Dr Abdul Sattar Yoosuf
Dr Abdul Sattar Yoosuf

ހިމޭން ބަޠަލުން: މަންޒިލާ ދިމާއަށް 4

ކޭލާފުށި ރަށު އޮފީސް ހިންގަމުންދަނީ ބޮޑު ނިކަގަހެއްގެ ހިޔަލުގައި ހުރި ދެ ކޮޓަރީގެ ކުޑަ އިމާރާތެއްގައެވެ. ޒިޔާރަތްކުރާ މީހުންނަށް ފުރަތަމަ ވަދެވެނީ އަށްޓެއް ބަހައްޓައިފައި ހުންނަ މެހެމާނުން ބައިތިއްބާ ފެންޑާއަކަށެވެ. އޮފީސް ހިންގަނީ އެތެރެ ކޮޓަރީގައެވެ. އުވަޖަހައި ހުނި ލާފައިހުރި ފާރުތަކުން ވަނީ ކުލަ ވެއްޓި ބާވެފައެވެ. ބައެއް ތަންތަންކޮޅުގައި ފެހީގެ އަސަރުން އޭގެ ކުލަވަރު ފާރަށް ފޭދިފައި ހުށްޓެވެ. ޢިމްރާން ގޮސް އޮފީހަށް ވަތްއިރު އުއި ފޮތިގަނޑެއް އަޅައިފައިވާ މޭޒެއްގެ ދޮށުގައި މީހަކު އިސްޖަހައިގެން ލިޔަން އިނެވެ. މޭޒުމަތީގައި ހުރި ހަމައެކަނި އެއްޗެހިއްސަކީ ހައެއްކަ މޮނީޓަރު ފޮތަކާއި ފަތިގަނޑަކާއި ފަންސުރު ފޮށްޓެކެވެ. ކަރުގައި އޮތް ޓައީއަށް ދަމައިލަމުން އެމީހާ އިސްއުފުލައި ޢިމްރާނާ ދިމާއަށް ބަލައިލިއެވެ.

"ތިޔައީ ޢިމްރާން ދެއްތޯ؟" އޭނާ ކޮޅަށް ތެދުވަމުން އަހައިލިއެވެ. "އަޅުގަނޑަކީ ސަމީރު."

"ލައްބަ... ޢިމްރާން،" ސަމީރުއާ ސަލާންކުރަމުން ޢިމްރާން ބޯޖަހައިލިއެވެ. "ޢިމްރާނުގެ މަސައްކަތާ ގުޅޭ ގޮތުން ކަތީބު އަޅުގަނޑަށް މަޢުލޫމާތު ދެއްވި... ޞިއްޙީ މަރުކަޒު ހުޅުވުމުގައި އެހީތެރިވުމަށް އެންގެވި. ވަރަށް ދުވަސްވަންދެން އިންތިޒާރުކުރި ކަމެއް ކުރަން ތިޔަ ދުރުވީ. މި ރަށުގައި ޞިއްޙީ މަރުކަޒެއްގެ މަސައްކަތް ފަށަން އެބަޖެހޭ."

"ލައްބަ! މަރުކަޒު ރަނގަޅަށް ހިންގުމަށް ބޭނުންވޭ އެހީތެރިކަމެއް... އެހީތެރިއެއް ލިބިއްޖެއްޔާ ފަސޭހަވާނެ،" ފުރުސަތުގެ ބޭނުންކޮށްލަމުން ޢިމްރާން ބުނެލިއެވެ. ޞިއްޙީ މަރުކަޒަށް، އޭނާއަށް އެހީތެރިއެއް ހޯދުމުން ނޫނީ ކުރަންހުރި ހުރިހާ ކަމެއް ނުކުރެވޭނެތީއެވެ.

"ޢިމްރާނުގެ ކެއުމާއި ހުރުމާއި މުސާރަ ހަމަޖައްސަނީ އަތޮޅު ކޮމިޓީންތާ... އެ ފަރާތުން އެހީތެރިއެއްވެސް ހަމަޖައްސާނެ،" ސަމީރު އަވަސް އަވަހަށް ބުންޏެވެ. "އެފަރާތުން ނޫންތޯ ހުރިހާ އިންތިޒާމެއް ބަލަހައްޓަނީ؟ މަޑުކޮށްލައްވާ އިނގޭތޯ، މި ސިޓީ ލިޔެ ނިންމާލާފަ އިތުރަށް މަޝްވަރާކޮށްލާނީ. އަތޮޅު ކޮމިޓީގެ މުޤައްރިރާވެސް ބައްދަލުކުރެވިދާނެ."

މިހެން ބުނުމަށްފަހު މޭޒުކައިރީގައި ހުރި ގޮނޑިއެއްގައި އިށީނުމަށް ޢިމްރާނު ގާތު ބުންޏެވެ. އަދި އަލުން މޭޒުދޮށުގައި އިށީނދެ ސިޓީ ލިޔުމާއިގެން ސަމީރު ކުރިއަށްދިޔައެވެ. އޭނާ ފިޔަވައި ދެން އޮފީހުގައި ތިބީ ދެ ކާތިބުންނެވެ. ފެންޑާގައި ހުރި އަށިމަތީގައިވެސް ބަޔަކު މަޑުކޮށްލައިގެން ތިއްބެވެ.

"މިކަންތައް ވަރަށް އަވަހަށް ނިންމައިލާނަން،" މަޑުކޮށްލައިގެން ތިބި މީހުން އޮފީހަށް ވަނުމަށް އިޝާރާތްކުރަމުން ސަމީރު ބުންޏެވެ.

މަސައްކަތާގެން ސަމީރު ކުރިއަށްދިޔައިރު ރަށު އޮފީހަށް ވަންނަ ކޮންމެ މީހަކަށް ފެންނާނެ ގޮތަށް ފާރުގައި ހަރުކޮށްފައިހުރި ރައީސް އިބްރާހީމް ނާޞިރުގެ ފޮޓޯއަށް ޢިމްރާން ބަލަހައްޓައިގެން އިނެވެ. ނާޞިރު ވެރިކަމަށްވަޑައިގަތުމާއެކު ރާއްޖޭގެ އެކި ކަންކޮޅުގައި ޒަމާނީ އުސޫލުތައް އަށަގެންނެވުމަށް މަސައްކަތް ފަށްޓަވައިފައިވެއެވެ. ގަންޖުފޮރާހާއި މުންޑުގެ ބަދަލުގައި މިހާރު ސަރުކާރު އޮފީސްތަކުގެ މުވައްޒަފުން ތިބެން ޖެހެނީ ގަމީހުގެ ކަރުގޮށް އަޅުވައިގެން، ޓައީ އަޅައިގެން، ފަޓުލޫނު ލައިގެން، ބޫޓަށް އަރައިގެންނެވެ. ސަމީރު ލައިގެން ހުރީ މި 'ޔުނީފޯމު' ގެ ލާމަސީލު މިސާލެކެވެ. ކަރަށް ޓައީ ބާރުކޮށްލައިގެން އޭނާ ހުރީ ރަނގަޅަށް ބެގީ ޖަހައިލާފައެވެ. ތެޔޮލައި ތަތްކޮށްފައިވާ އިސްތަށިން ދަޅައަޅައެވެ. ސަމީރު ބުނިގޮތަށް ތެދުވެރިކަމާއެކު ވަރަށް އަވަހަށް ކުރަންޖެހޭ މަސައްކަތްތައް ނިންމައިލައި، ޢިމްރާން ގޮވައިގެންގޮސް އަތޮޅު ކޮމިޓީގެ މުޤައްރިރާ ބައްދަލުކުރިއެވެ. ޞިއްޙީ މަރުކަޒު ހުޅުވުމާބެހޭ ގޮތުންނާއި، އެތަން ހިންގާނެ ގޮތާއި، ޢިމްރާނުގެ ދައުރާބެހޭ ގޮތުން މަޝްވަރާ ކުރިއެވެ. ޢިމްރާންގެ ހިތަށް ލުއިކަމެއް ލިބިގެންދިޔައީ، ޞިއްޙީ މަރުކަޒު ހިންގުމަށް ފަސޭހަކުރުމުގެ ގޮތުން އެހީތެރިއަކު ހަމަޖައްސާފައިވާކަމަށް އަތޮޅު ކޮމިޓީގެ މުޤައްރިރު ބުނުމުންނެވެ. "އަލަށް ޢައްޔަނުކުރެއްވި އަތޮޅުވެރިޔާ މި ވަގުތު އުޅުއްވަނީ އަތޮޅުތެރެ ބަލައިލުމުގެ ދަތުރުފުޅެއްގައި،" އަތޮޅު ކޮމިޓީގެ މުޤައްރިރު ޢިމްރާނަށް ސާފުކޮށްދިނެވެ.

"އެ ބޭފުޅާ އެނބުރި މި ރަށަށް ވަޑައިގަތުމަށްފަހު، ޔަގީނުންވެސް ޢިމްރާނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާނެ."

"ޢިމްރާނަށް ބޭނުންވާ ކަންތައްތަކާއި، ޞިއްޙީ މަރުކަޒުގެ އެންމެހައި ކަމެއް އަތޮޅު ކޮމިޓީން އިންތިޒާމުކޮށް ބަލަހައްޓާނެ،" އޭނާ އަނެއްކާވެސް ތަކުރާރުކޮށްލިއެވެ.

"ޞިއްޙީ މަރުކަޒުތައް ހިންގުމަށް ހަމަޖައްސާފައިވާ އުސޫލަކީ އެއީ ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައި ވަނީ. ޢިމްރާން މިކޮޅަށް ފޮނުވުމުގެ ކުރިން އެކަން ސާފުކޮށްދިން ދެއްތޯ!"

"އަތޮޅުތެރެއަށް ކުރަންޖެހިދާނެ ދަތުރުތަކުގެ އިންތިޒާމުވެސް ހަމަޖައްސައިދޭނަންތޯ؟" ޢިމްރާން އެނގެން ބޭނުންވިއެވެ.

"އަދި ޞިއްޙީ މަރުކަޒަށް ބޭނުންވާ ސާމާނާއި އާލާތްތައް ހޯދުމުގެ ޚަރަދުވެސް އޮންނާނެތާ... އެކަންތައްވެސް ހަމަޖައްސާނީ އަތޮޅު ކޮމިޓީންތޯ؟"

"އާދެ، އާދެ، ދަތުރުތައް ހިމެނޭ. ގާތްގަނޑަކަށް ހުރިހާ ކަމެއް ބަލަހައްޓާނީ އަތޮޅު ކޮމިޓީން... އެކަމަކު މަރުކަޒަށް ބޭނުންވާ ސާމާނު – ވާހަކައަކީ ބޭހާއި އާލާތްތައް – ޚަރަދުތަކުގައި ހިމަނާފައެއް ނެތް. އެ އެއްޗެހި ފޯރުކޮށްދޭނީ ޔުނިސެފް ފަންޑުންނާ އިނގިރޭސިވިލާތުގެ ފަންޑަކުން. އަޅުގަނޑުމެން އަތުގައި ލިސްޓެއް އެބައޮތް،" ސަމީރު ޔަގީންކަމާއެކު ބުންޏެވެ.

ސަމީރުގެ ޢަމަލުތަކާއި ބަސްމަގު ހުރިގޮތުން އޭނާއަކީ މަސައްކަތާ ވަރަށް ގަޔާވެގެން ޝައުޤުވެރިކަމާއެކު، ސަމާލުކަންދީގެން ކަންކަންކުރާ މީހެއްކަން ޢިމްރާނަށް އެނގުނެވެ.

ބީރައްޓެހި މި ރަށަށް އައިފަހުން ޢިމްރާންގެ ބޮލުތެރޭގައި ފުނިޖެހެމުން އައި ސުވާލުތައް ކޮންމެވެސް ވަރަކަށް މަދުވެގެންދިޔައެވެ. ހިތުތެރެއަށް ވެރިވި މާޔޫސްކަން ފަނޑުވިއެވެ. އޭނާއާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތު އަދާކުރުމުގައި ހަރުދަނާ ފަރާތްތަކުގެ އެހީތެރިކަން ލިބޭނެކަން ޔަގީންވީއެވެ. މަސައްކަތް ފެށުމަށް އަޅަންޖެހޭ ފިޔަވަޅުތައްވެސް އެނގުނީއެވެ. ދެން ކުރިއަށްއޮތީ ސަމާލުކަންދީގެން ޞިއްޙީ ދުޅަހެޔޮކަން މީހުނަށް ފޯރުކޮށްދިނުމެވެ. ތަމްރީނު ދިން އެދުރުންގެ ބަސްތައް ޢިމްރާންގެ ކަންފަތަށް އަލުން އިވެމުންދާ ކަހަލައެވެ. އޭނާއާ ހަވާލުކުރެވިފައިވާ މަސައްކަތަށް ޢަމަލީ ސިފައެއް މިއޮތްގެން އަންނަނީއެވެ.