Mohamed Azmee Rasheed
Mohamed Azmee Rasheed

މަޖީދިއްޔާގެ ފުރަތަމަ ފަންސަވީސް: މާޒީއިން މިއަދަށް ލިބޭ އަގުނުކުރެވޭ ފިލާވަޅެއް

އުނގެނޭށެ ދަރިން ނިޔަތުން މިތަނަށް

         ކިޔަވާށެ އަބަދު ލޯބިން ވަތަނަށް

މި ނޫރުވެރި އިލްމީ ބިނާތަކަށް

         އެދި ހަޔާތަށް ބާއްޖަވެރިކަމަށް

މަޖީދިއްޔާގެ ފުރަތަމަ ފަންސަވީހުގެ ތާރީޚަކީ ދިވެހިރާއްޖޭގެ ތަޢުލީމީ ބަގީޗާގެ މައި ބިންގަލެވެ. މި މުހިންމު ދުވަސްތަކަކީ ހަމައެކަނި މާޒީގެ ސޮފުހާތަކެއް ނޫނެވެ. މިއީ މިއަދުގެ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށާއި ދަރިވަރުންނަށް އޮތް ދިރިހުރި، ނަމޫނާ ފިލާވަޅުތަކެކެވެ.

މަޖީދިއްޔާގެ ބިންގަލުގެ ފުރަތަމަ ފަންސަވީހުން މި 99 އަހަރުގެ ދިގު ރާސްތާއަކީ، އެތައް ބައެއްގެ މިންނެތް މަސައްކަތާއި، އިޚްލާޞްތެރި ޚިދުމަތާއި، އަދި ބޮޑެތި ގުރުބާނީތަކެއްގެ ފޮނި ނަތީޖާއެވެ. މިއަދު މި ފަޚުރުވެރި ބިނާގެ ހިޔަލުގައި އަޅުގަނޑުމެން ތިބިއިރު، މި މަދަރުސާ އެގޮތުގައި މި ހިސާބަށް ގެނެސްދިނުމަށްޓަކައި ރެޔާއި ދުވާލު ބުރަ މަސައްކަތްކުރެއްވި ކޮންމެ ފަރާތަކަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކޮށް، އިޙްތިރާމާއެކު ކުރުނީސް ދަންނަވަމެވެ. މާޒީގެ އެ ހިތްވަރާއި، ކެތްތެރިކަމާއި، ޤައުމީ ލޯތްބަކީ މިއަދުގެ ދަރިވަރުންގެ ކިބައިގައި އަށަގަންނުވަންޖެހޭ މަތިވެރި ސިފަތަކެވެ. މަޖީދިއްޔާގެ މާޒީގެ އެ ހަރުދަނާ ބިންގަލުގެ މަތީގައި މަޖީދިއްޔާގެ މުސްތަގުބަލު އާރާސްތުކުރުމަކީ، އިސްވެދިޔަ ބޭފުޅުންގެ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމާއެކު، މުޅި ޤައުމުގެ ކުރިއެރުމަށްޓަކައި އަޅުގަނޑުމެންގެ ކިބައިގައި އޮތް އެންމެ އިސް މަސްއޫލިއްޔަތެވެ.

މަޖީދިއްޔާގެ ފެށުމަކީ ، ފަޟީލަތުއް ޝައިޚް ޙުސައިން ޞަލާހުއްދީން، ތަޢުލީމީ ގޮތުން ކުރައްވަން ފެއްޓެވި ޚިދުމަތެކެވެ. އެއީ ދިވެހި ދަރިންނަށް ތަންދޮރުފިލުއްވައި ދެއްވުމުގެ ބޭނުންފުޅުގައި އެއްވެސް އުޖޫރައެއް ނެތި، އެމަނިކުފާނު ކުރެއްވި ތެދުވެރި ޚިދުމަތެކެވެ. ވަސީލަތްތައް މަދު، ދަތި އުނދަގޫ އަދި ދެވަނަ ބޮޑު ހަނގުރާމައިގެ ވިލާގަނޑުވެސް ނެނގި ދުވަސްވަރެއްގައި މި ބޮޑު މަސައްކަތް ފެށިގެން އައި ގޮތުން ދަސްކޮށްދެނީ، ހަރުދަނާ ތަޢުލީމީ ނިޒާމެއް ބިނާކުރުމަށްޓަކައި ބޭނުންވަނީ ފަހި ހާލަތްތަކެއް ނޫންކަމާއި ނުވަތަ ހަމައެކަނި ބޮޑެތި އިމާރާތްތަކެއް ނޫންކަމެވެ. ބޭނުންވަނީ އުނގެނުމަށް އޮތް ލޯތްބާއި ޤައުމަށް ޚިދުމަތްކުރުމުގެ މަތިވެރި ރޫޙުކަމެވެ. އެ ދުވަސްވަރުގެ އެދުރުންނާއި ދަރިވަރުން ކުރެއްވި ބުރަ މަސައްކަތާއި، ދެއްކެވި ކެތްތެރިކަމުގެ ސަބަބުން، މިއަދު އަޅުގަނޑުމެން މިދެކޭ ތަޢުލީމީ ފާގަތިކަން ވަނީ ލިބިފައެވެ. އެހެންކަމުން، މިއަދުގެ ޖީލުން މި ތާރީޚީ ބިންގަލުގެ މަތީގައި ތިބެ، އެ ދުވަހުގެ ހިތްވަރާއި ކެރުން ނަމޫނާއަކަށް ބަލައިގެން، ކަންކަން ޙާސިލް ކުރުމަށްޓަކައި ގަދައަޅާ މަސައްކަތްކުރަންޖެހެއެވެ. މިއީ ހަމައެކަނި ހަނދާންކޮށްލާ މާޒީގެ ވާހަކައެއް ނޫނެވެ. މިއީ މިއަދުވެސް އަޅުގަނޑުމެން ކުރިއަށްދާންވީ މަގު ދައްކައިދޭ، އަދި އިލްމީ ގޮތުން ޤައުމު ބިނާކުރާނެ ގޮތުގެ ފުރިހަމަ ޗާޓެކެވެ. މަޖީދިއްޔާގެ ފުރަތަމަ ފަންސަވީހުގެ އަހަރުތަކަކީ ރާއްޖޭގެ ރަސްމީ ނިޒާމީ ތަޢުލީމުގެ "ފުރަތަމަގަނޑު" ކަމުގައި ވާއިރު، އެ ގަނޑުން މިއަދުގެ ޖީލުތައް ފިލާވަޅު ނަންގަވައިގެން އުޖާލާ މުސްތަޤްބަލެއް ބައްޓަންކުރާށެވެ!

މަޖީދިއްޔާގެ ފުރަތަމަ ފަންސަވީހުގައި ވަސީލަތްތައް މަދުވުމަކީ ނުވަތަ ދަތި ޙާލަތްތަކާ ކުރިމަތިލާން ޖެހުމަކީ ކާމިޔާބީއަށް އޮތް ހުރަހެއް ނޫންކަން ބުނެދެއެވެ. 1928މ' މިމަދަރުސާ ހިންގި ޢިމާރަތް ބަދަލުވެގެން އެވާހަކަ އައްސުލްޠާން މުޙަންމަދު ޝަމްސުއްދީނު (3) ރަސްކަމުގެ އެކިއެކި ކަންކަން ހިނގާ ގޮތުގެ ޔައުމިއްޔާގައި ވަނީ:

"ފަނޑިޔާރުގޭގައި ކިޔެވުމަށް ދަތިވުމާއެކު ރަނގަޅުނުވެ ފަނޑިޔާރުގެ ހުރި ގޮވަތީގައި ގޭގެ ހުޅަނގުން އުތުރުކަންމަތީ ބައިތުލްމާލުން ދިގުމިން 24 ރިޔަނުގައި ފުޅަމިން 12 ރިޔަނުގައި މަދަރުސާއެއް ރާނުއްވައި މަތީ ޓިނުޖައްސަވައި ނިންމަވާފައި 6 ޖޫން 1928ގައި ކިޔަވައި ދެއްވުމަށް އެމަދަރުސާގައި ފެއްޓެވި ހަނދާން، ނަމަކީ " މަދްރަސަތުއް ސަނިއްޔަތުލް ޙުކޫމަތުލް މަޙަލްދީބިއްޔާ އެވެ."

އޭރުގެ ވެރިން ދެއްކެވި ހިތްވަރާއި ދުރުވިސްނުމުން އެނގިގެންދަނީ، ކޮންމެ ބޮޑު ބަދަލެއްގެ ފެށުމަކީވެސް އިޚްލާޞްތެރި ނިޔަތަކާއި ވަރުގަދަ ޢަޒުމެއް ކަމެވެ. މިއަދުގެ ޖީލުން ދަސްކުރަންވީ، ތަޢުލީމަކީ ހަމައެކަނި ވަޒީފާއެއް ހޯދުމަށް އުނގެނޭ އެއްޗެއްގެ ބަދަލުގައި، އެއީ މުޅި ޤައުމުގެ ކުރިމަގު ބައްޓަންކުރާނެ އެންމެ ވަރުގަދަ ހަތިޔާރު ކަމެވެ. އަދި ކަންކަމުގައި ކާމިޔާބު ހޯދުމަށްޓަކައި ވަގުތީ އުފަލަށްވުރެ ބޮޑަށް، ދުރު މުސްތަގުބަލަށް އަމާޒު ހިފައިގެން، ކެތްތެރިކަމާއެކު ގަދައަޅައި މަސައްކަތް ކުރުމުގެ މުހިންމުކަން މި ތާރީޚުން ހާމަވެއެވެ. އެހެންކަމުން، ކޮންމެ ފަރުދެއްވެސް އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށް، ޤައުމީ ލޯތްބާއެކު މަސައްކަތް ކުރުމަކީ މިއަދު އެ މާޒީން ގެނުވި ހިތްވަރުގަދަ ތާރީޚުން ލިބިގަންނަންޖެހޭ އަގުހުރި ފިލާވަޅެކެވެ.

މަޖީދިއްޔާގެ ފުރަތަމަ ފަންސަވީސް އަހަރުގެ ތާރީޚަށް ފުންކޮށް ބަލާއިރު، މިއަދުގެ ޒުވާން ޖީލަށް ލިބިދޭ އެންމެ މުހިންމު އަދި އެންމެ ތަފްސީލީ ފިލާވަޅަކީ ޒަމާނީ ތަރައްޤީއާއި ތަޢުލީމު ހޯދުމަކީ އަމިއްލަވަންތަކަމާއި ދީނީ އަދި ޤައުމީ ސިފަތައް ދޫކޮށްލަންޖެހޭ ސަބަބެއް ނޫންކަމެވެ. އެ ދުވަސްވަރު ދުނިޔެއަށް އަންނަމުންދިޔަ ބޮޑެތި ބަދަލުތަކާއެކު، އިނގިރޭސި ބަހުން ކިޔަވައިދޭން ފަށައި ބައިނަލްއަޤްވާމީ މަންހަޖުތަކަށް ދޮރު ހުޅުވާލިއިރުވެސް، މަޖީދިއްޔާއިން ދަސްކޮށްދިނީ ދިވެހި ބަހަށް އިސްކަންދީ، އިސްލާމީ ރިވެތި އަޚްލާޤުގެ މަތީގައި ދެމިތިބެގެންވެސް ދުނިޔެއަށް ލޯހުޅުވޭނެ ކަމެވެ. މިއަދުގެ ޖީލަށް މިކަމުން ލިބޭ އެންމެ ބޮޑު އިބުރަތަކީ، އިންޓަނެޓާއި ސޯޝަލް މީޑިއާގެ ސަބަބުން ދުނިޔެ އެއްބަނޑުއެއްގަނޑުވެ، ބޭރުގެ ސަގާފަތްތަކުގެ ނުފޫޒު ގަދަވެފައިވާ މި ދަނޑިވަޅުގައި، ތިމާގެ އަމިއްލަ އަމިއްލަވަންތަކަން ހިމާޔަތްކުރުމުގެ މުހިންމުކަމެވެ. ތަރައްޤީއަކީ ހަމައެކަނި ބޭރު ބަހަކުން ވާހަކަދެއްކުން ނުވަތަ ބޭރުގެ އާދަކާދަތަކަށް ތަބާވުން ނޫންކަމާއި، ހަޤީޤީ ތަރައްޤީއަކީ ތިމާގެ އަމިއްލަ ދީނާއި، ބަހާއި، ސަގާފީ އަގުތަކުގެ ބިންގަލުގެ މަތީގައި ހުރެ، އާ ޢިލްމާއި ހުނަރު އުނގެނިގެން ޤައުމަށް ޚިދުމަތްކުރުންކަން މަޖީދިއްޔާގެ ފުރަތަމަ ފަންސަވީހުން ސާބިތުކޮށްދެއެވެ. އެހެންކަމުން، މިއަދުގެ ދަރިވަރުންނާއި ޒުވާނުންނަކީ ދުނިޔޭގެ ކޮންމެ ތަނަކުން ތަޢުލީމު ހާސިލުކުރި ނަމަވެސް، ތިމާއަކީ ސައްތަގަދަ އިސްލާމީ ދިވެހިވަންތަ ސިފަތަކެއް ހުރި މީހެއްކަން ހަނދާން ބަހައްޓައި، އެ ސިފަތަކަކީ ތިމާގެ ކުރިއެރުމަށް އޮތް ހުރަހެއް ނޫންކަމާއި، އެއީ ތިމާގެ އަގު މުޅި ދުނިޔޭގައި އުފުލައިދޭނެ "ތަފާތު" ސިފަތަކެއްކަން ދަނެގަތުމަކީ މަޖީދިއްޔާގެ ފުރަތަމަ ފަންސަވީހުން ނުވަތަ މަޖީދިއްޔާގެ އޭރުގެ އެދުރުންނާއި ދަރިވަރުންގެ ޢަމަލީ ތާރީޚުން އަޅުގަނޑުމެންނަށް ދޫކޮށްފައިވާ ވަރުގަދަ މެސެޖެވެ.

މަޖީދިއްޔާގެ ފުރަތަމަ ފަންސަވީހުގެ ފަޚުރުވެރި ތާރީޚަކީ ހަމައެކަނި ފޮތްތަކަކުން އިމްތިޙާނެއް ފާސްކުރުމުގެ ވާހަކައެއް ނޫނެވެ. އެއީ ޤައުމުގެ ހުންގާނުގައި ހިފާނެ، ކެރޭ، ސާބިތު، އަދި ޒިންމާދާރު ލީޑަރުން ބިނާކުރި "ލީޑަރޝިޕް މަރުކަޒު" އެއްގެ ވާހަކައެވެ. މިއަދުގެ ޒުވާން ޖީލަށް މި ތާރީޚުން ގޮވާލަނީ، ތަޢުލީމަކީ ހަމައެކަނި ސަނަދު ހޯދައިގެން ވަޒީފާއަކަށް ދިއުން ނޫންކަމާއި، އެއީ ތިމާގެ ޝަޚްޞިއްޔަތު ބިނާކޮށް، މުޖުތަމަޢަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ ބާރުވެރިކަން ހޯދުން ކަމެވެ. މަޖީދިއްޔާގެ އެ ދުވަސްވަރުގެ ދަރިވަރުންނަކީ ހަމައެކަނި ކިޔަވާ ކުދިންނެއް ނޫނެވެ. އެއީ ކޮންމެ ދާއިރާއަކުންވެސް ޤައުމަށް އިޚްލާޞްތެރިވުމުގެ ރޫޙު ހިތުގައި ބިންގާ އެޅިފައިވާ، ޤައުމީ ލޯބިން ފުރިގެންވާ މޭސްތިރިންނެވެ. މިއަދުގެ ކޮންމެ ދަރިވަރަކުވެސް ދަންނަންޖެހޭ ޙަޤީޤަތަކީ، ތިޔަ ދަރިވަރުން ވެގެން ދާނީ މާދަމާ މި ޤައުމުގެ ބޮޑެތި ނިންމުންތައް ނިންމާނެ، ދިވެހި އުންމަތް ފަހި މިސްރާބަކަށް ގެންގޮސްދޭނެ އިސްވާރުކަން ކަމެވެ. ލީޑަރަކަށް ވުމަކީ ހަމައެކަނި މަތީ މަޤާމެއް ފުރުމެއް ނޫނެވެ. އެއީ ތިމާގެ ނަފްސަށް އިތުބާރުކޮށް، ކޮންމެ ފަދަ ގޮންޖެހުމަކާވެސް ކެރިގެން ކުރިމަތިލައި، އަޚްލާޤީ ގޮތުން ވަރުގަދަ، އަދި އަމިއްލަ އެދުމަށްވުރެ ޤައުމީ މަޞްލަޙަތު އިސްކުރާ މީހަކަށް ވުމެވެ. އެހެންކަމުން، މަޖީދިއްޔާގެ އެ ޝަރަފުވެރި ފުރަތަމަ ފަންސަވީހުގެ މާޒީން ހިތްވަރު ލިބިގަނެ، ތިމާއަކީ މާދަމާ މި ޤައުމު ފަޚުރުވެރިވާނެ ފަދަ ލާމަސީލު ލީޑަރަކަށް ވުމަށް މިއަދުން މިއަދަށް އަޒުމް ކަނޑައަޅާށެވެ! ކޮންމެ ފަރުދެއް ކިބައިގައި އެ ފަންވަރާއި، އެ ޤާބިލުކަން އެބަހުއްޓެވެ. ބޭނުންވަނީ ހަމައެކަނި އެކަން ދަނެގަނެ، ހިތްވަރާއެކު ކުރިއަށް ދިއުމެވެ. ތިބާއަކީ މި ޤައުމުގެ އުއްމީދެވެ!

މަޖީދިއްޔާގެ ފުރަތަމަ ފަންސަވީހުން ބުނެދެނީ ހަމައެކަނި ކްލާހެއްގެ ތެރޭގައި ތިބެގެން ފޮތުން އުނގެނުނު ކުދިބަޔަކު ނޫންކަމުގައެވެ. އެއީ ކުޅިވަރުގެ މައިދާނާއި، ކެޑޭޓް އަދި ސްކައުޓް ހަރަކާތްތަކުގެ ތެރެއިން ނަފްސު ކޮންޓްރޯލްކުރަން ދަސްކޮށް، "ޓީމްވޯކް" ނުވަތަ އެކަކު އަނެކަކަށް އެހީތެރިވެގެން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން އަމަލީގޮތުން ދަސްކުރި ހިތްވަރުގަދަ ޖީލެއް ގޮތުގައެވެ. މިއަދުގެ ދަރިވަރުންނަށް މިކަމުން ލިބޭ އެންމެ ބޮޑު ފިލާވަޅަކީ، ފުރިހަމަ އިންސާނަކަށް ވެވެނީ ހަމައެކަނި ފޮތްތަކުން މަތީ ނަތީޖާ ހޯދައިގެން ނޫންކަމާއި، އިތުރު ހަރަކާތްތަކަކީ ތިމާގެ އަޚްލާޤާއި ސޫލޫކު ބައްޓަންކޮށްދޭ އެންމެ ވަރުގަދަ މަދަރުސާ ކަމެވެ. ދިރިއުޅުމުގެ އަސްލު އިމްތިޙާނަކީ ކޮންމެ ފަހަރަކު މޮޅުވުން ނޫންކަމާއި، ބަލިވާ ވަގުތުވެސް ހިތްވަރުލާފައި ތެދުވުމާއި، އެކުގައި މަސައްކަތްކުރާ ފަރާތަށް އިޙްތިރާމްކުރުމަކީ ކޮންމެހެން ބޭނުންތެރި ސިފަތަކެއްކަން މި ހަރަކާތްތަކުން ދަސްކޮށްދެއެވެ. އެހެންކަމުން، މިއަދުގެ ކޮންމެ ދަރިވަރަކީވެސް ހަމައެކަނި "ފޮތަށް" ބަރޯސާވާ ކުއްޖަކަށް ނުވެ، މައިދާނަށް ނުކުމެ ހަރަކާތްތެރިވާ، ހަށިހެޔޮ، އަދި ނަފްސާނީ ގޮތުން ވަރުގަދަ ކުއްޖަކަށް ވާންޖެހެއެވެ. ހަނދާން ބަހައްޓާށެވެ! ތިޔަ ކުދިންގެ ހުނަރާއި، ކެތްތެރިކަމާއި، އަދި އިސްނެގުމުގެ ސިފަ އާލާވަނީ މިފަދަ އިތުރު ހަރަކާތްތަކުގެ ތެރެއިންނެވެ. މިއަދު ތިބާ ކުރާ ކޮންމެ ކަސްރަތަކާއި، ބައިވެރިވާ ކޮންމެ ހަރަކާތަކީ މާދަމާގެ ދިރިއުޅުމުގެ ބޮޑެތި ތޫފާންތަކުގައި ސާބިތުވެ ހުރުމަށް ލިބޭ ތަމްރީނެކެވެ. އެހެންކަމުން، ފުރުޞަތުގެ ބޭނުން ހިފައި، ހުރިހާ ދާއިރާއަކުންވެސް ތިމާއަކީ ފުރިހަމަ، ޤާބިލު މީހަކަށް ވުމަށް މިއަދު އަޒުމް ކަނޑައަޅާށެވެ! ތިޔަ ދަރިވަރުންގެ ކިބައިގައިވާ ހުނަރުތައް ދުނިޔެއަށް ދައްކާލާށެވެ!

މަޖީދިއްޔާގެ ފުރަތަމަ ފަންސަވީހުގެ ފަޚުރުވެރި މާޒީން އަޅުގަނޑުމެންނަށް ބުނެދޭ އެންމެ އަގުހުރި ފިލާވަޅަކީ، ތަޢުލީމަކީ ހަމައެކަނި އަމިއްލަ ނަފްސަށް ހޯދޭ ކުރިއެރުމެއް ނޫންކަމާއި، އެއީ މުޅި ޤައުމުގެ ވިންދާއި ދިރުން ކަމެވެ. ކޮންމެ ދަރިވަރަކުވެސް ދަންނަންޖެހޭ ޙަޤީޤަތަކީ، ތިމާ އުނގެނޭ ކޮންމެ އަކުރަކާއި، ހާސިލުކުރާ ކޮންމެ ހުނަރަކީ މި ދިވެހި އުންމަތުގެ މުސްތަގުބަލާ ގުޅިފައިވާ އަމާނާތެއް ކަމެވެ. ޙަޤީޤީ ކާމިޔާބީއަކީ ހަމައެކަނި ރަނގަޅު ނަތީޖާއެއް ހޯދައިގެން މޮޅު ސެޓްފިކެޓެއް ހާސިލުކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި، އެ ލިބޭ ޢިލްމެއްގެ ބޭނުން ހިފައިގެން، މި ދިވެހި މުޖުތަމަޢަށް ހެޔޮ ބަދަލެއް ގެނައުމާއި، ޤައުމުގެ ތަރައްޤީގައި ޢަމަލީގޮތުން ބައިވެރިވުމެވެ. މަޖީދިއްޔާގެ އެދުރުންނާއި ކުރީގެ ދަރިވަރުން އަޅުގަނޑުމެންނަށް ދައްކައިދިނީ، ޢިލްމަކީ ހަކަތަ ކަމާއި، އެ ހަކަތައިގެ ބޭނުން ހިފައިގެން ޤައުމު ބިނާކުރެވޭނެ ކަމެވެ. އެހެންކަމުން، މިއަދުގެ ކޮންމެ ދަރިވަރަކުވެސް ތިމާގެ ކިޔެވުމުގެ މަޤްޞަދު މަތިވެރިކުރަންޖެހެއެވެ. ތިބާއަކީ ޤައުމަށް ބޭނުންތެރި، އުންމަތަށް ޚިދުމަތްކުރާނެ ޤާބިލު ދަރިއަކަށް ވުމަށް އަޒުމް ކަނޑައަޅާށެވެ! ތިބާގެ ޢިލްމުން މި ޤައުމުގެ އަދިރިކަން ފިލުވައިލެވޭނެއެވެ. ހަނދާން ބަހައްޓާށެވެ، ޤައުމެއްގެ އެންމެ ބޮޑު ރައުސްމާލަކީ އެ ޤައުމެއްގެ ތަޢުލީމީ ޒުވާނުންނެވެ. ތިޔައީ މި ޤައުމުގެ ދިރުމެވެ، ތިޔައީ މި ޤައުމުގެ އުއްމީދެވެ. ތިމާގެ ޢިލްމުގެ ނޫރުން މުޅި ރާއްޖެ އުޖާލާކޮށްދޭނެ ފަދަ ޚިދުމަތްތެރިއަކަށް ވުމަށް މިއަދުން މިއަދަށް ހިތްވަރާއެކު ތެދުވާށެވެ! 

ޤައުމީ ޒައީމުން ބިނާކުރި ހިޔާ

         އައު ނޫރު މުސްތަގުބަލުން ދޭ ހިޔާ

ޚިދުމަތްތެރި ދަރިން އުފަންވާ ހިޔާ

         ދިދަވެސް ފަޚުރުގައި އުފުލާ ހިޔާ