އެންމެން އެކުގައި ކެއުމަކީ ދިވެހި އާއިލީ ދިރިއުޅުމުގައި ވަރަށް ފުންކޮށް މޫލާފައި އޮތް އާދަކާދައެކެވެ. ގޭގޭގައި ކެއުމުގެ ވަގުތަކީ ހަމައެކަނި އާދައެއް ނޫނެވެ. އެއީ އެކަކު އަނެކަކާ ގުޅި، ވާހަކަދައްކައި، އާއިލީ ލޯބި އިޙްސާސްކޮށްދޭ ވަގުތެކެވެ. މައިންބަފައިންނާއި ދަރިން އެއް ތަށިމަތީގައި ތިބެ، ދުވަހުގެ ކަންކަމާ ބެހޭގޮތުން ވާހަކަދައްކައި، ނަޞޭޙަތް ބަދަލުކޮށް، މަޖާކޮށް، އާއިލާތަކާއި މުޖުތަމަޢު އެކަތިގަނޑަކަށް ހަދައިދޭ މުހިންމު ސިފަތައް ދަސްކޮށްދޭ ޚާއްޞަ ވަގުތުކޮޅެކެވެ. މި އާދައިގެ ތެރެއިން ކުދިންނަށް އިޙްތިރާމްކުރުމާއި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރާއި، އަމިއްލަވަންތަކަމާއި، އަދި އަޑުއަހާނެ މީހުން ތިބިކަމުގެ ހިތްހަމަޖެހުން ލިބިދެއެވެ.
ނަމަވެސް، ދިރިއުޅުމަށް އައި ބަދަލުތަކާއެކު، މި އާދަކާދަ މިހާރު ވަނީ މަޑުމަޑުން ފަނޑުވެ ގޮސްފައޭ ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ. މަސައްކަތުގެ ބުރަކަމާއި، ދިރިއުޅުމުގެ އާދަތަކަށް އައި ބަދަލުތަކާއި، ފޯނާއި ޓީވީ ފަދަ ވަސީލަތްތަކަށް ދެވޭ ވަގުތު އިތުރުވުމުގެ ސަބަބުން، ކުރީގައި އޮތް ފަދަ އާއިލީ ކެއުންތައް މިހާރު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. މި އާދައިގެ ކަންތައް އަހަރެމެންގެ ތެރެއިން ގެއްލިގެންދާއިރު، ޒުވާނުންނަށް ބޭނުންވާ ނަފްސާނީ ގުޅުމާއި، އިރުޝާދާއި، އަދި ކުރީބައިގައި ލިބެންޖެހޭ އެހީތެރިކަމަށް އޮތް އެންމެ ވަރުގަދަ މާހައުލުވެސް މިވަނީ ގެއްލިފައެވެ.
އެހެންކަމުން، އާއިލީ ކެއުމަކީ ހަމައެކަނި ކާބޯތަކެއްޗާ ގުޅިފައި އޮތް ކަމެއް ނޫންކަމާމެދު ވިސްނާލުން މުހިންމެވެ. އެއީ އެކަކު އަނެކަކަށް ވަގުތު ދިނުމާއި، ރައްކާތެރިކަން ފޯރުކޮށްދިނުމާއި، އަދި ޅަފަތުގެ ވިސްނުންތައް ހަރުދަނާކޮށްދޭ ކަމެކެވެ. ނަފްސާނީ ދުޅަހެޔޮކަމާއި، އަމިއްލަ ނަފްސަށް އޮންނަ ޤަދަރާއި، އަދި މަސްތުވާތަކެތީގެ ވަބާ ފަދަ ޒުވާނުންނަށް ކުރިމަތިވާ ނުރައްކާތަކާ މެދު އާއިލާތަކުން ކަންބޮޑުވާ މި ޒަމާނުގައި، އެންމެން އެކުގައި ކެއުމަށް މޭޒުދޮށަށް ޖަމާވުމުގެ މުހިންމުކަން ވަރަށް ބޮޑެވެ.
އާއިލީ ކެއުންތަކަކީ ހަމައެކަނި ކާބޯތަކެތީގެ މުއާމަލާތެއް ނޫނެވެ. އެއީ ފުރާވަރުގެ ކުދިންނަށް ނަފްސާނީގޮތުންނާއި އަދި އަޚްލާޤީ ގޮތުން ހެޔޮ އަސަރުތަކެއް ކުރާކަމެއްކަމަށް ސާބިތުވެފައިވާ ވަރަށް ވަރުގަދަ ސަގާފަތެކެވެ. އަދި ހަމައެހެންމެ، މަސްތުވާތަކެތި ބޭނުންކުރުން މަދުކުރުމަށް ވެސް ބާރުއަޅައިދޭ މުހިންމު އާދައެކެވެ. މިޒަމާނުގެ ބުރަ އަދި ހަލަބޮލި ދިރުއުޅުމުގައި، މައިންބަފައިން ގިނަ ވަގުތު ވަޒީފާގައި އުޅެންޖެހުނު ކަމުގައިވިޔަސް ނުވަތަ އާއިލާއާ ދުރުގައި އުޅެންޖެހުނު ކަމުގައިވިޔަސް، ހަފުތާއަކު އެއްފަހަރު ނަމަވެސް އެންމެން އެކުގައި (ބައްދަލުވެގެން ނުވަތަ ވީޑިއޯ ކޯލް މެދުވެރިކޮށްވިޔަސް) ކެއުމެއްގައި ބައިވެރިވުމަކީ ދަރީންގެ މުސްތަގުބަލަށް ހެޔޮ ބަދަލެއް އަންނާނެ ކަމެކެވެ.
އިބްރާހީމްގެ ވާހަކަ: ގުޅުން ބަދަހިކުރުމުގެ ސަގާފަތެއް
ކޮންމެ ބުރާސްފަތި ދުވަހެއްގެ ރޭގަނޑުގެ ކެއުމަށް އިބްރާހީމް އޭނާގެ އަންހެން ދަރިން އެއްކުރެއެވެ. އެކުދިންގެ ސްކޫލް ކަންތައްތަކާއި، ރައްޓެހިންނާއި، ދިމާވާ ގޮންޖެހުންތަކާ ބެހޭގޮތުން އެމީހުން ވާހަކަދައްކާއިރު، އިބްރާހީމް ކަނުލާ އަޑުއަހައި، ރަނގަޅު އަޚްލާޤާއި ދުޅަހެޔޮ ނިންމުންތަކާ ދިމާލަށް އެކުދިންނަށް މަގުދައްކައިދެއެވެ. މި އާދައަކީ އެ އާއިލާއަށް އަމާން އަދު އުފާވެރި މާހައުލަކަށް ވެއްޖެއެވެ. މިއީ މަސްތުވާތަކެއްޗާއި، ނަފްސާނީ ބުރަޔާއި، އެކުވެރިންގެ ނުފޫޒުން ދަރިން ރައްކާތެރިކޮށްދޭ ގުޅުން ބަދަހިކުރުމުގެ ރިވެތި ސަޤާފަތެކެވެ.
ދިރާސާތަކުން ދައްކާ ގޮތް
އާއިލީ ކެއުންތަކުގެ ސަބަބުން ފުރާވަރުގެ ކުދިން މަސްތުވާތަކެތި ބޭނުންކުރުން މަދުވާކަމާއި، މައިންބަފައިންނާއި ދަރިންގެ މެދުގައި އޮންނަ މުޢާމަލާތްތައް ރަނގަޅުވާކަން ދިރާސާތަކުން ކަށަވަރުވެއެވެ. ސުޕަރ (SUPPER - Substance Use Prevention Promoted by Eating family meals Regularly) އިނީޝިއޭޓިވްއިން ހޯދާފައިވާ ގޮތުގައި:
ކެއުމުގެ ވަގުތުގައި ވާހަކަދައްކާ އާއިލާތަކުގެ މެދުގައި މަސްތުވާތަކެއްޗާއި ބަނގުރަލާ ދުރުހެލިވުމަށް ސާފު އުސޫލުތަކެއް ކަނޑައެޅުމުގެ ފުރުސަތު، އެހެން ޢާއިލާތަކާ އަޅާ ބަލާއިރު، މިއާދަ އަށަގަންނަތާ 18 މަސްދުވަސް ތެރޭގައި، 40 އިންސަސްތަ އިތުރުވެފައިވާވެއެވެ.
ކެއުމުގެ ތެރޭގައި ބެލެނިވެރިން އިސްވެ ދައްކާ ވާހަކަތަކުގެ ސަބަބުން، މަސްތުވާތަކެއްޗާ މެދު ޒުވާނުން ދެކޭ ގޮތް ބަދަލުކުރުމަށް އެހީތެރިވެދެއެވެ.
އެހެން ދިރާސާތަކުން ދައްކާގޮތުގައި، ގަވާއިދުން އާއިލާއާއެކު ކެއުންތަކުގައި ބައިވެރިވާ އަންހެން ކުދިން މަސްތުވާތަކެތި ބޭނުން ކުރުމުގެ ފުރުސަތު ކުޑައެވެ.
މުހިންމީ ގުޅުމުގެ ފެންވަރެވެ. ކެއުމުގެ ވަގުތުގައި އެހެން ކަންކަމަށް ސަމާލުކަން ނުދީ، އެކަކު އަނެކަކާ މާނަހުރި ގޮތެއްގައި ބައިވެރިވުމަކީ ނުރައްކާތެރި އަމަލުތަކުން ދަރިން ރައްކާތެރިކޮށްދޭ ކަމެކެވެ.
މަސްތުވާތަކެއްޗާ ދުރުހެލިވުމުގެ އިތުރުން ލިބޭ ފައިދާތައް:
އާއިލީ ކެއުންތަކުގެ ސަބަބުން އަންނަނިވި ކަންކަމަށް އެހީތެރިވެދެއެވެ.
މާޔޫސްވުމާއި (depression) ހާސްކަން (anxiety) ކުޑަވެ، ނަފްސާނީ ދުޅަހެޔޮކަން އިތުރުވެގެންދެއެވެ.
ތައުލީމީ ކުރިއެރުން: އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވުމާއި މައްސަލަތައް ހައްލުކުރުމުގެ ހުނަރު އިތުރުވެއެވެ، ތަޢްލީމީ ގޮތުންނާއި ވަޒީފާގައި ކުރުއެރުން ތައް ލިބުމުގެ ފުރުޞަތު ބޮޑުވެއެވެ.
ރަނގަޅު ކާނާ ބޭނުންކުރުމާއި ދިރިއުޅުމުގެ އާދަތައް ތަރުތީބުކުރުމަށް އެހީވެދީ، ދުޅަހެޔޮ ދިރުއުޅުމަކަށް ބާރު އަޅައެވެ.
މިއަދުގެހާލަތުގައި މިއާދަ އަށަގަންނުވާނީ ކިހިނެއް؟
ރާއްޖޭގައި ހުކުރު އަދި ހޮނިހިރު ދުވަހަކީ ބަންދު ދުވަސްތަކަށް ވުމާއެކު، މި ދުވަސްތަކަކީ ހަފުތާގެ އާއިލީ ކެއުމުގެ އާދަ ފެށުމަށް އެންމެ ރަނގަޅު ދުވަސްތަކެވެ. މިހާރުވެސް އޮންނަ "ހުކުރު ދުވަހުގެ މެންދުރުގެ ކެއުން" އާއިލީ ބައްދަލުވުމަކަށް ބަދަލުކުރެވިދާނެއެވެ. ނަމަވެސް މިއަދުގެ ގޮންޖެހުންތަކާއެކު، ދެމަފިރިން ވަޒީފާ އަދާކުރުން ނުވަތަ އާއިލާ ވަކިން އުޅެންޖެހުމުން، ލުއިފަސޭހަ ގޮތްތައް ހޯދުން މުހިންމެވެ.
އެކަނިވެރި މައިންބަފައިން: އެކަކު ހުރި ކަމުގައިވިޔަސް މި އާދަ ހިފެހެއްޓުމަކީ ދަރިފުޅަށް ލިބޭ ވަރަށް ބޮޑު ހިތްވަރެކެވެ.
ވާޗުއަލް ކެއުންތައް: ދަރިން ދުރުގައި ތިބިނަމަ، ވަޓްސްއެޕް ނުވަތަ ޒޫމް މެދުވެރިކޮށް ކެއުމުގެ ވަގުތުގައި ގުޅާލައި، ވާހަކަދައްކާލެވިދާނެއެވެ.
ސާދާކޮށް ބޭއްވުން: މިއީ މާ ބޮޑު ކެއުމަކަށް ވާކަށް ނުޖެހެއެވެ. މުހިންމީ އެކުގައި ހޭދަކުރާ ވަގުތާއި ދޭ ސަމާލުކަމެވެ.
އާއިލީ ކެއުންތަކަކީ ހުރިހާ ކަމެއް ފުރިހަމަވުމެއް ނޫނެވެ. އެއީ އެކަކު އަނެކަކާ އޮންނަ ގުޅުމާއި، މުޢާމަލާތް ކުރުމާއި، އެކަން ދެމެހެއްޓުމެވެ. މާލޭގެ ކެއުމުގެ މޭޒެއްގެ ދޮށުގައިވިޔަސް، ނުވަތަ ރަށްތަކަކަށް ބެހިފައިވާ އާއިލާއެއް ފޯނު ޒަރިއްޔާ އިންވިޔަސް، މައިންބަފައިންނަށް ކެއުމުގެ ވަގުތު ބޭނުންކޮށްގެން ދަރިންގެ ކިބައިގައި ކަންކަމަށް ކެތްތެރިވުމުގެ ބާރު އަށަގަންނުވައި، އެކުދިންގެ ދުޅަހެޔޮކަން ރައްކާތެރިކުރެވިދާނެއެވެ.