Dr Abdul Sattar Yoosuf
Dr Abdul Sattar Yoosuf

ހިމޭން ބަޠަލުން: މަންޒިލާ ދިމާއަށް 2

ދުވަސްވަރަކީ ރާއްޖޭގެ ގިނަ ކަންކޮޅުތަކުގައި މީހުން ދިވެހިބޭހުގެ މައްޗަށް ބަރޯސާވެގެން ތިބި ދުވަސްވަރެކެވެ. ރާއްޖެތެރޭ ރަށްރަށުގައި ބޭސް ފަރުވާ ބޭނުންނަމަ، ބޭސް ހަދަން ބޭނުންވާ އެކިއެކި ސަމާނު އެއްކޮށްގެން ބޭސްވެރިޔާކައިރިއަށް ދާންޖެހެއެވެ. އެއްކުރަންޖެހޭ ސާމަނަކީ ފަތްޕިލާވެއްޔާއި ގަސްގަހުގެ ތޮށްޓާއި މާމެލާމެއްޔެވެ. ދިވެހިބޭސް ގިނައިން ހަދަނީ ފަސޭހައިން ލިބެން ހުންނަ ތަކެތި ބޭނުންކޮށްގެންނެވެ. ނަމަވެސް ބައެއް ތަކެއްޗަކީ އިންޑިޔާއިން ގެނެސްފައި ހުންނަ ތަކެއްޗެވެ. ބޭސްވެރިކަމުގެ ހުނަރަކީ ސިއްރިއްޔާތުން ޖަރީވެފައިވާ ހުނަރެކެވެ. ކޮންމެ ކޮންމެ މީހަކަށް ބޭސް ހަދަންވީ ގޮތެއް ބޭސްވެރީން ކިޔައެއްނުދޭނެއެވެ. ބޭސްވެރިޔާ މުސްކުޅިވުމުން އޭނާގެ ތަޖުރިބާތަކާއި މަޢުލޫމާތުގެ ޚަޒާނާ ހިބަކުރާނީ އޭނާގެ ދަރީންނަށެވެ. މިއީ ވަރަށް ގިނަ ޒަމާންތަކެއް ވަންދެން ކަން އޮތްގޮތެވެ.

ނަމަވެސް، މިހާރު މުޅިން އާ ދުވަހަކަށް އިރުއަރަނީއެވެ. ސަރުކާރުން މަސައްކަތް ކުރަމުންދަނީ ހުޅަނގުގެ ބޭސްވެރިކަމުގެ އުސޫލުތައް ރާއްޖެއަށް ތަޢާރަފުކުރާށެވެ. މި މަޝްރޫޢުގެ ދަށުން އެލައިޑް ހެލްތު ސަރވިސަސް ޓްރެނިންގް ސެންޓަރުގެ ނަމުގައި އިދާރާއެއް ޤާއިމުކޮށް، ހެލްތު ވޯކަރުން ތަމްރީނުކުރުމުގެ މަސައްކަތް ފެށިއެވެ. އެންމެ ފުރަތަމަ ތަމްރީނު ލިބުނު ކުދިންގެ ތެރޭ ޢިމްރާން ހިމެނުނެވެ.

ޢިމްރާންމެންނަށް ތަމްރީނު ލިބިފައިވަނީ ވަރަށް ފުޅާ އަދި ވަށާޖެހެނިވި ތަމްރީނުތަކަކުންނެވެ. ސަބަބަކީ، ސަރުކާރުގެ އަމާޒަކީ ހުރިހާ ކަމެއްވެސް އެކަނި ކުރެވޭނެ ޤާބިލު ހެލްތު ވޯކަރުން އުފެއްދުން ކަމުގައިވުމެވެ. މީގެ ކުރިން ރާއްޖޭގެ ރަށްރަށަށް ދަތުރުކޮށް ހަދާފައިވަނީ 'ހެލްތު އެސިސްޓަންޓް' ގެ ނަމުގައި މަސައްކަތްކޮށްފައިވާ ބަޔެކެވެ. ރާއްޖޭގެ ޞިއްޙީ ދާއިރާގައި، ޞިއްޙީ އެހީތެރިންގެ ފެށުމަކީ އެމީހުންނޭ ބުނެވިދާނެއެވެ. ޒަމާނީ ޞިއްޙީ ފަރުވާގެ ބިންގަލޭވެސް ބުނެވިދާނެއެވެ. އެމީހުންގެ މައިގަނޑު މަސައްކަތަށް ވެފައިވަނީ މައިގަނޑު ހަތަރު ބައްޔެއް ނެއްތައިލުމެވެ. އެއީ ކެއްސުންބައްޔާއި، މެލޭރިޔާއާއި، ޖުޒާމްބައްޔާއި، ފައިލޭރިއާއެވެ. އެ ބަލިތައް އާންމުވަމުންދާތީ އެކަމަށް ހުއްޓުވުމެއް ގެނައުމަށް ޑަބްލިއު.އެޗް.އޯ. އިން ވަނީ ސަރުކާރަށް އެހީތެރިކަމާއި އެއްބާރުލުންދޭން ފަށައިފައެވެ.

މި ހަތަރު ބަލި ނެއްތައިލުމުގެ ފެށުމަކަށްވީ 1950 އަހަރުތަކުގެ ކުރިންވެސް ކުރެވުނު ސަރވޭތަކެކެވެ. އެ ސަރވޭތަކުން އެނގިފައިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފައިލޭރިއާ ވަރަށް އާންމު ކަމެވެ. އެދުވަސްވަރު އެކި ރަށްރަށާއި، މާލޭގައިވެސް، މުޖްތަމަޢުން އެކަހެރިކޮށްފައި ތިބި މިފަދަ ބަލި މީހުން ސަލާންޖަހަމުން ދިޔައެވެ. ބަލިޖެހިފައިވާ މީހުންގެ ދުޅަވެފައިވާ ފައި ނުވަތަ އަތް ފެނުމުން މީހުންގެ ހިތަށް ބިރުވެރިކަން ގެނުވައެވެ. އެ މީހުން މި ބަލީގެ ތެރޭގައި ނެތިދަނީއެވެ. މިހާރު 1970 ގެ އަހަރުތައް މިވަނީ ފެށިފައެވެ. މި ބަލި ޖެހިފައިވާ މީހުންގެ އަދަދު ކޮންމެވެސްވަރަކަށް ދަށްކުރެވިއްޖެއެވެ.

މިފަދަ ވާހަކަތައް ޢިމްރާންގެ ކަންފަތާ ހަމައަށް ފޯރުމާއެކު އޭނާއަށް ޞިއްޙީ ދާއިރާ ކަމުހިނގައްޖެއެވެ. ނިކަން ބަލާލަބަލަ! ކިހާ ކުރިއެރުމެއް ހޯދައިފި! އޭނާ ހިތަށް އެރިއެވެ. ހެލްތު އެސިސްޓުން ކުރި އަގުހުރި މަސައްކަތް ހުއްޓިގެންދިޔަނުދީ އެދާއިރާ ކުރިއަރުވަން ބޭނުންވިއެވެ. މި ފޯރިއާއެކު އޭނާ ގޮސް ހެލްތު ވޯކަރަކަށް ވުމުގެ ތަމްރީނު ހަދަން ފެށިއެވެ. ބިރުވެރި އެ ހަތަރު ބަލީގެ އިތުރަށް މާބަނޑު މީހުންނަށް ދިމާވާ މައްސަލަތަކާއި، ވިއްސުމާއި، ކުޑަކުދިންނަށް ކުރިމަތިވާ އުނދަގޫތަކާއި، ބަލިތަކާއި، ކާޑުބައްޔާއި، ބޭރަށްހިންގުން ފަދަ އާންމުވެފައިވާ އެތައް ބައްޔަކާއި އެ ބަލިތަކާ ގުޅިގެން ދިމާވާ މައްސަލަތަކާބެހޭ މަޢުލޫމާތު އޭނާއަށް ލިބިގެންދިޔައެވެ. ތަމްރީނުވަމުންދިޔައިރު އޭނާގެ ބޮލުގައިވަނީ މައިގަނޑު އެންމެ ޚިޔާލެކެވެ. އެއީ، ރާއްޖޭގައި ކުރަން ޖެހޭ ހާދަހާ ގިނަ މަސައްކަތެއް އެބައޮތްކަމެވެ.

އޭނާއަށް ތަމްރީނުތަކުން ދަސްވަމުން ދިޔައީ ހަމައެކަނި ވަކިވަކި މީހުނަށް ޞިއްޙީ ފަރުވާދޭކަށެއްނޫނެވެ. އޭނާ ތަމްރީނުވަމުން އައީ މުޅި މުޖްތަމަޢުގެ ޞިއްޙީ ހާލަތު ހުރިގޮތް ބަލައި، ޖުމުލަ ގޮތެއްގައި ރަށަކަށް ދުޅަހެޔޮ ޞިއްޙީ ހާލަތު ގެނެސްދިނުމަށެވެ. އަލަށް ތަމްރީނުވެގެންދިޔަ ކުދިންނަށް 'ހެލްތު ވޯކާރސް' ގެ ލަޤަބު ލިބިގެންދިޔައީ އެހެންވެގެންނެވެ.

ހުއްޓައިނުލާ މިކަން އެ ކުދިންނަށް ހަދާންކޮށްދެމުންދިޔައީ އެ ކުދިންނަށް ތަމްރީނުދިނުމަށް ރާއްޖެއައިސް ހުރި އިސް ނަރުހެއް ކަމަށްވާ އިނގިރޭސިވިލާތުގެ މިސް ރޯވަން އެވެ. މީނާއަށްފަހު ކްލާސްތައް ނަގައިދިނީ އިނގިރޭސިވިލާތުގެ ނަރުހެއްކަމަށްވާ މިސް ރޮބްސަންއެވެ. އަދި މީނާގެ ފަހުން ޓީޗަރަކަށް ލިބުނީ ފިންލޭންޑްގެ ރައްޔިތެއްކަމަށްވާ މިސް ޓޫހެންމާއެވެ. މީވާ ވަރުގަދަ ޝަޚުޞިއްޔަތެކެވެ.ހެލްތު ވޯކަރުންގެ ގޮތުގައި ތަމްރީނުވި ފުރަތަމަ ބެޗުގެ ކުދިންގެ ތާއަބަދަށް ރޫޙަކަށް ވެގެންދިޔައީ މިސް ޓުހެންމާގެ ފޯރިގަދަ ތަމްރީނުތަކެވެ.

"ހަރަންބީ!"

މިހެން މިސް ޓުހެންމާ ގޮވައިލުމުން އެކުދިންގެ ހިތް އުޖާލާވެގެންދެއެވެ. މިސް ޓޫހެންމާ ބުނިގޮތުން އެއީ އެފްރިކާގެ ކޮންމެވެސް ޤައުމެއްގެ ބަހުރުވައިން އެންމެން އެކީގައި މަސައްކަތްކުރުމުގެ ރޫޙު އާލާކުރުމަށް ބޭނުންކުރެވޭ ގޮވާލުމެއް ކަމަށް އެ ކުދިންނަށް ވިސްނުނެވެ. އަދި "ހަރަންބީ!"ގެ ރޫޙު އެ ކުދިންގެ ކިބައިގައި އަށަގަތެވެ. މި ގޮތުން މިސް ޓޫހެންމާގެ ފަރާތުންވެސް އަގުނުކުރެވޭފަދަ ނަސޭހަތާއި އިރުޝާދު އެ ކުދިންނަށް ލިބިގެންދިޔައެވެ.

އެލައިޑް ހެލްތު ސަރވިސަސް ޓްރެއިނިންގް ސެންޓަރުގައި ޢިމްރާން ހޭދަކުރި ދުވަސްތަކަކީ ވަރަށް އުފާވެރި ދުވަސްތަކެކެވެ. މަޢުލޫމާތު ލިބުނު، ދަސްކުރެވުނު، މަސައްކަތްކުރެވުނު، އޯގާތެރި މުދައްރިސުންގެ ބެލުމުގެ ދަށުން ސިކުނޑި ތަނަވަސްވެގެންދިޔަ ދުވަސްތަކެކެވެ. އަދި ކުރިއަށް އޮތްތާނގައި ފޮތްތައް ކިޔައިގެން އަމިއްލައަށް މަޢުލޫމާތު ހޯދުމުގެ ފުރުސަތު ފުޅާކުރުމުގެ ގޮތުން، ދަރިވަރުންނަށް އިނގިރޭސި ބަސްވެސް ޢަމަލީގޮތުން ބޭނުންކުރެވޭނެފަދަ މިންވަރަކަށް ދަސްކޮށްދީފައިވެއެވެ.

ދެ އަހަރުދުވަހުގެ މި ތަމްރީނަށް ޢިމްރާނު ހޮވުނުކަމުން އޭނާ އުފައުވީ، ދެން ދުވަހަކުވެސް ވަޒީފާއެއް ނުލިބިގެން އުޅެން ނުޖެހޭނެކަން ވެސް އިޙްސާސްވުމުންނެވެ. މިކަން އިތުރަށް ކަށަވަރުވީ ތަމްރީނު ލިބެމުންދިޔަ ދުވަސްވަރު ހުރިހާ ކުދިން ރަށްރަށުގެ ހާލަތު ބެލުމަށް ކުރި ދަތުރުތަކުންނެވެ. ރާއްޖޭގެ ރަށްރަށުގައި އުޅޭ މީހުންގެ ހާލަތު ފެނި، އެމީހުނަށް އެހީތެރިވުމުގައި ހެލްތު ވޯކަރުންގެ މުހިންމު ދައުރެއް އެބައޮތްކަން އެނގުމުންނެވެ. އެ ރަށްރަށުން ފެނިގެން ދިޔަ މަންޒަރުތަކަކީ ޢިމްރާނަށް އެއްވެސް ގޮތަކަށް އައު މަންޒަރުތަކެއް ނޫނެވެ. އެއީ އޭނަ އުޅެ ބޮޑުވި ހާލަތެވެ. ނަމަވެސް އޭ. އެޗް. އެސް. ޓީ. ސީ. ތަމްރީނު ހެދުމުގެ ކުރިން، ލޮލަށް ފެންނަމުން ދިޔަ މަންޒަރުތައް ސިކުނޑިއަށް ފުރިހަމައަށް ނަގައިނުގަނެވޭ ކަހަލައެވެ. އެ ކުދިންގެ ލޯ އިތުރަށް ހުޅުވުނީ އެ ތަމްރީނުގެ ސަބަބުންނެވެ. އަދި ފެންނަންހުރި މައްސަލަތަކަށް ހައްލު ގެނައުމަށްޓަކައި ފިކުރުކުރަން ފެށުނީ އެ ތަމްރީނުގެ ސަބަބުންނެވެ. ކުޑަކުދިންނަށް ތަކުރާރުކޮށް ޖެހޭ ފަނިވުމާއި، ބޭރަށްހިންގުމާއި، ކާޑުބައްޔަކީ ހައްލުކުރެވޭނެ މައްސަލަތަކެއްކަމާއި، އެ ކުދިންނަށް ދުޅަހެޔޮ، ފުރިހަމަ މުސްތަޤްބަލެއް ހޯދައިދެވިދާނެކަން ޢިމްރާނަށް އެނގިގެންދިޔައެވެ.

ރައްކާވެތިބިއްޔާ ދަތުރޭ ބުނާފަދައިން ޢިމްރާންމެންނަށް ތަމްރީނުދިންއިރު ކިޔައިދީފައިވަނީ ބައްޔެއް ފެތުރުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށެވެ. ރަށްރަށުގައި އޮންނަ، އާދަކާދައާ ގުޅޭގޮތުން ހިނގަމުންދާ އުސޫލުތަކާހެދި މިކަމަށް މުހިންމު ކަމެއް ދޭންޖެހެއެވެ. އޮޑިދޯނިފަހަރު ލެފުމާއެކު، ގޮނޑުދޮށަށް މަސްތައް އަޅައިލައެވެ. މެހީގެ ބޯ ވިލާގަނޑެއް އެއެއްޗެހި ވަށައި އުދުހިފައި މަހުގައި ޖައްސައެވެ. ގިނަ ބަޔަކު ކަރުގޮހޮރު އަޅައި އެތަކެތި ގޮނޑުދޮށަށް ގިނަވެ ނުވަތަ ލައްގައި އޭގައި ފުޅަ އަޅައި އެއިން އެތަކެއް މެއްސެއް އުފެދެއެވެ. މި މެހިތައް މުޅި ރަށުގައި ގިނަވެ ރަށުތެރޭގައިވާ ނަޖިސް، މީހުންގެ ކާބޯތަކެއްޗަށް ވާސިލުކުރެއެވެ. އަދި މެހިތައް ބުރާވަރުން ގިނަ ގޭގޭގައި ކައިބޮއިއުޅުމަށް ދަތިވާވަރަށް ހާލަތު ގޮސްފައިވެއެވެ.

މިއީ ޢިމްރާން ކުޑައިރު އޭނާގެ ރަށުންވެސް ފެނިފައިވާ އާންމު މަންޒަރެކެވެ. ނަމަވެސް، މިހާރު އެ މަންޒަރު ހަނދާންވުމާއެކު މެހީގެ ސަބަބުން އެތައް ބައްޔެއް ފަސޭހައިން ފެތުރިގެންދާނެ ކަމާމެދު ފިކުރުކޮށްލެވެއެވެ. މީގެ އިތުރުން، ރާއްޖޭގެ ރަށްރަށުގައި މީހުންނަށް ތުރާލާއި، ޞިއްޙީ ބިރުވެރިކަމާ ކުރިމަތިވަނީ މަދިރިއާއި މީދަލުގެ ޒަރީއާއިންނެވެ. ޞިއްޙީ ކަންކަމާބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް މި މަޢުލޫމާތުތައް ރަށުގެ ރައްޔިތުންނާ ހިއްސާކުރުމަށް ޢިމްރާން ނިންމިއެވެ. މިކަންކަމާމެދު ވިސްނަން އިންދާ ރޭގަނޑުގެ ހަމަހިމޭންކަމުގެ ތެރެއިން ޢިމްރާނުގެ މި ސަމާލުކަން ނައްޓުވައިލީ ވަރަށް މަޑުމަޑުން މީހަކު އެއްޗެއް ބުނާ އަޑު އިވުމުންނެވެ.

"ހެނދުނުގެ ނާސްތާއަށް ތަންކޮޅެއް އަވަހަށް ދުރުވުމަށް ކަތީބު ބުނުއްވި،"

ޢިމްރާން އިސްއުފުލައިލިއިރު ދޮރު ކައިރީގައި ޙަސަންކަލޯ ހުށްޓެވެ. ފުޅިބައްތީގެ ރީނދޫ އަލިން ކުރެހިފައިހުރި ޙަސަންކަލޯ ވާހަކަ ކުރިއަށްގެންދިޔައެވެ.

"އެކަމު އަތޮޅު ކޮމިޓީން ނިންމީ ރޭނގަނޑުގެ ކެއުން އަތޮޅު ގެއިން ތައްޔާރުކުރާ ގޮތަށް... އަތޮޅު އޮފީހުގެ ހުރިހާ މުވައްޒަފުން ކޭންބައްލަވަން ދަނީ އެތަނަށް. އިޝާ ނަމާދަށްފަހު ހުރިހާ އެންމެން އެދިމާއަށް ދާނެ."

"ޝުކުރިއްޔާ،" ޢިމްރާން ބުންޏެވެ.

"އަހަރެން ކުރިން އުޅުނީ ތިވާހަކަ އަހަން، އެކަމު މިހާރު ދެން މިއޮތީ އެނގިފައިތާ. ރޭނގަނޑުގެ ކެއުމަށްފަހު އަހަރެން ދެން ނިދަން ޖައްސައިލާނީ. ހެނދުނު ހަތެއްޖަހާ އެހާކަންހާއިރަށް ކަތީބު ގެޔަށް ދިޔަސް ރަނގަޅުވާނެދޯ؟ މާ އަވަސްވާނެބާ؟"

"ނޫނޭ، ހަމަ ރަނގަޅުވާނެ. އެއަށްވުރެ ބައިގަޑިއިރު ކުރިން ދުރުވިޔަސް ހަމަ ރަނގަޅުވާނެ... ކަތީބު މާދަމާ ކުޑަ ދަތުރެއްގައި ފުރުއްވާނެ، އެހެންވެ، ރަނގަޅީ ވީއެންމެ އަވަހަކަށް ދުރުވިއްޔާ."

"އެހެންތަ... އަހަރެން ދާނަން ހަގަޑި ބައިގަ."

ޙަސަންކަލޯ ދޮރުކަނީގައި އަތްވިއްދާލައިގެން ހުރިއިރު އޭނާގެ ފުރަގަހުގައިވަނީ ރޭގަނޑުގެ އަދިރިގަނޑެވެ. ހީވަނީ ކަޅުފޮއި ރެއެއްހެންނެވެ. މާލޭގެ މަގުތަކުގައި ހޮޅިބުރިޖަހާފައި ހުއްޓެއްކަމަކު ރަށްރަށުގެ މަގުތަކަށް ލިބޭ އަލިކަމަކީ ގޯތިތަކުގައި ދިއްލައިފައި ހުންނަ ފުޅިބައްތިންވާ ކަނި އަލިކަން އެކަންޏެވެ. އަދި އެހާ ދަމެއްވެސްނުވެއެވެ. ނަމަވެސް، އެހާ އަވަހަށް ރަށުތެރެ ފަޅުވެއްޖެއެވެ. ފަތިސްދަޅައަށް ހޭލުމުގެ ނިޔަތުގައި ރަށްރަށުގައި އެންމެންވެސް ނިދަނީ ވަރަށް އަވަހަށެވެ.

"އެންމެ ރަނގަޅު،" ޙަސަންކަލޯ ބޯޖަހައިލަމުން ބުންޏެވެ.

"މާބަޅިދޫއަށް ދަތުރެއްކުރެއްވުމަށް ކަތީބު ފުރުއްވާނީ. އަށެއްޖަހާކަންހާއިރު. މެންދުރު މާ ހޫނުގަދަވުމުގެ ކުރިން ކަތީބު ބޭނުންވޭ އެ ރަށާ ގާތްކުރަން."

"އާނ، އާނ، އަހަރެން ލަސްނުކޮށް ގަޑިއަށް ދާނަން،" ޢިމްރާން ތަކުރާރުކުރިއެވެ. "ޞިއްޙީ މަރުކަޒުގެ މަސައްކަތާބެހޭ ގޮތުންވެސް މަޝްވަރާކޮށްލަން އެބަޖެހޭ."

މިހެން ބުނުމަށްފަހު ކަތީބާބެހޭ އިތުރު މަޢުލޫމާތެއް ޙަސަންކަލޯ ދޭތޯ ބަލައިލަން ޢިމްރާން މަޑުކޮށްލިއެވެ. ޙަސަންކަލޯއަށް ކަތީބުގެ ޚިޔާލުތައްހުރި ގޮތް

ރަނގަޅަށް އެނގޭނެކަން ޢިމްރާނަށް އެނގެއެވެ. އެކަމަކު އިތުރު މަޢުލޫމާތެއް ހިއްސާއެއް ނުކުރިއެވެ.

"ދެން އަވަހަށް ރޭނގަޑުގެ ކޭންބެއްލެވުމަށްފަހު ދުރުވެ ރަނގަޅަށް ނިދިކުރައްވާ،" ޙަސަންކަލޯ، މިހެން ބުނަމުން ރޭނގަޑުގެ އަނދިރީގެ ތެރެއަށް އެނބުރި ހިނގައިގަތެވެ.

ބައިގަޑިއިރު ފަހުން، އިޝާ ނަމާދަށްފަހު ޢިމްރާން އަތޮޅުގެއަށް ކާންދިޔައިރު އެތަނުގައި ހުރީ އޭނާ އެކަންޏޭ ބުންޏަސް ދޮގަކަށްނުވާނެއެވެ. ކައްކާގެ އިތުރުން ދެން އިން މީހަކީ އޮފީހުގެ ކާތިބެކެވެ. އޭނާއާ ވާހަކަދައްކައިލުމުން އެނގުނީ އޭނާއަކީ މި އަތޮޅުގެ އެހެން ރަށެއްގެ މީހެއްކަމާއި، އަތޮޅުގެއަށް އެކަކުވެސް ކާން ނާންނަނީ އަތޮޅުވެރިޔާ ކުރައްވަމުންގެންދަވާ ދަތުރުފުޅެއްގައި އެންމެން ބައިވެރިވެފައިވާތީ ކަމުގައެވެ. އަތޮޅުވެރިޔާއާއެކު ނުދިޔަ ދެ މީހުންވެސް މިރޭ ކެއުމަށް ނިންމީ އެމީހުންގެ އަމިއްލަ ގެއިންނެވެ.

ބަނޑުފުރާލައިގެން އެނބުރި ގޮސް އޮށޯވެލުމަށްފަހު ޢިމްރާނަށް ހޭލެވުނީ ފަތިސްނަމާދުގެ ބަންގީގެ އަޑަށެވެ. ލޮލުއެސްފިޔަ ޖެހުމާއެކު ހޭލެވުނު ކަހަލައެވެ. ނަމަވެސް އެވީ ވަގުތުކޮޅު ފުންކޮށް ނިދުނެވެ. މި އެނދުވެސް ނިދަން މާ އުނދަގުލެއްނޫނޭ ހިތަށް އެރިއެވެ. ފައްޖެހިއެނދު މަތީގައި ފުރޮޅެލިއެވެ. ނޫނީ އެހާ ރަނގަޅަށް ނިދުނީ ދަތުރު ވަރުބަލީގެ ސަބަބުންކަން ނޭގެއެވެ. ޢިމްރާނަށް އާދަވެފައިވަނީ ބޮނބިނަރުން ހަދާފައިހުންނަ ގޮދަޑީގައި ނިދާށެވެ. މިއީ މިހާ ގިނަދުވަހަށް ފައްޖެހިއެނދެއްގައި ނިދަންޖެހޭ ފުރަތަމަ ފަހަރެވެ.

ވުޟޫކޮށްގެން ތައްޔާރުވެލައިގެން ބޭރަށް ނުކުތުމާއެކު ފަތިހުގެ ފިނި ވައިރޯޅި ޢިމްރާންގެ ބޮލުގެ އިސްތަށިތަކާ ކުޅެލިއެވެ. މިއީ ދުވަހުގެ އެންމެ ހިތްގައިމު ވަގުތެވެ. އިރުގެ ދޯދިތައް އަދި އުދަރެހުން، ފެންމައްޗެއްނުވެއެވެ. ވަޔާއެކު ގަސްގަހުގެ ފަތްތައް ހޫރޭ އަޑާއި، ގޮނޑުދޮށަށް ކުދި ރާޅު ޖަހައި، ބީހެމުންދާ އަޑުތައް ޖައްވަށް އާރޯކަމާއި އަމާންކަން ގެނެސްދެއެވެ. އަންހެންވެރިން ގޭގޭގެ ގޯތިތެރެ ކުނިކަހައި ސާފުކުރަމުންދިޔައެވެ. ތުންދަމައިގެން ލޯ ފޮހެންތިބި ކުދިވެރިން ދޮރުމަތީ ތިއްބެވެ. ފަނޑު ނޫކުލައިގެ ފަސްގަނޑު ތުނބުން ހާވަމުން ކުކުޅުތަކާއި ފިޔޮއްތައް ތޫލި އަޑުލައްވަމުން ދިޔައިރު، ގަސްގަހުގައި ކާޅުތައް ބަލަން ތިއްބެވެ. އޮޔާއެކުއައިސް ލައްގާފައި އޮތް މަހުގެ ގޮހޮރުގަނޑެއް ފެނިގެން ކާޅުތައް އަވަހަށް އަތިރިއަށް ފައިބައި އެޔާ ތޮޅެންތިބި ތަން، ހޭޅިފަށުން ޢިމްރާން ހިނގަމުންދިޔަ ވަގުތު އޭނާ ދުށްޓެވެ. އެވެރިންގެ ހަނގުރާމައިގެ ތެރެއަށް ކުކުޅުތަކެއްވަދެ ހިތްވަރާއެކު ގޮހޮރުގަނޑުގައި ކޮށައި ނަގަނީއެވެ. އެންމެފަހުން އެއް ކުކުޅު ގޮހޮރުގަނޑު ތުނބުލައިގެން ދުއްވައިގަތެވެ. ކާޅުތައް ބާރުބާރަށް ގޮވަމުން އުދުހިގެންގޮސް ރުއްރުކުގެ ފަންތަކުގައި ޖައްސައިލައިގެން ތިބެ އަނެއްކާވެސް ފާރަލަނީއެވެ.

ރަށުގެ ފަޅުތެރޭގައި ބޮއްކުރާތަކާއި މަސްދޯނިތައް ގޮނޑުދޮށަށް އަންނަ ރާޅުބާނިތަކުގެ މަތީ ހެލިލަހެލިލަ ހުށްޓެވެ. އެހެލުމަށްފަހު ކާށިތެލުން ކަޅިކޮށްގެން ބާލައިފައިވާ މަސްދޯނިތައްވެސް ހުށްޓެވެ. އެ އެއްޗެހި އެހުރީ މިއަދު މަހަށް ފުރަން ތައްޔާރުކޮށްފައެވެ. މަސްދޯނިފަހަރު އެހެލާ ދުވަހަކީ އާންމުކޮށް ހުކުރުދުވަހެވެ. މި ރަށްރަށުގެ އާބާދީ ކުޑަކަމުން ހުކުރު ވާޖިބުވާ ސާޅީސް މީހުން، ހުކުރުނަމާދުގެ ޖަމާޢަތަށް ހަމަނުވެދާނެތީ އެއްވެސް މަސްވެރިއަކު ހުކުރުދުވަހަކު މަހަކަށް ނުފުރާނެއެވެ. އެހެންވެ ހުކުރުދުވަސް ވެގެންދާނީ ރަށުގައި އެންމެ މީހުން ގިނަ، އެންމެ ފޯރިގަދަ ދުވަހަށެވެ. އާއިލާ ހަމަވާ ދުވަހަށެވެ. ކުޅިވަރުތައް ކުޅޭ ދުވަހަށެވެ. ފުޓްބޯޅައާއި ބައްޓާއި ރާޒުވާއާއި ތާސް ކުޅުމުގެ ޢީދުދުވަހެވެ. ސަރުކާރުގެ އިޢުލާނުތަކާއި އެންގުންތައް މީހުންނަށް އަންގަން އެންމެ ރަނގަޅު ދުވަހެވެ. މީގެ އަހަރުތަކެއްގެ ކުރިން މިކަން ކުރަނީ ސަންގު ފުމެގެންނެވެ. ސަންގުގެ ފުމޭ އަޑުފައްގަނޑަށް ރައްޔިތުން އެއްވުމުން އަންގާ އެންގުމެއް އަޑުގައި ނެތްތަނަށް ބާރަށް ގޮވާނެއެވެ. ސަންގު ފުމޭ ގޮތުން ދޭން އުޅެނީ ކޮން ޒާތެއްގެ އިޢުލާނެއްކަން މީހުންނަށް އެނގޭނެއެވެ.

ޢިމްރާން މިސްކިތަށް އެރިއިރު ރޭގައި އިޝާ ނަމާދު ވަގުތު އައިސްތިބި މީހުންނަށްވުރެ މަދުން މީހުން ތިބިކަން ފާހަގަވިއެވެ. ނަމަވެސް ބޮޑެތި މީހުންނާއި ދޮށީ އުމުރުގެ މީހުން ގިނައެވެ. އެއީ މަހަށް ފުރުމުގެ ކުރިން މަސްވެރިން މިސްކިތަށް އަރާ ތިބީމާކަން ނޭނގެއެވެ. ނަމާދުކޮށް ނިމުމާއެކު ޢިމްރާން މިސްކިތުން ފޭބީ ރަށުތެރެ ރަނގަޅަށް ބަލައިލުމަށް ހިތުލައިގެންނެވެ. މިސްކިތުން ފޭބެނީ ސީދާ ރަށުގެ ބޮޑުމަގަށެވެ. ކޭލާފުއްޓަކީ އަމީނީ ގިއުގަނޑަށް މަގުތައް ހަދައިފައިހުރި ކުޑަ ރަށެކެވެ. އެއީ އަމީން ދިދީ ރައީސްކަން ކުރެއްވި ޒަމާނުގައި ވެރިރަށް މާލޭގެ މަގުތައް ހަދައިފައިހުރި ގޮތަށް ރަށްރަށުގެ މަގުތައް ބައްޓަންކުރަން އެންގުމުން ކުރަން ފެށި ކަމެކެވެ. ކޮންމެ ގޯއްޗެއްގެ ވަށައިގެން ވަށައިފާރު އުސްކޮށް ރޭނުމެވެ. މަގުތަކުގައި ގަސް ނުހައްދައި ފަޅަށް ބޭއްވުމެވެ. މި އެންގުމަށް 25 އަހަރުވެފައިވާއިރުވެސް ރާއްޖޭގެ ރަށްރަށުގައި މި އުސޫލު އެބަގެންގުޅެއެވެ. ކޭލާފުށީގެ ބޮޑުމަގު ރަށުގެ އެއްފަރާތުގެ އަތިރިން އަނެއްފަރާތުގެ އަތިރިއަށް ސީދަލަށް ކަނޑައިފައިވާއިރު، އެހެން މަގުތައްވެސް ހުރީ ފުޅާކޮށް ދިމާ ސީދަލަށެވެ. ލޮލަށް ފަސޭހައެވެ. އެހެން ރަށްރަށާ މާބޮޑު ތަފާތެއް ނުފެނެއެވެ. އެހެން ރަށްރަށާ އެއްގޮތަށް ރަށް އޮތްނަމަވެސް ރަށުގެ ރައްޔިތުން އެހެން ރަށެއްގެ ރައްޔިތުންނާ އެއްގޮތެއްނުވާނެކަން ޢިމްރާނަށް އެނގެއެވެ. އެއް ރަށެއްގައި އުޅެނީ ދަނޑުވެރިކަމަށް އިސްކަންދޭ މީސްކޮޅެއްނަމަ އަނެއް ރަށެއްގައި އުޅޭނީ މަސްވެރިކަމަށް އިސްކަންދޭ މީހުންނެވެ. އަނެއްބައި ރަށްރަށުގައި ކުނަލާއި ސާންތި ވިޔުމަށް އިސްކަންދޭ މީހުންނެވެ. މި ރަށުގެ މީހުންނަކީ އޭނާގެ ރަށްފަދައިން މާލޭގެ މީހުންނާ ވަރަށް ތަފާތު ބަޔެކެވެ.