މިއީ 1980 ވަނަ އަހަރު މާރިޗު މަހު 30 ވަނަ ދުވަހު މ.މ.ދ. ޖަމްޢިއްޔާ އިން ނެރުނު ލުއި ފޮތެއްގައި ލިޔުއްވާ ފައިވާ ލިޔުމެކެވެ. އެފޮތުގައި ހިމަނުއްވާފައިވަނީ ހަމަ އެކަނި ފޮތުގެ ބަނޑޭރިގަނޑާ، މި ލިޔުމާ ފަހަތު ގަނޑެވެ. މި ހަރަތު ގަނޑުވެސް ފޮޓޯގެ ގޮތުގައި ލިޔުމާ އެކު ޙިއްޞާ ކޮށްފައި މިވަނީއެވެ. މ.މ.ދ. ޖަމްޢިއްޔާގެ އޭރުގެ މަސްއޫލުވެރިއެއްގެ ގޮތުން، ލިޔުން ލިޔުއްވާފައިވަނީ އަލްމަރްޙޫމް އިބްރާހީމް ޝިހާބެވެ.
----------
އަހަރުމަތިފުޅާއިއެކުގައި ޛިކުރާ ކުރަމުން
ސުމުއްވުލަ އަމީރު މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނު
އަޅުގަނޑުގެ މަޢުޡޫގެ ސުރުހީ ކިތަންމެ މަތިވެރިވެފައި ބޮޑުނަމަވެސް އެ ސުރުހީގެ ދަށުގައި ދަންނަވާލުމަށް މި ފުރުސަތުގައި ގަސްތުކުރަނީ ވަރަށް ކުރު އަދި ޚާއްޞަ ވާހަކަކޮޅެކެވެ.
ޝައްކެއް ނެތް ގޮތުގައި ސުމުއްވުލް އަމީރު މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނަކީ ދިވެހިރާއްޖޭގެ މިޒަމާނުގެ ތަމައްދުން ގެ އުފެއްދުންތެރިޔާއެވެ. ދިވެހި ޤައުމިއްޔަތުގެ ބާނީއެވެ. ދިވެހި ތަޢްލީމުގެ އަބަދައްފެހި ”މޫސުމް ބަޙާރު“ އެވެ. މިގޮތައް އެކިލެގެފާނުގެ
ޚިދުމަތްތައް ބަޔާން ކުރުމަކީ މިފަދަ ފުރުޞަތެއްގައި މިފަދަ މަދު ޢިބާރާތް ކޮޅަކުން ވެވުން އެކަށުގެންވާ ކަމެއް ނޫނެވެ. މިހެން ކަމުން މި ބަޔާން ލިޔުމުގެ ބޭނުމަކީ އެކިލެގެފާނުގެ ޛިކުރާ މ.މ.ދ. ޖަމްޢިއްޔާގެ ފަރާތުން އާކުރެވޭ ހިދު ހަމައެކަނި އެ ޖަމްޢިއްޔާ އާއި އެކިލެގެފާނާއި ދެމެދުގައި ހުރި ގުޅުމުގެ މައްޗަށް ކިތަންމެ ކުޑަ ނަމަވެސް އެއްޗެއް ދަންނަވާލުމެވެ.
ސުމުއްވުލް އަމީރު މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނު ރާއްޖޭގެ ތަޢްލީމަށް ކުރައްވަން ފެއްޓެވި ގިނަގުނަ ތަފާތު ޚިދުމަތް ތަކުގެ ތެރެއިން އެންމެ ބޮޑަށް ސަމާލުކަން ދެއްވި އެއްކަމަކީ މާލޭގެ ސަރުކާރުގެ ސަރުކާރުގެ މަދަރުސާ އިޞްލާޙު ކުރައްވައި އަންހެނ ކުދިންނާ ފިރިހެން ކުދިންގެ ތަޢްލީމަށް އޭގެ ކުރީގައި ދުވަހަކުވެސް ނުއަންނަ ފަދަ އާދިރުމައް ގެންނެވުމެވެ.
އަދި ދަންނަވަމެވެ. އެދުވަސްވަރުގެ ޖަމްޢިއްޔާގެ ހިގުމާއި މެދުގައި ދިގުކޮށް އެއްޗެއް ދަންނަވާކަށް އަޅުގަޑު ގަސްތެއް ނުކުރަމެވެ. ނަމަވެސް އެހިންގުމުގައި ހުރު ޙަރަކާތްތެރި ކަމާއި މެދުގައި ޚުދު މުޙަންމަދު އަމީންގެގެ ބަސްފުޅެއް މިތާގައި ދަންނަވާލާ ހިތްވެއެވެ. ”ޢަދޭހެވެ! އޭނާ ވިދާޅުވެފައިވެއެވެ. ތިމަންނާގެ ހިތްޕުޅު ހަމަޖެހޭވަރަށް ފޯރި އާއި ޖޯޝާއި އެކުގައި ހިގާ މަދު ކަންތައތަކުގެ ތެރެއިން އެއް ކަމަކީ މ.މ.ދ. ޖަމްޢިއްޔާގެ ކަންތަކެވެ.“
ކޮްނމެއަކަށް އަޅުގަޑުމެންގެ ޖަމްޢިއްޔާގެ ބާނީ (ނެވަތަ އެނަމުގައި ފުރަތަމަ ޖަމްޢިއްޔާއެއް އުފެއްދެވި ބާނީ) އޭނާގެ ނަންފުޅު ދުވަހަކުވެސް ދިވެހި ޤައުމުން ފޮހެވިގެން ނުދާފަދަ ޚިދުމަތް ތަކެއް އަދާކުރެއްވުމަށް ފަހުގައި މިހާރުވަނީ ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކުރައްވާފައެވެ. މާތްﷲ ގެ ރަޙްމަތުގައެވެ.
އެއްވެސް ޝައްކެއް ނެތެވެ. އަޅުގަޑުމެން މިއަދު މިފާހަގަ ކުރަނީ އެވަރުގަދަ ބަޠަލުގެ ޛިކުރާ އެވެ. އެ ލާމަސީލު މުޙިއްބުލް އަޢްލަމް ގެ ހަދާން ތަކެވެ. ދިވެހިންނަށް ޤައުމިއްޔަތަކީ ކޮބައިކަން ފިލުވައިދެއްވި އުސްތާޛްގެ އަގުހުރި ދަރުސު ތަކެވެ. އޭނާގެ އަހަރުމަތިފުޅު ދުވަހުގައެވެ.

މިއަދު މ.މ.ދ. ޖަމްއިއްޔާގެ މަސްއޫލު އެއްވެރިއެއްގެ ގޮތުން ޖަމްޢިއްޔާގެ މެމްބަރުންނަށް އިލްތިމާސް ކުރަނީ މުޙަންމަދު އަމީން ގައުމަށް ދެއްކެވި ޚިދުމަތުގެ ނަމޫނާ ހުރިހާ މެންބަރުންމެ ފާހަގަ ކުރެއްވުމަށެވެ. އެމަގުން ހިންގެވުމަށެވެ. ދިވެހި ގައުމަށް މިހާރު ކުރިމަތިވެފައިވާ އޮތް އެންމެ ނުރައްކާތެރި ބައްޔަކީ އަމިއްލަ އެދުމުގެ ބައްޔެވެ. ފައިސާ އަށް އަޅުކަން ކުރުމުގެ ބައްޔެވެ. ކޮންމެ ކަމެއްގއި ގައުމަށްވުރެ ތިމާގެ އަމިއްލަ ފައިދާ އާއި މެދު ވިސްނުމުގެ ބައްޔެވެ. ރަގަޅަށް ދެނެހުރެގެން އަޅުގަޑު ދަންނަވަމެވެ. މިކަންކަމަކީ މުޙަންމަދު އަމީން އެކަންތއް ނައްތާލެއްވޭތޯ ވަރުގަދަ ޖިހާދާއި ހަގުރާމަ ކުރެއްވި ކަންތަކެވެ. ނަމަވެސް އެގެ ފަހުން ދިވެހީންގެ ތެރޭގައި މީހަކު އުފައްގާފައިވަނީ މިދެންނެވި ބަލިތަކެވެ.
އާދޭހެވެ! ޤުދުރަތުގެ ޢިނާޔަތް ދިވެހީންގެ މައްޗަށް ބޮޑެވެ. ނަތީޖާއެއްގެ ގޮތުން މިއަދު ދިވެހީންގެ ޒަޢީމަކު ކަމުގައި މާތްﷲ އަނެއްކާވެސް ދައްކަވާފައިވާނީ ސުމުއްވުލް އަމީރު މުޙަންމަދު އަމީން ދެއްކެވި އުސޫލުގެ މަތިން ގައުމީ ޚިދުމަތުގައި އަތުކުރު އޮޅާލައްވާފައިވާ ވެރިއެކެވެ. ދީނުގެ ޚިދުމަތް ކުރައްވާ ވެރިއެކެވެ. އަލުގަޑު ދެކޭ ގޮތުގައި ތަޢައްޞަބެއް ނެތް އަދި އަމިއްލަ އެދުމެއް ނެތް ކޮންމެ ދިވެއްސެއްގެމެ އެހީ އޭނާއަށް ރައްދުކުރަންވީ ވެރިއެކެވެ. މިކަމުގައި އަޅުގަޑުގެ ނަޒަރުގައި އެންމެ އިސްނަގަންވީ ބަޔަކީ އަޅުގަޑުމެންގެ ޖަމްޢިއްޔާގެ މެމްބަރުންނެވެ. މުޙަންމަދު އަމީން ގެ ހަދާނުގައެވެ. އޭނާ ގެންނެވި ޤައުމިއްޔަތު އަލުން ދިރުވުމުގެ ޢަޒުމުގައެވެ، ކުޑަވެސް ޞައްކެއް ނެތެވެ. އަލްއަމީރު މުޙަންމަދު އަމީން ދިވެހިރާއްޖެ އޭރުއޮތް ޖާހިލުކަމުން ސަލާމަތް ކުރެއްވިއެވެ. ދައުލަތާ ގައުމުގެ ކަންތައް ހިންގޭފަދަ ޒުވާނުންތަކެއް އުފެއްދެވިއެވެ. ދިރޭ ހެއްކަކީ ތިޔަ މެމްބަރުންނެވެ. އާދޭހެވެ. މިއަދުގެ ޒަޢީމުވެސް ގަަ މަސައްކަތް ކުރައްވަމުން އެގެންދަވަނީ ހަމަ އެމާތް މަޤަޞަދުގައެވެ. ދިވެހިރާއްޖެއިން ޖާހިލުކަން އެކީ ފޮހެލެއްވުމަށެވެ. ރާއްޖޭގެ ކަންކޮޅު ތަކަށް ޢިލްމުގެ އަލި ރައްދު ކުރެއްވުމަށެވެ. ވީއިރު އަޅުގަޑުމެން މުސްކުޅި ދަރިވަރުންނަށްވުރެ އެކަމުގެ ވާޖިބަށް އިސް ނަގަންވީ އެއްވެސް ބަޔަކު ރާއްޖޭގައި އެބަތިބިތޯއެވެ. ނެތްކަން ކަށަވަރެވެ.

ދުވަހުގެ މުނާސަބަތުގައި އަޅުގަޑުމެންގެ ސާފު ހިތްތަކުން ދުޢާ ކުރަމާ ހިންގަވާށެވެ. އިޚްލާޞްތެރި އަތްތައް އުފުލާ އިބްތުހާލު ވަމާ ހިންގަވާށެވެ. ސުމުއްވުލް އަމީރު މުޙަންމަދު އަމީން އަށް އޭނާ ކުރެއްވި ޢިލްމީ، ގައުމީ ޚިދުމަތުގެ ހެޔޮ ބަދަލު މާތްﷲ ގެމިޢުމަތްތަކުގެ ތެރެއިން ދެއްވުމަށެވެ. އެފަދަ ޚިދުމަތުގެ މަގުގައި ހިނގުމުގެ މަގު ދައްކަވާ ކޮންމެ ވެރިޔަކަށް އެކަލާގެ ނަޞްރުވެރިކަމާ ކާމިޔާބު ދެއްވުމަށެވެ. އެމަގުން ހިގުމަށް މަސައްކަތް ކުރަ ކޮންމެ މީހަކަށް އެސުވާމީންގެ ތައުފީޤު ދެއްވުމަށެވެ.
އިބްރާހީމް ޝިހާބު
(މ.މ.ދ. ޖަމްޢިއްޔާގެ މަސްއޫލު ވެރިއެއް)
