Dr Abdul Sattar Yoosuf
Dr Abdul Sattar Yoosuf

ހިމޭން ބަޠަލުން: މަންޒިލާ ދިމާއަށް 3

ކޭލާފުއްޓަކީ މަސްވެރިކަމުގެ ރޫޙު އަށަގަނެފައިވާ ރަށެކެވެ. ފަޅުތެރޭގައި އެހުރި ދޯނިތަކަކުން އެކަނި، މި ރަށު ރައްޔިތުންގެ ހިތުގައި މަސްވެރިކަމަށްޖެހިފައިވާ ލޯބި ފާޅެއްނުވެއެވެ. މިކަން ފާޅުވަނީ ރަށުތެރޭގައި ހިނގައިލީމައެވެ. ގޯތިތެރޭގައްޔާއި، މަގުމަތީގައްޔާއި، އަތިރިމަތީގައި ފިލަޔާއި، ޓިނުން ހަދާފައިހުރި ގިނަ އަދަދެއްގެ އަށި ހުށްޓެވެ. ދިގު އަށިތަކެކެވެ. މެންދުރު އަވިދޭންވާއިރަށް މަސް އަރިތަކުން މި އަށިތައް ފުރާލާނެއެވެ. މިހާރުވެސް ބައެއް އަންހެންވެރިން ވަޅޯމަސް އަތުރަނީއެވެ. ހިތްހަމަޖެހޭވަރަށް ވަޅޯނުވާތީކަން ނޭނގެއެވެ. ވަޅޯމަހުގެ ވަހާއި، މަޑު ގިންޏެއްގައި ކެކެމުންދާ ރިހާކުރުގެ ވަހާއި، ގަރުދިޔައިގެ ވަހާއި، މަސްހުނީގެ މީރުވަސް ޢިމްރާންގެ ހިއްސުތަކާ ކުޅެމުންދިޔައެވެ. ބޮޑުމަގުގެ ކޮޅުގައި ފެންނަން ހުރި ހިރަފުސްގަނޑެއްގެ ތެރޭގައި އިލޮށިފަތި ހިފައިގެން ތިބި އަންހެންވެރީންގެ ބަޔަކު ބަރިއަކަށް އުޑަފައިން ތިބެގެން ކުނިކަހަމުން ރަށުތެރެއަށް އަރައިގެން އެބަހަރަ އާދެއެވެ. ފާރުތަކުގެ ކައިރީގައި ހެދިފައިހުރި ބައެއް ވައްތަރުގެ ވިނައާއި ކުދި ގަސްގަސް އުފުރައިގެން ގޯންޏަށް އަޅަމުންނެވެ. އަނގަތަޅަމުން ހީ ސަމާސާ ކުރަމުންނެވެ.

ޢިމްރާން ގޮނޑުދޮށާ ދިމާލަށް މިސްރާބުޖެހިއެވެ. ދޮރާށި ހުޅުވިފައި ހުރި - ނޫނީ ދޮރުފަތް ނެތް - ގޯތިތަކުގެ ތެރެއަށް ކަޅި ހިންގަމުންނެވެ. މަގުމަތީގައި ގަސް ނެތްނަމަވެސް ގޯތިގޯތީގެ ތެރޭގައި ގިނަ ބާވަތްތައް ހައްދައިފައި ހުށްޓެވެ. އާންމުކޮށް ހުރީ ބަނބުކޭލާއި، ފަޅޮލާއި، ފޭރު، އަދި މަދުމަދުންނަމަވެސް ފަތްކެޔޮ ގަސްގަހެވެ. ރަށުގެ މަގުތަކަށް ހިޔާދެނީ ބިޔަ ބަނބުކެޔޮ ގަސްތަކުންނެވެ. އަތިރިމަތިންލާފައި ހިނގަމުންދިޔައިރު ވަކި ހިސާބަކުން ޢިމްރާނަށް ފެނުނީ އޮޑި ހަރުގެތައް އަޅައިފައިހުރި ދިމާލެވެ. ހޭޅި ނަގައި ތަން ހުސްކޮށްފައި އަޅައިފައިހުރި ހަރުގެތައް މި ދުވަސްވަރު ހުސްކޮށްހުރިނަމަވެސް ހުޅަނގު މޫސުމަށް ފުރޭނެއެވެ. ވިއްސާރަ މޫސުމަށް އޮޑިދޯނިފަހަރު އެހެލާނެއެވެ. މި ސަރަހައްދު ފަހަނައަޅައި މާދުރަށް ނުދެވެނީސް ބައިގަޑިއެއްހާއިރުން ރަށްވަށައި ބުރެއް ޖެހިއްޖެކަން ޢިމްރާނަށް ރޭކާލިއެވެ. އުޑުމަތި މިހާރުވަނީ އަލިވާން ފަށާފައެވެ. އަވަސް ފިޔަވަޅުތައް އަޅަމުން ޢިމްރާން މިސްރާބުޖެހީ ކަތީބު ގެއާ ދިމާއަށެވެ. އެގެއަށް ޢިމްރާން ވަތްއިރު ޙަސަންކަލޯ އުޅެނީ، ހެނދުނުގެ ސައި ހަދާށެވެ.

"ކަތީބު އެބަ ދުރުވޭ،"

ކުރަމުންދިޔަ މަސައްކަތަށް ހުއްޓުމެއް، އުނިކަމެއް ނުގެނެސް ޙަސަންކަލޯ ބުންޏެވެ.

އޭނާ ކާންހަދައި ނިމެންދެން ޢިމްރާން ޖޯލީގައި މަޑުކޮށްލިއެވެ. މާގިނައިރުތަކެއް ނުވަނީސް ސައި ތައްޔާރުވެއްޖެއެވެ. ކަތީބު އައިސް މޭޒުދޮށުގައި އިށީނދެ ޢިމްރާނަށް ގޮވައި، ގެނެސް މޭޒުކައިރީ ބޭންދިއެވެ. ތައްޔާރުކޮށްފައިހުރީ ރޮށްޓާއި މަސްހުންޏާއި ކަޅުސައެވެ.

"އަޅުގަނޑު މިއަދު މިއުޅެނީ މާބަޅިދޫއަށް ޖައްސާލަން،" ކާން ފަށަމުން ކަތީބު ބުންޏެވެ.

"ޞިއްޙީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތުގެ ތައްޔާރީތަކުގައި އުޅުމަށް ޙަސަންކަލޯ ގާތު އަޅުގަނޑު ބުނެފިން."

ރޮށިކޮޅެއް އަނގަޔަށް ލަމުންދިޔަ ޢިމްރާނަށް ހުއްޓުންއެރިއެވެ. ބުމަ ގޮށްޖަހައިލަމުން އޭނާއަށް އަހައިލެވުނީ، "ހުޅުވުން؟ ހުޅުވުމޭތޯ؟" ދެން އަވަހަށް ރޮށިކޮޅު ތައްޓަށް ތިރިކޮށްލަމުން ހަމަޖެހިލައިފައި، "އާދެ، އާދެ! ވަރަށް ރަނގަޅު، ވަރަށް ރަނގަޅު،" މިހެން ބުނެލިއެވެ.

"އާނ، މިއީ ވަރަށް މުހިންމު ފިޔަވަޅެއް. އަހުރެމެން ޖެހޭނެ މިދުވަސް ރަނގަޅަށް ފާހަގަކުރަން... ދިވެހިރާއްޖޭގެ އަޑަށް ޚަބަރު ދޭންޖެހޭނެ..." ޢިމްރާންގެ މޫނުމަތިން ފެންނަމުންދިޔަ ކުލަވަރުތަކަށް ސަމާލުކަމެއް ނުދީ ކަތީބު ސައިތަށި ބޮއިލިއެވެ.

"ޤައުމީ ރޭޑިޔޯއިން ކޮންމެގޮތެއްހަދާފައިވެސް މި ޚަބަރު ފޮނުވަން ޖެހޭނެ! މީ ކޭލާފުއްޓަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް... ވަރަށް މުހިންމު ކަމެއް."

ކޭލާފުށީ ޞިއްޙީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތެއް އޮންނަ ކަމެއް ޢިމްރާނަށް އެނގިފައެއްނެތެވެ. މާލެއިން އެފަދަ ވާހަކައެއް ނާންގައެވެ. އެހެންނޫނަސް ކަމެއް އެންގުމަށް މާގިނަ ވަގުތެއްވެސް ނުލިބޭތާއެވެ. ޢިމްރާން މި ރަށަށް ފޭބިތާ އަދި ސައުވީސް ގަޑިއިރުވެސް ނުވޭކަންނޭގެއެވެ. ހުކުރުދުވަހު ހެނދުނު ދިހައެއްޖަހާއިރު ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާނީ،

"ސަމީރު އެކަމާގެން އުޅޭނެ،" ކަތީބު ހާސްކަމެއްނެތި ކަމުން ކިޔައިދިނެވެ.

"ޢިމްރާނުގެ މަސައްކަތާބެހޭގޮތުން އެއްވެސް ސުވާލެއް އޮތިއްޔާ ސަމީރު ކުރެން އަހައިލައްޗޭ."

ސަމީރަކީ ކަތީބުގެ އެހީތެރިޔާކަން ޢިމްރާނަށް އޮތީ އެނގިފައެވެ. އެހީތެރިޔެއް ކަމަކު ރަށު އޮފީހުގެ ހުރިހާ ކަމެއް އެންމެ ރަނގަޅަށް އެނގެނީ ސަމީރަށްކަން ޢިމްރާނަށް ވަނީ ޚަބަރު ލިބިފައެވެ. ސަބަބަކީ ކަތީބު ހިންގަމުންދާ ފިހާރައިގެ ވިޔަފާރީގެ ކަންކަމުގައި ކަތީބު ގިނަގިނައިން ދަތުރުކޮށް ހަދާތީ، ރަށު އޮފީސް ހިންގުމާ ޙަވާލުވެގެން ހުންނަ ސަމީރަށް މާގިނަ ތަޖުރިބާ ލިބެމުން ދިޔުމެވެ. ކަން މިހެން އޮތްކަމުގައި ވީނަމަވެސް ކަމެއްގެ މުހިންމުކަން ފާޅުވަނީ ޚުދު ކަތީބު ފެންނަން ހުރުމުންނެވެ. ޢިމްރާންގެ މަސްއޫލިއްޔަތަކީ މުހިންމު ކަމެއްކަން ރަށުގެ ރައްޔިތުންނަށް އަންގަން އެބަޖެހެއެވެ.

"ޞިއްޙީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ކަތީބުވެސް ހުންނެވީމާ ދެއްތޯ އެންމެ ރަނގަޅުވާނީ،" ޢިމްރާން ބުނެލިއެވެ. އޭނާގެ ދުލުކޮޅުން މި ޖުމުލަ ދޫވުމާއެކު ކަތީބުގެ ނިންމުން ބަދަލެއް ނުކުރެވޭނޭހެން އޭނާއަށް ހީވިއެވެ. އޭނާގެ ހީވުން ވަރަށް ސީދަލެވެ.

މުހިންމު ދަތުރުތަކެއް ރާވައިގެން މިއުޅެނީ... މާދަމާ އައިސް ދެން ތިވާހަކަ ދައްކައިލާނީ،" ސައިޖޯޑު ހުސްކޮށްލައިފައި ވަތުތަށީގައި ބަހައްޓަމުން

ކަތީބު ބުންޏެވެ.

ހުސް ސައިޖޯޑާއި ދިމާއަށް އިރުކޮޅެއްވަންދެން ކަތީބު ބަލަހައްޓައިގެން ވިސްނަން އިނެވެ. އެއަށްފަހު، "ޢިމްރާން ދެނަހުރިން ދެއްތޯ... ޢިމްރާންގެ ކަންތައްތައް ބަލަހައްޓަންޖެހޭނީ ޙަޤީޤަތުގައި އަޅުގަނޑެއް ނޫން. އެއީ

އަތޮޅުވެރިޔާގެ ޒިންމާއެއް. އެކަމަކު އެބޭފުޅާ ރަށުގައި ނެތީމާ އަޅުގަނޑު އެ ޒިންމާ މި އުފުލަނީ."

ކަތީބު ތެދުވެ ފޮށާގަނޑު ރަނގަޅުކޮށްލާފައި ޢިމްރާނާ ހަތަރުކަޅި ހަމަކުރިއެވެ.

"ޢިމްރާން އެކަން ދެނަހުރިން ދެއްތޯ؟"

"ލައްބަ! އަތޮޅު ކޮމިޓީން ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް އަޅުގަނޑަށް އަންގައިފައޮތީ. އެކަމު... ކަތީބު އަޅުގަނޑަށް ތިޔަދެއްވި އެހީތެރިކަމަށް ވަރަށް ޝުކުރުވެރިވަން،"

ޢިމްރާން މިހެން ބުނިއިރު ހިތުތެރޭގައި އެކި އިހުސާސްތައް އެނބުރެމުން ދިޔައެވެ. ރުޅިވެރިކަން ކަމެއް، ޝުކުރުވެރިކަން ކަމެއް އޭނާއަކަށްވެސް ނޭނގެއެވެ. އަތޮޅު ކޮމިޓީގެ ޚަބަރެއް ނުވަނީ ކީއްވެބާވައޭ ހިތަށް އެރިއެވެ. ޢިމްރާނަށް މިހާތަނަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލި ހަމައެކަނި މީހަކީ ޙަސަންކަލޯއެވެ.

ކަތީބާއެކު ޢިމްރާނުވެސް ތެދުވެ ހުރީ ކޮޅަށެވެ. އަދި ކަތީބާއެކު ނުކުތުމަށް ޢިމްރާން ހިނގައިގަތުމުން ކަތީބު އޭނާ ހުއްޓުވައިފައި ބުންޏެވެ.

"ނޫނޭ، ކައި ނިންމައިގެން ދާނީ. ކަމަކާ ހާސްވާނެކަމެއް ނެތް. ބޯ ގޮއްވާނެކަމެއް ނެތް. އަހަރެމެން ވަރަށް ގިނައިން މިގޮތަށް މިރަށަށް އަންނަ ޞިއްޙީ ޓީމުތަކަށް އެހީތެރިވަން. އެއީ މައްސަލައެއް ނޫން. އެއީ މި ރަށަށް ކޮށްދެވޭ ޚިދުމަތެއް. އަތޮޅަށް ދެވޭ އެހީތެރިކަމަކީ ހަމަ ރަށަށްވެސް ދެވޭ އެހީތެރިކަމެއްތާ، ދޯ! އަތޮޅުވެރިޔާ ނެތިއްޔާ ޙަސަންކަލޯ އެހެންނޫނީ ސަމީރު އަބަދުވެސް ފޮނުވާނަން އެހީވާން."

ޢިމްރާން އަނެއްކާވެސް އިށީނުމުން ކަތީބުގެ މޫނު މަތި ހިނިތުންވުމަކުން އުޖާލާވިއެވެ.

"މިހާރު ޢިމްރާންގެ ކެއުން ހަމަޖައްސައިފައޮތީ އަތޮޅުގެއިން ދޯ. ކެއުމުގެ ޚަރަދާއި ހުރުމުގެ ޚަރަދު ބަލަހައްޓާނީ އެމީހުން. އެކަމަކު ބުނަން، މި ގެއިން ކާހިތްވަންޏާ ފަސްޖެހޭނެ ކަމެއް ނެތް، ހަމަ މިގެއަށް އައިސް ވަދެލާފަ ސުފުރާމައްޗަށް އަރާނީ، އިނގޭ!"

ޢިމްރާން ރައްދުގައި ހީލާފައި ބޯޖަހައިލުމާއެކު، ކަތީބު އެނބުރި އަވަސްއަވަހަށް ގެއިން ނުކުމެގެން ހިނގައްޖެއެވެ. ގެއިން ނުކުންނަމުން ޙަސަންކަލޯ ގާތު ދޯނި ތައްޔާރުކުރީތޯ އަހައިލުމުން، ޙަސަންކަލޯވެސް ކުރަން ހުރި ކަމެއް ބަހައްޓާފައި ކަތީބުގެ ފަހަތުން ނުކުމެގެން ދިޔައީއެވެ. އެމީހުން މާ އަވަސްވެގަނެގެން އުޅެނީ މިއީ ހަޅައިގެ ނަކަތަށްވާތީކަންނޭނގެއެވެ. މިއީ ވައިބަދަލުވާނޭ ގޮތް ހަމަ އެއްގޮތަކަށްވެސް ކަށަވަރުނުވާ މޫސުމެކެވެ. ވައި ރަނގަޅިއްޔާ މެދުރިޔަލުގައިވެސް އެއް ގަޑިއިރުން މާބަޅިދޫއަށް ދެވުނަސް، ވައި ބަދަލުވެއްޖިއްޔާ އެ ރަށަށް ފޯރުމަށް ތިން ހަތަރުގަޑިއިރުވެސް ނަގައިފާނެއެވެ. އެހެންވެ ވައި ރަނގަޅަށް ހުރި ގަޑީގައި އަވަހަށް ފުރައިގެން ދިޔުން މުހިންމުވަނީއެވެ.

ކައި ނިމިގެން ޢިމްރާން ދިޔައީ ޞިއްޙީ މަރުކަޒަށެވެ. ޓިނު ދޮރުފަތްގަނޑު ހުޅުވައިލިއިރު އޭނާގެ ދެލޯހުރީ ބޮޑުވެފައެވެ. ހާސްވެފައެވެ. 'ޞިއްޙީ މަރުކަޒޭ' ބުންޏަސް މިތަނަކީ ހަމަ އެކީއެކަށް ހުހަށްހުރި ތަނެކެވެ. އެއްއިރެއްގައި ގުދަނަކަށް ބޭނުންކޮށްފައިވާ މި ކޮޓަރި ސާފުކޮށްފައި ހުއްޓެއްކަމަކު އަދިވެސް ހީވަނީ ގުދަނެއްހެންނެވެ.

މިތަން ރަނގަޅުކުރަން އެބަޖެހެއެވެ.

ފައިދޮށުގައި އޮތް ހިރިގާއޮޅީގައި ފައި ފުހެލުމަށްފަހު ޢިމްރާން ކޮޓަރިއަށް ވަދެ، ތަމްރީނުކުރުމުގެ ތެރޭގައި ކިޔައިދިން ބައިތަކުގެ ހަނދާން އައު ކޮށްލިއެވެ. ފުރަތަމަ ކަމަކަށް، ޞިއްޙީ މަރުކަޒަކީ އަބަދުވެސް މީހުންނަށް އަރާމާއި އެހީ ލިބޭނޭ ތަނެއްކަން އަންގައިދޭ ކަހަލަ ގޮތަކަށް ފަރުމާކޮށްފައިވާ ތަނަކަށް ވާންޖެހޭނެއެވެ. މިއީ ރައްކާތެރި ތަނެކެވެ. ޞިއްޙީ ފަރުވާއާ ގުޅޭ ސިފައެއް މިތަނަށް ގެންނަން އެބަޖެހެއެވެ. ޢިމްރާން ގެނައި ފޮށިގަނޑު ހުޅުވައިލައި އޭގެ ތެރެއިން ބޭސްފުޅިތަކާއި އެކި އާލާތްތައް ނަގަން ފެށިއެވެ. މި އެއްޗެހިތައް ރަނގަޅަށް ބަލައި ވަކިކުރުމަށްފަހު ބައެއް ސާމާނު، އެއްކަނުގައި ހުރި، ތަނުގައި ހުރި ހަމައެކަނި މޭޒުމަތީގައި އަތުރަން ފެށިއެވެ. ކުރިން މި މޭޒުމަތީގައި ރަސްކަންކުރި ފުޅިބައްތީގެ ވަށައިގެން އެކި ކުލަކުލައިގެ ބޭސްފުޅިތައް މިހާރު އެތުރިފައި އެބަ ހުށްޓެވެ. ކޮންމެވެސް ވަރަކަށް މޭޒުމަތީގެ ފަޅުކަންފިލައިގެން ހިނގައްޖެއެވެ. އެއަށްފަހު ތަންކޮޅެއް އަލިވާ ހިސާބަކަށް ފަށްޖެހި އެނދު ދަމައި ގެނައުމަށްފަހު ޢިމްރާން އަނެއްކާވެސް ކޮޓަރި ތެރެއަށް ކަޅިއެއް ހިންގައިލިއެވެ. އޭނާއަށް އިތުރަށް ކުރެވޭނެ ކަމެއް ނެތެވެ. އެ ކޮޓަރީގައި އިތުރު އެހެން އެއްޗެއް ހުރީކީ ނޫނިއްޔާއެވެ. ސަމީރު ހޯދައިގެން ހަތަރުވަރަކަށް ގޮނޑި ލިބޭތޯ މަސައްކަތް ފަށަން ޢިމްރާން ނިންމިއެވެ. ކޮޓަރީގެ ފާރުތަކުގައި ހުރީ އުވަޖަހާފައެވެ. އެހެންވީމާ ފާރުގައި ޕޯސްޓަރުތަކެއް ހަރުކުރެވިދާނެއެވެ. ޞިއްޙަތާބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކުރެވޭނޭ ޕޯސްޓަރުކޮޅެއް ހަރުކުރުން ރަނގަޅެވެ. އެކަމަކު އޭގެ ކުރިން މިޒާތުގެ ޕޯސްޓަރުތަކެއް ހަދަން އެބަޖެހެއެވެ. ސަމީރު ހޯދަން ދިއުމުގެ ކުރިން ޢިމްރާން 'ޞިއްޙީ މަރުކަޒު' ފޮޅައި ސާފުކޮށްލިއެވެ.