރަޖައިގެ ބޭފުޅުންނާ، އެކި ފެންވަރުގެ ޢިއްޒަތްތެރީން މިއަދު އަޅުގަނޑުމެންނާ ބައްދަލުކުރައްވަން ތިއްބެވިނަމައޭ. އެހެން ހިތަށްއަރާ.
ޙުސައިން ދީދީ: ތިޔަ ވިދާޅުވީ ހަމަ ރަނގަޅު ތެދުފުޅެއް. -- އެހެންވީމާ، އަޅުގަނޑުމެން ހަމަޖައްސާނީ މުސްކުޅި ދަރިވަރުންގެ ތަމްސީލު ބަލައިލަން އަޅުގަނޑުމެން އެކުގައި އެއްރޭ ދާ ގޮތަށް އެހެންނޫންތޯ.
ޝަފީޤް: އަޅުގަނޑުމެން މިއަދު އައުމުގެ އެއް ބޭނުމަކީ ވެސް ތިޔައީ. އަޅުގަނޑުމެންނާ އެކުވެރިއަކު ހޯދައިލައިގެން ދިއުން.
ޙުސައިން ދީދީ: އާދެ، ތިޔަ ކަމާ ފިކުރުނުކުރައްވާ. ދެން އަޅުގަނޑު އިރާދަކުރެއްވިއްޔާ ޓިކެޓުގެ މައްސަލަ ހަމަޖައްސައިފައި ތިޔަ ބޭފުޅުންނަށް ދަންނަވާނަން.
ޝަފީޤް: ޝުކުރިއްޔާ.
(ހުރިހައި ބޭފުޅުން ތެދުވެވަޑައިގެންފިއެވެ. ޝަފީޤާއި ސީދީ ތެދުވެވަޑައިގަތުމާ އެކު، ޙުސައިން ދީދީއާ ސަލާމްކޮށްލައްވައިފައި ނުކުމެވަޑައިގަންނަވަނީއެވެ.)
ޝަފީޤް: މުޅިން ރަނގަޅު. ޝުކުރިއްޔާ. އައްސަލާމް ޢަލައިކުމް.
(ޝަފީޤާއި ސީދީ އެ ގެއިން ނުކުމެވަޑައިގެން، ވަޑައިގެންފިއެވެ. އެ ވަގުތު ބޭރުން މީހަކު އައިސް ސަލާންގޮވައިލައިފިއެވެ. އޭނާ ސަލާންގޮވައިލައިފައި އެ ގޭ ބޮޑުކޮޓަރިތެރެއަށް ވަން އިރު ހުރީ ކޮނޑަށް ފޮށައެއް އެއްލައިފައެވެ. ކޮނޑުމަތީގައި އޭނާގެ ފޮށި ހުއްޓެވެ. އެ މީހަކީ ޙުސައިން ދީދީގެ ރަޙްމަތްތެރިއަކުކަމުގައި ވާ ޢީސާ ފުޅެވެ.)
ޢީސާ ފުޅު: އައްސަލާމް ޢަލައިކުމް.
ޙުސައިން ދީދީ: ވަޢަލައިކުމުއްސަލާމް.
ޢީސާ ފުޅު: ޙުސައިންދީ!
ޙުސައިން ދީދީ: އަނހާ ޢީސާ ފުޅާ. ކޮން ދަތުރެއް ތިޔަ ކޮށްލީ. އިށީނދޭ އިށީނދޭ.
ޢީސާ ފުޅު: މީ-ދެން-މި-ގޯލަޑަން ޖުބްލީ ކާނިވަލަށް އައިސްލީ.
ޙުސައިން ދީދީ: އާނ. ކާނިވަލުގެ ކަންތަކާ ދޯ. ވަރަށް މަޖާ ދުވަސްކޮޅަކަށް ވާނެ.
ޢީސާ ފުޅު: އަޅުގަނޑުގެ ދަރިފުޅު އުޅޭނެ މަދަރުސާގައި. އޭނާ ޚަބަރުކުރީ. މަދަރުސާއަށް 50 އަހަރު ފުރޭ ޖުބްލީ ކާނިވަލް ހުޅުވާ ވާހަކަ.
ޙުސައިން ދީދީ: ރަނގަޅޭ. ރަނގަޅޭ.
ޢީސާ ފުޅު: އެހެންވީމާ މާލެއައިސްލީ. ދެން އަދި އެބަ އޮތޭ އެކަމަކު ޙުސައިންދީ، އެހެން ކަމެއްގެ ވާހަކަ ވެސް ދަންނަވައިލަންވެފައި.
ޙުސައިންދީދީ: ކޮބާ؟
ޢީސާ ފުޅު: އެއީ އެއީ މި ގޭގައި ...... މާލޭގައި ދުވަސްކޮޅަކު ހުރެލަން އަޅުގަނޑު ބޭނުންވަނީ. އެހެންވީމާ މި ގޭގައި ބަހައްޓަވައިދެއްވާތޯ ދަންނަވާލަން.
ޙުސައިން ދީދީ: ޢީސާ ފުޅާ! ތިޔަ ވާހަކައޭ އަހަރެން މަދަރުސާގައި އުޅުނު އިރު ވެސް ބުނީ. ކީއްކުރަންހެއްޔޭ މާލެ ދޫކޮށްލައިފައި ދަނީ. މިހާރު ދެން ތިޔަ އަދި ރަނގަޅުވާ ގޮތް ވީ. ތިޔަ އައީ މާލޭގައި އުޅެންކަމަށްދޯ.
ޢީސާ ފުޅު: އާދެ މާލޭގައި މިހާރު ދެން މާ ބޮޑަށް ކަންތައްތައް ކުރިއަށް ގޮސް، މާ ގިނަ ކަންތައްތައް މާލޭގައި އޮތީމާ. މާ ގިނަ ލާރި ވެސް މާލޭން ލިބޭނެނޫންތޯ. އެހެންވީމާ، މާލޭގައި މަޑުކޮށްލާ ހިތްވެގެން އައީ.
ޙުސައިން ދީދީ: އާނ. މާލޭގައި މަޑުކޮށްލެވިދާނެ. ދެން މަސައްކަތެއް ދޯ. މަސައްކަތެއްގައި ޢީސާ ފުޅާ އޮންނާނީ މިހާރު މަސްދޯންޏަކަށް ވެސް މި އެރެނީ ކޮންމެވެސް ވަރަކަށް މަދަރުސާއެއްގައި އުޅެލައިފައި ތިބޭ މީހުންނަށްވިއްޔަ.
ޢީސާ ފުޅު: ދަންނަވަންތޯ. އަޅުގަނޑުމެން މަދަރުސާގައި އުޅުނީމެއްނޫންތޯ. ޙުސައިން ދީދީގެ އަރިހުގައި އަޅުގަނޑު ވެސް މަދަރުސާގައި އުޅުނިން. ދެން ވާނެ ގޮތަކީ، އަޅުގަނޑަށް އޮންނާނީ ހަމަ ކަންތައް ފެނުނީމާ ދަސްކޮށްލުން. ނުލާހިކު ފަސޭހައިން ދަސްވެދާނެ. ދޮންމީހުން މި އުޅޭ ކަހަލަ ރަށެއްގައި ވެސް ހަމަ އުޅެވިދާނެ އަޅުގަނޑަށް. ޙުސައިން ދީދީ މެދުވެރިވެވަޑައިގެން އެ ކަހަލަ ކަމެއް ހޯއްދަވައިދެއްވުން އޮތީ އަޅުގަނޑަށް، އިނގޭތޯ.
ޙުސައިން ދީދީ: އާނ. އިރާދަކުރެއްވިއްޔާ އަހަރެން މަސައްކަތްކޮށްދޭނަން. އިނގިރޭސި ކުޑަކޮށް އެނގޭނެތަ؟
ޢީސާ ފުޅު: އެ ދެން ހަމަ އޮންނާނީ އެ މީހުންގެ ތެރޭގައި އުޅެން ފެށީމާ ދަސްވެފައިނޫންތޯ. އިސާހިތަކު ދަސްކޮށްލަފާނަން އަޅުގަނޑު.
ޙުސައިން ދީދީ: އާނ. ރަނގަޅު. ހިތްވަރުކުރަން ކެރިއްޖެއްޔާ މަސައްކަތް ވެސް ލިބޭނެ. ދެން އެ ފަރާތަށް ގެންދަންވިއްޔެއްނު ފޮށްޓާ އެއްޗެހި.
ޢީސާ ފުޅު އާދެ. ދެން ..... ދައްތަ އިންނަވާނެ އެ ފަރާތުގައި ދޮގެއްތޯ.
ޙުސައިން ދީދީ: އާން.
ޢީސާ ފުޅު: އަދި ދަންނަވަންތޯ. ކުރުނބާއިހަލެއް ވެސް އޮންނާނެ އިނގޭތޯ.
ޙުސައިން ދީދީ: އާނ. އެ ގެންދޭ އެ ފަރާތަށް.
(ޢީސާ ފުޅުގެ ފޮށި ގޭގެ ދެކުނުފަރާތަށް ގެންދިއުމަށް ފަހު، އިރުކޮޅެއް ވީ ތަނާ ފޮތިގަނޑެއް ހިފައިގެން ނުކުމެ، ގޭގެ ބޮޑުކޮޓަރިތެރެ ފޮޅައި ސާފުކުރުމުގެ މަސައްކަތް ފަށައިގެންފިއެވެ. އެ ތަނަށް ޙުސައިން ދީދީ ނުކުމެވަޑައިގެންފައި.)
ޙުސައިން ދީދީ: އަވަހަށް ފަށްޓައިގަތީދޯ.
ޢީސާ ފުޅު: އާދެ، ދެން އަޅުގަނޑުމެންނަށް އޮންނާނެ ގޮތަކީ، ހަމަ އައިސް އަވަހަށް މަސައްކަތް ފަށަންވީނޫންތޯ. އަތްއުރައިލައިގެން ތިބޭ ވަރަށް ވުރެ މުރާލިވާނެ އަޅުގަނޑުމެން.
ޙުސައިން ދީދީ: އާނ. ވަރަށް ރަނގަޅު. މި ތަން ވަރަށް ސާފުކޮށް ބަލަހައްޓަންވާނެ އިނގޭ. މި ގެއަކު އެހެން މީހަކު ނޫޅޭނެ. ޢީސާ ފުޅު މި ތަން ބަލަހައްޓާ މީހަކަށް ވާންޖެހޭނީ އިނގޭ.
ޢީސާ ފުޅު: އާދެ.
(ޙުސައިން ދީދީ މިހެން ވިދާޅުވެފައި އެ ތަނުން ގޭތެރެއަށް ވެދެވަޑައިގަންނަވަން އުޅުއްވަނިކޮށް، އެ ތަނުގައި ހުރި ފޯނުގެ ރަނގަބީލުވާން ފަށައިފިއެވެ. ޙުސައިން ދީދީ ފޯނު ނަންގަވައިފިއެވެ. ޢީސާ ފުޅު ބަލަން ހުއްޓެވެ.)
ޙުސައިން ދީދީ: ހަލޯ – ރަނގަޅު – ދެ ގަޑިއެއްހައި އިރު ވަންދެން އުޅޭނަން ގޭގައި – ރަނގަޅު – ވަޢަލައިކުމުއްސަލާމް.
(ޙުސައިން ދީދީ ފޯނު ބާއްވައިފިއެވެ.)
(އެ ވަގުތު އަނެއްކާ ވެސް ފޯނުގެ ރަނގަބީލުވެއްޖެއެވެ. އޭރު ޙުސައިން ދީދީ އިންނެވީ މަސައްކަތްޕުޅެއް ކުރައްވާށެވެ. މި ފަހަރު ފޯނު ނެގީ ޢީސާ ފުޅެވެ.)

ޢީސާ ފުޅު: އޭތް! ބަލަ ޙުސައިންދީދި މަސައްކަތްޕުޅު ކުރައްވަނީ. ކަލެއަކަށް އެ ވަރު ވެސް ނޭނގޭ ދޯ.
(ޙުސައިން ދީދީ ކުޑަކޮށް ނުގަބޫލުފުޅުވި ހެން ހީވާ ގޮތަށް އޫނ – ހޫނ!! އޭ ވިދާޅުވެފައި ފޯނު އަތުލައްވައިފައި)
ޙުސައިން ދީދީ: މާފުކުރައްވާ އިނގޭތޯ. އެއީ މި ގޭގައި އުޅޭ ކުއްޖެއް – އާދެ – އުޅޭނަން އަޅުގަނޑު. އުޅޭނަން – ގާތްގަނޑަކަށް އެގާރަޖަހާލަންދެން އުޅޭނަން އިނގޭތޯ – އާދެ – އާދެ.
(ޙުސައިން ދީދީ ފޯނު ބާއްވަވައިފިއެވެ.)
ޢީސާ ފުޅު: ޙުސައިން ދީދި ބައްލަވާ. މަސައްކަތެއް ކުރައްވަން އިންނެވިޔަކަސް މިއަކަށް ނޭނގޭތޯ؟
ޙުސައިން ދީދީ: ބަލަ މިއަކަށް ނޭނގޭނެއެއްނު. މީ ފޯނެއްވިއްޔަ. މީހެއް ނޫނިއްޔަ.
ޢީސާ ފުޅު: އެހެން ދޮގެއްތޯ.
ޙުސައިން ދީދީ: އާނ. ޢީސާ ފުޅާ. އަހަރެން އެތެރެއަށް ވަދެލައިފައިއަންނާނަން. މީހަކު އަތުވެއްޖެއްޔާ ބައިންދާލާތި އިނގޭ!
ޢިސާ ފުޅު: އާދެ.
(ތަމްސީލުގެ 2ވަނަ ބައި އަންނަނީ ...)