މަޖީދިއްޔާ ސްކޫލްގެ ކުރިއެރުމާ ތަރައްޤީއަށް ކިތަންމެ ކުޑަނަމަވެސް ކަމެއްކޮށްދިނުމަކީ އަބަދުވެސް ހިތައް އުފާވެރިކަމުގެ އިޙްޞާސްތަކެއް ގެނެސްދޭ ކަމެކެވެ. ދާދިމިދާކަށް ދުވަހު، މަޖީދއްޔާގެ މުވައްޒަފުންގެ ”ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ސެޝަނެއް“ ގައި ސްކޫލް ގެ ހިންގުންތެރިންނާ، ޓީޗަރުންނާ، އެނޫން އެހެން މުވައްޒަފުންނަށް، ބަދަލުވަމުންދާ ދުނިޔެއަކަށް ހޭނުމާއި ކުރިއެރުމުގެ ސަގާފަތެއްބިނާކުރުމާ ގުޅޭގޮތުން ވާހަކަދައްކާލުމުގެ ފުރުޞަތު އަޅުގަޑަށް ލިބުނެވެ. އެއީ ލީޑަރޝިޕާއި، އުގަންނައިދިނުމާ، އަދި މަޖީދިއްޔާ ފަދަ އަޅުގަނޑު މެންނަށްވުރެ މާ ބޮޑު، މާ މަތިވެރި ތާރީޚެއް އަމާނާތެއްގެ ގޮތުގައި ޙަވާލުވުމުން ދިމާވާ ގޮންޖެހުންތަކާއި، ގެންނަންޖެހޭ ބަދަލުތަކާއި އަދި އުފުލަންޖެހޭ މަސްއޫލިއްޔަތާ ގުޅޭގޮތުން ހުށަހަޅައިދިން ހުށަހެޅުމެވެ.
މިހުށަހެޅުން ތައްޔާރު ކުރުމުގައި މަޖީދިއްޔާގެ މިހާރުގެ ތަޞައްވުރަށް ތަންކޮޅެއް ފުންކޮށް ވިސްނާލީމެވެ. ދެތިން ފަހަރު ތަޞައްވުރު ކިޔާލުމަށްފަހު މަޑުޖެހިލެވުނެވެ.
Establish Majeediyya as the leading school in the Maldives
"މަޖީދިއްޔާއަކީ ދިވެހިރާއްޖޭގެ އެންމެ ކުރިއަރާފައިވާ ސްކޫލުގެ ގޮތުގައި ކަނޑައެޅުން"
އިތުރަށް ވިސްނާލުމުން ހިތައް މޮޅިވެރިކަމެއް އިޙްޞާސްކުރެވި ދެރަވިއެވެ. އެއީ އެ ތަޞައްވުރު ގޯސްވެގެނެއް ނޫނެވެ. ކުރިއަރަން ބޭނުންވުމަކީ ތަޢުރީފު ޙައްޤު ކަމެކެވެ. އެންމެ މޮޅު މީހާއަށް ވާން ބޭނުންވުމަކީ މަތިވެރި އަޒުމެކެވެ. ނަމަވެސް، މަޖީދިއްޔާގެ ކަރާމާތާއި ތާރީޚުގެ ހިޔަލުގައި ބޮޑުވި މީހަކަށް ވީތީ އަޅުގަނޑުގެ ހިތުގައި މި ޖުމުލައިން ގަބޫލުކުރަން ދަތި ސުވާލެއް އުފެދުނީއެވެ.
މަޖީދިއްޔާއަކީ ރާއްޖޭގެ އެންމެ ކުރިއަރާފައިވާ ސްކޫލުގެ ގޮތުގައި "ކަނޑައަޅަން" އުޅެނީ ކީއްވެގެން ހެއްޔެވެ؟ މަޖީދިއްޔާއަކީ އެފަދަ ދެވަނައެއް ނެތް ސްކޫލެއް ނޫންތޯއެވެ؟
އެތައް އަހަރެއް ވަންދެން މަޖީދިއްޔާއަކީ ރާއްޖޭގައި ހުރި ތަޢްލީމުގެ އެންމެ އުސް މުންނާރެވެ. އެއީ ރާއްޖޭގެ ތަޢުލީމީ ދާއިރާގެ މިންގަޑުތައް ކަޑައަޅައިދިން މުއައްސަސާއެވެ. ޢިލްމުވެރިކަމާއި، ލީޑަޝިޕާއި، އަޚްލާޤާއި، އަދަބިއްޔާތާ، އަދި ޤައުމީ ޚިދުމަތުގެ ވާހަކަ ދެކެވޭ ކޮންމެ ފަހަރަކު، އެންމެ ފުރަތަމަ ދެކެވުނު ވާހަކައަކީ މަޖީދިއްޔާގެ ވާހަކައެވެ.
ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގެ ދަރިވަރުން އެ ސްކޫލަށް ބަލައި ނަމޫނާ ނެގިއެވެ. މުދައްރިސުން އެތަނުގެ ބައެއްގެ ގޮތުގައި ވުމަށް އުއްމީދު ކުރިއެވެ. އެ ސްކޫލުގެ ދޮރުން އެތެރެއަށް ދަރިން ވަންނާތީ އާއިލާތަކުން ފަޚުރުވެރިވިއެވެ. މަޖީދިއްޔާއަކީ ހަމައެކަނި ޤައުމުގެ ތަޢުލީމީ ނިޒާމުގެ ބައިވެރިއެއް ނޫނެވެ. އެއީ އެ ނިޒާމު ބައްޓަންކުރި މައި ތަނބެވެ. މަޖީދިއްޔަ ނޫރުން މުޅި ގައުމު އަލިކޮށްދިން ދަންމަރެވެ.
އެހެންކަމުން، މިއަދު އަލުން އެންމެ ކުރިއަރާފައިވާ ސްކޫލަކަށް "ވާން" މަސައްކަތްކުރާ ވާހަކަ ދައްކާއިރު، ފުންކޮށް ވިސްނާލަން ޖެހެއެވެ. ބަދަލުވީ ކޮން އެއްޗެއްތޯއެވެ؟ މި ވިސްނުން ބަދަލުވީ ކޮން އިރަކުތޯއެވެ؟ އަދި އެއަށްވުރެ މުހިންމު ކަމަކީ، އެއްދުވަސްވަރެއްގައި މުޅި ޤައުމުގެ ނަމޫނާއަކަށް މަޖީދިއްޔާ ހެދި އެ "ރޫޙު" އަލުން އަނބުރާ ހޯދުމަށް އަޅުގަނޑުމެން ކުރަންޖެހެނީ ކޮން ކަމެއް ހެއްޔެވެ؟
ހަމަ ޔަގީނުންވެސް މިފަދަ މުއައްސަސާތައް ކުއްލިއަކަށް ބަލިކަށިވެގެނެއް ނުދާނެއެވެ. އެއީ މަޑުމަޑުން އަންނަ ބަދަލެކެވެ. ކުދިކުދި ދޫދިނުންތައް އިތުރުވަމުން ގޮހެވެ. އަރުތަވީ ސަގާފަތްތައް ހަމައެކަނި އާދަކާދައަކަށް ބަދަލުވުމުންނެވެ. ކުރިއެރުމަށް ޓަކައި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ދޫކޮށްލާ، މަޑުމަޑުން "ފަސޭހަ ގޮތް ހޯދުމަށް" ބަދަލުވީމައެވެ. ދުވަސްތައް ފާއިތުވަމުން ގޮސް، ކުރިން މިންގަޑުތައް ކަނޑައެޅި މުއައްސަސާ، އެހެން ބަޔަކު ކަނޑައަޅާ މިންގަޑުތަކެއްގެ ފަހަތުން ދުވަން ޖެހުނީއެވެ.
މިއީ ވަކިވަކި ފަރުދުންނަށް ފާޑުކިޔުމެއް ނޫނެވެ. ކޮންމެ ޖީލަކަށްވެސް އެ ޖީލެއްގެ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެއެވެ. ރާއްޖެ މިވަނީ ވަރަށް ބާރަށް ބަދަލުވެފައެވެ. އާބާދީ އިތުރުވެ، ތަޢުލީމީ ނިޒާމު ފުޅާވެ، އާ އިސްކޫލުތައް އުފެދި، ދަރިވަރުންނާއި ބެލެނިވެރިންގެ އުއްމީދުތައް ވަނީ ބަދަލުވެފައެވެ. އާދޭހެވެ. ވާދަވެރިކަން އިތުރުވުމަކީ ޤައުމަށް އޮތް ރަގަޅެކެވެ.
ނަމަވެސް، ބޮޑެތި މުއައްސަސާތައް މިނެކިރަނީ އެތަނަކަށް ކުރިމަތިވާ ގޮންޖެހުންތަކަކުން ނޫނެވެ. އެ މުއައްސަސާއެއް މިނެކިރަނީ އެ ގޮންޖެހުންތަކާ ކުރިމަތިލާ، އިޖާބަދޭ ގޮތަކުންނެވެ.
މިއަދު އަޅުގަޑުމެންގެ ކުރިމަތީގައި އޮތް ސުވާލަކީ މަޖީދިއްޔާއަށް އަލުން ރާއްޖޭގެ އެންމެ ކުރިއަރާފައިވާ ސްކޫލަށް ވެވިދާނެތޯ ނުވަތަ ނޫންތޯއެއް ނޫނެވެ. އެންމެ މުޙިއްމު ސުވާލަކީ، އެންމެ ފުރަތަމަ މަޖީދިއްޔާ އެ މަޤާމަށް ގެންގޮސްދިން "ވިސްނުން" އަލުން ހޯދަން އަޅުގަޑުމެން ތައްޔާރުތޯއެވެ.
ތަޢުލީމީ ދާއިރާގެ ލީޑަޝިޕަކީ ހަމައެކަނި އިމްތިޙާނުގެ ނަތީޖާއެއް ނުވަތަ އިމާރާތްތަކެއް ނޫނެވެ. އެއީ އަރުތަވެރިކަމުގެ ސަގާފަތެކެވެ. އެއީ އުގެނުމާ އުގަންނައިދިނުމަށް އޮންނަ ޝައުޤުވެރިކަމެވެ. އެއީ ފުންކޮށް ވިސްނާ، ސާފުކޮށް މުޢާމަލާތްކުރާ، އަދި މުޖުތަމަޢަށް އޮތް މަސްއޫލިއްޔަތު އުފުލާނެ ޒުވާނުން ބިނާކުރުމެވެ.
ކުރިން މަޖީދިއްޔާއަކީ މި ސިފަތައް އާލާކުރުމުގައި ދެވަނައެއް ނެތް ތަނެކެވެ. އެ ސްކޫލުގެ ދަރިވަރުން ފާހަގަވެފައިވަނީ އެކުދިންގެ އަޑު އިއްވުމަށާއި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރަށާއި، އަދަބިއްޔާތުގެ ހުނަރަށާއި، އަދި އިސްނެގުމުގެ ރޫޙަށެވެ.
އެ ރޫޙު އަލުން އާލާކުރަން ޖެހެއެވެ.
މި މަތިވެރި މުއައްސަސާގެ 100 ވަނަ އަހަރީ ދުވަސް ގާތްވަމުން އަންނައިރު، އަޅުގަޑުމެންނަށް މި ލިބެނީ މަދު ބަޔަކަށް ނޫނީ ނުލިބޭނެ ފުރުޞަތެކެވެ. ސަތޭކަ އަހަރު ފުރުމަކީ ހަމައެކަނި މާޒީ ފާހަގަކުރުމެއް ނޫނެވެ. އެއީ މުސްތަޤުބަލު ބައްޓަންކުރަން ލިބޭ އެންމެ ބޮޑު ފުރުޞަތެވެ.
އަޅުގަޑުމެން ތަޞައްވުރެއްގެ ވާހަކަ ދައްކާނަމަ، އެ ތަޞައްވުރަކީ ހިތްވަރުގަދަ އެއްޗަކަށް ވާން ޖެހެއެވެ. މަޖީދިއްޔާގެ ތަޞައްވުރަކީ ހަމައެކަނި ރާއްޖޭގެ އެންމެ ކުރިއަރާފައިވާ ސްކޫލަށް ވުން ކަމުގައި ވެގެން ނުވާނެއެވެ. އެއީ މިފަދަ ތާރީޚެއް އޮތް ތަނަކަށް މާ ކުޑަ އަމާޒެކެވެ. އަހަރެމެންގެ އަމާޒު މިއަށްވުރެ މާ މަތިވެރިވާން ޖެހެއެވެ.
މަޖީދިއްޔާއަކީ މި ޤައުމުގެ ތަޢުލީމީ ދާއިރާގެ މިސްރާބު ކަޑައަޅައިދޭ ތަނަށް ވާންޖެހެއެވެ. އެއީ އުގަންނައިދިނުމުގެ އާ ގޮތްތައް ތަޖުރިބާކުރާ ސްކޫލަށް ވާންޖެހެއެވެ. އެއީ ތަޢުލީމާ ގުޅޭގޮތުން ޤައުމީ ފެންވަރުގައި ދެކެވޭ ވާހަކަތައް ބައްޓަންކުރާ މުއައްސަސާއަށް ވާންޖެހެއެވެ. އެއީ ލީޑަރުން ބިނާކުރާ، ފިކުރީ ހިތްވަރު ދޭ، އަދި ދަރިވަރުންނަކީ ހަމައެކަނި އަމިއްލަ ކާމިޔާބީ ހޯދާ ބައެއްގެ ބަދަލުގައި މުޖުތަމަޢަށް ޚިދުމަތްކުރާ ބަޔަކަށް ހަދާ ތަނަކަށް ވެސް ވާންޖެހެއެވެ.
ރާއްޖޭގެ ކޮންމެ މީހަކު ނަމަވެސް "މޮޅު ސްކޫލަކީ ކޮބައިތޯ؟" ސުވާލުކުރުމުން، އޭގެ ޖަވާބަކީ އިޚްތިޔާރަކާ ނުލައި މަޖީދިއްޔާ ކަމުގައި ވާންޖެހެއެވެ. އެއްވެސް ސްކޫލަކަށް މަޖީދިއްޔާއަށްވުރެ މަތީގައި އުޅެވޭކަމުގެ އިހުސާސް ކުރެވިގެން ނުވާނެއެވެ. އެއީ ބޮޑާކަމަކުން ނޫނެވެ. ނަމަވެސް މަޖީދިއްޔާއަކީ އަބަދުވެސް ނަމޫނާ ދައްކައިގެން ކުރިހޯދާ ތަނަކަށް ވާތީއެވެ.
މި ލީޑަރޝިޕް އަންނާނީ ހަމައެކަނި އިމާރާތްތަކަކުންނެއް ނޫނެވެ. އެއީ މީހުންގެ ފަރާތުން އަންނާނެ ކަމެކެވެ. ހަމައެކަނި ފިލާވަޅު ނަގައިދިނުމުގެ ބަދަލުގައި، ދަރިވަރުންގެ ހިތުގައި އުގެނުމުގެ ޝައުޤުވެރިކަން އުފައްދާދޭ މުދައްރިސުންގެ ފަރާތުންނެވެ. އާދަކާދަތަކުގައި ބައްދައިގެން ތިބުމުގެ ބަދަލުގައި، އާ އީޖާދުތަކަށް ފުރުޞަތުދޭ އިދާރީ މުވައްޒަފުންގެ ފަރާތުންނެވެ. ސުވާލުކުރުމަށާއި، އާ ކަންކަން އުފެއްދުމަށާއި، އިސްނެގުމަށް ހިތްވަރުދެވޭ ދަރިވަރުންގެ ފަރާތުންނެވެ. އަދި އެމީހުންގެ ދިރިއުޅުން ބައްޓަންކޮށްދިން މުއައްސަސާއަށް އެހީތެރިކަން ފޯރުކޮށްދޭ ދާރިސުންގެ ފަރާތުންނެވެ.
މަޖީދިއްޔާގެ ކުރިއަށް އޮތް ސަތޭކަ އަހަރު ކަޑައެޅޭނީ މާޒީއަކުން ނޫނެވެ. އެކަން ކަޑައެޅޭނީ މިއަދު އަޅުގަނޑުމެން ނިންމާ ނިންމުންތަކުންނެވެ. އެންމެ ކުރިއަރާފައިވާ ސްކޫލަކަށް "ވާން މަސައްކަތްކުރުމުގެ" ވިސްނުމުގައި ފަސޭހަކޮށް ތިބޭނީ ހެއްޔެވެ؟ ނުވަތަ، މި ޤައުމުގެ ތަޢުލީމީ މިންގަޑުތައް ކަޑައަޅައިދޭ މުއައްސަސާގެ ގޮތުގައި އޮތް "މަސްއޫލިއްޔަތު" އުފުލާނީ ހެއްޔެވެ؟
އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މަޖީދިއްޔާގެ ކިބައިގައި އެ ފަޚުރުވެރި ތާރީޚާއި، މުޖުތަމަޢުގެ ލޯތްބާއި، އަދި އަލުން އެ މަޤާމަށް އައުމަށް ބޭނުންވާ ރޫޙު އެބައޮތެވެ. ނަމަވެސް ހަމައެކަނި ތާރީޚަކުން ނުފުދޭނެއެވެ. އޭގެ ފަހަތުގައި ހިތްވަރު ހުންނަން ޖެހެއެވެ. ބަދަލުވުމުގެ ހިތްވަރެވެ. އާ ކަންކަން އީޖާދުކުރުމުގެ ހިތްވަރެވެ. އަދި މިހާރު ފެންނަން ހުރި ހިސާބަށްވުރެ މާ ދުރަށް ހުވަފެން ދެކުމުގެ ހިތްވަރެވެ.
މިކަން ރަގަޅަށް ކުރެވިއްޖެނަމަ، މަޖީދިއްޔާގެ 100 ވަނަ އަހަރީ ދުވަހަކީ ހަމައެކަނި މާޒީގެ ޞަފުޙާއެއް ނޫނެވެ. އެއީ ކުރިއަށް އޮތް ޤަރުނުގެ ލީޑަޝިޕްގެ ފެށުމެވެ.
އާދެ! NIHIL LABORE DIFFICILE އެވެ.