މިކޮލަމަކީ އަޅުގަނޑު 2012 ވަނަ އަހަރު ލިޔުނު "އަންސަންގް ހީރޯސް" ގެ ދިވެހި ތަރުޖަމާ "ހިމޭން ބަޠަލުން" މިފޮތުގައި ލިޔެފައިވާ ވާހަކައެވެ. ޚިޔާލީ ވާހަކައެއްގެ ގޮތުގައި ލިޔެފައި ވިޔަސް މީގައި އެކުލެވިފައިވާ ހާދިސާތަކަކީ ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާގައި ހަމަ ދިމާވެފައިވާ ޙަޤީޤީ ކަންކަމެވެ. އަޅުގަނޑު އުންމީދު ކުރަނީ މި ވާހަކަ ޢިލްމީ އޮއިވަރުގެ މި ކޮލަމުގައި ގެނެސްދިނުމަށެވެ.
--------------------
ޢިމްރާން ނަޒީރު ދަތުރުކުރަމުންދިޔަ މަސްދޯނި ކޭލާފުށީ ފަޅުތެރެއަށް ވަނީ، އޭނާ ހަވީރުގެ ފިނިރޯޅިތެރެއަށް ދޯނީގެ ދިރުނބާކޮޅަށް ގޮސް އިންދައެވެ. ތިލަވަމުންދިޔަވަރަކަށް ދޯނީގެ ފަށަން ވެލިގަނޑުގައި ބީހެން ފެށުމުން، ފަޅުވެރިން އަވަސް އަވަހަށް ދޯނީގެ ދެއަރިމައްޗަށް މޫދަށް ފައިބައި ދޯނި ހިފަހައްޓައި މަތަކުރަން ފެށިއެވެ. ވެލިގަނޑުގައި ފަށަން މަޑުމަޑުން ބީހެމުން ކޭއްތެމުންދިޔައިރު ޢިމްރާންގެ ނަޒަރު ހުއްޓިފައިވަނީ ރަށާ ދިމާއަށެވެ. ގޮނޑުދޮށުން ފެންނަމުންދިޔަ މަންޒަރުތަކާއެކު، މާޒީގެ ހަނދާންތަކުގެ ކުލަވަރު އޭނާގެ ދެލޮލުން ފެންނަންހުއްޓެވެ. އޭނާވެސް އުޅެ ބޮޑުވީ ހަމަ މިކަހަލަ ކުޑަކުޑަ ރަށެއްގައެވެ.
ދޯނީގެ މިސްރާބުހުރީ، ރުއްވަކަރުން ހަދާފައިހުރި ވީރާނާވެ ކަޅުވެފައިވާ ފާލަމާ ދިމާއަށެވެ. ފާލަމުގެ ވަކަރުތައް ހުރީ ނެއްޓި އެގޮތްމިގޮތް ވެފައެވެ. ބައެއް ތަންތަނުން ބައެއް ވަކަރުތައް ވަނީ މޫދަށް ވެއްޓިފައެވެ. އެކަހެރިވެފައިވާ ތަނބުތައް އުޑާ ދިމާލަށް އިނގިލިދިއްކުރާ ފަދަ ގޮތަކަށް ބަރިއަކަށް ހުއްޓެވެ. އާބާތުރަފިލުވަމުންދާ ކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. މި ހިތާމަވެރި މަންޒަރު ފިޔަވައި، ދެން ފެންނާން އޮތީ ކޭލާފުށީގެ ރީތި ގޮނޑުދޮށެވެ. ހެދިފައި ހުރި ފުނައާއި ދިއްގާ ގަސްތަކުގެ ތެރެއިން ބޯދިއްކޮށްފައިވާ ރުއްތަކުގެ ފަންތައް ފިނި ވައިރޯޅީގައިޖެހި ވިހުރެމުންދިޔައެވެ. ކުރެދި ގަސްތަކާއި، ހަލަވެލިގަސްތައް ރާޅުފަށާ ޖެހެންދެން ބޯކޮށް ހެދިފައި ހުށްޓެވެ. މި ގަސްތަކުގެ ތެރޭގައި އެންމެ އުސްކޮށް ހެދިފައިހުރީ ބިޔަ ނިކަގަހެކެވެ.
ގަސްގަހުގެ ހިޔަނިތައް ދިގުވާން ފަށާފައިވާ މި ވަގުތުގައި ގޮނޑުދޮށް އަދިވެސް އޮތީ އަސުރަށްފަހު ދޭ އަވިން ދިއްލާލާފައެވެ. ހުޅަނގުން ޖެހެމުން ދިޔަ މަޑުމަޑު ވައިރޯޅިއާއެކު ވެލިގަނޑުގައި ރުއްތަކާއި ގަސްގަހުގެ ހިޔަނި ނަށަމުންދިޔައިރު މި މަންޒަރަށް އިތުރު ދިރުމެއް ގެނެސްދެނީ ގުގުމަމުންދިޔަ ކުޑަކުދީންގެ ހުނުމާއި ހަޅޭކުގެ އަޑެވެ. އަތްވާއި ލޮނުން ގައިގެ ހަންގަނޑު އަނދައި ބޮލިކައިފައި ތިބި ދެތިން ކުދިން މޫދަށް އެރި ތިބެގެން ސަކަރާތްޖަހައެވެ. ގޮނޑުދޮށުގައި ދެފައިވައްކޮށްލައިގެން މަސްދޯންޏެއްގެ ހިލަމެއްވޭތޯ އުދަރެހަށް ބަލަބަލައި ތިބި ކުދިންތަކެއްވެސް ތިއްބެވެ. އިރުއޮއްސޭ ވަގުތު މަސްވެރިން އެނބުރި ރަށަށް އަންނައިރު އާންމުގޮތެއްގައި އަންހެންވެރިންނާ މުސްކުޅިފުރައިގެ މީހުންވެސް ގޮނޑުދޮށަށް އެއްވާނެއެވެ. މަސްވެރިންނާއި ފަތުރުވެރިންނަށް މަރުޙަބާ ކިޔައި، ގޮނޑުދޮށުގެ ހިތްގައިމުކަން ދެކިލައި، އިރުއޮއްސޭ ރީތި މަންޒަރު ބަލައިލުމަށް މިއީ ހިތްގައިމު ވަގުތެކެވެ. މެންދުރުގެ ރަތްދައްކަ އަވި ފަނޑުވެ ހަވީރުގެ ފިނިކަން ރަށުތެރެއަށް ފެތުރުމުގެ މުނާސަބަތު ފާހަގަކުރަމުންދާ ކަހަލައެވެ.
ޢިމްރާންގެ މާޒީގެ ހަނދާންތައް ބިނާވެފައި ވަނީ ޚުދު މިފަދަ މަންޒަރުތަކުގެ މައްޗަށެވެ. އޭނާގެ އަމިއްލަ ރަށުގައިވެސް ކުޑައިރު އުޅުނީ މިގޮތަށެވެ. އޭގެ ފަހުން މިހާރު އެތައް އަހަރެއް ފާއިތުވެ ގޮސްފައިވީ ނަމަވެސް، އަދިވެސް އަތޮޅުތެރޭގައި، ރަށްރަށުގައި މި ފެންނަނީ ހަމަ އެ މަންޒަރެވެ. ދިހަ އަހަރުދުވަސް ކުރިން ޢިމްރާނުވެސް އުޅުނީ އެތިބަ ކުދިންހެން މޫދުގައި ބަކަތެޅުމާއި ކުޅިވަރު ކުޅުމުގައެވެ. އުމުރުން ދިހަ އަހަރުގައި، އޭނާވެސް ފެތުމުގެ މުބާރާތްތައް ބާއްވައި، ގޮނޑުދޮށުގައި ދުވެ ފުމެ ހަދައި މަޖާ ކުރިއެވެ. އެއީ ފިކުރެއް، ނުތަނަވަސްކަމެއް ނެތް މާޒީގެ ދުވަސްތަކެވެ. ވެލިގަނޑުގައި ބީހެމުން ދޯނީގެ މައްޔާ ރަށާ ކައިރިވެއްޖެއެވެ. ޢިމްރާން އަވަސްއަވަހަށް ތެދުވެ ރާޅުތައް ބޭރަށް ދަމައިގަތް ވަގުތު ފަސްގަނޑަށް ފުންމައިލިއެވެ. ފައި ނުތެންމައި މިގޮތަށް ރަށަށް ފޭބުމަކީ އޭނާއަށް އާކަމެއްނޫނެވެ. ވެލިގަނޑުގައި ދެފައިވައްކޮށްލައިގެން ތިބި ކުދިންތައް އޭނާއާ ދިމާލަށް ބަލަން ތިއްބެވެ. އެ މީހުންގެ ޝައުޤުވެރިކަން ބޮޑަށް ހުރީ މަސްދޯންޏާއި، މަސްދޯނީގައި ހުރީ ކޯއްޗެއްތޯ ބެލުމަށެވެ. އަތިރިމައްޗަށް އެއްވެފައި ތިބި މީހުން މިހާރު ޖަމާވެފައި ތިބީ ސީދާ ދޯންޏާ ދިމާގައެވެ. އެ މީހުންގެ ތެރެއިން މީހަކު ޢިމްރާނަށް ގޮވައިލިއެވެ.
"އައްސަލާމުޢަލައިކުމް! ތިއީ ޢިމްރާނު ދޮއްތޯ؟"
ޢިމްރާން އެނބުރިލިއިރު ސަލާންކުރުމަށް އަތްދިއްކޮށްލައިގެން، ހުދު ގަންޖުފަރާހަކާއި މުންޑެއް އަނދެގެން ހުރި މެދު އުމުރުގެ މީހަކު ހިނިތުންވެލައިގެން ހުށްޓެވެ.
"ކަތީބު ފޮނުއްވައިގެން ބަލައި އައިސް އަޅުގަނޑު މިހުރީ،" އޭނާ ބުންޏެވެ. "ކަތީބު އެބައިންނެވި ގޭގަ މަޑުކުރައްވައިގެން."
"ވަޢަލައިކުމުއްސަލާމް،" ޢިމްރާން އެ މީހާގެ އަތުގައި ހިފައި ސަލާންކޮށްލައި ހީލިއެވެ.
އަތިރިމައްޗައް އެއްވި މީހުން މިހާރު ތިބީ ދޯނިދޮށުގައެވެ. ޢިމްރާނާއެކު އެ ދޯނީން މި ރަށު ބަޔަކުވެސް އައެވެ. މިހާރު އެ މީހުން ދޯނިން ފައިބައިގެން އައިސް ޢާއިލާއާ ރަޙްމަތްތެރިންނާ ބައްދަލުކުރަނީއެވެ. ދުވަސްވަރަކީ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާ މީހުނާއި މުދާ އުފުލައިދިނުމުގައި، ފެރީއެއްގެ ވާޖިބު މަސްދޯނިތަކުން އަދާކުރި ދުވަސްވަރެވެ. މިއީ ޚާއްޞަކޮށް މަސްވެރިކަން ދަށް ދުވަސްވަރު އާންމު ކަމެކެވެ. ހަނޑުލާއި، ބަނބުކޭލާއި، ފަތްކޭލާއި، ހަކުރާއި، ފުށާއި، ބިސްކޯދާއި މިފަދަ ބައިވަރު ސާމާނު ލައި ބަރާކޮށްގެން އަތޮޅުތެރޭގައި މި މަސްދޯނިފަހަރު ދަތުރުފަތުރުކުރެއެވެ. ބަލި މީހުން މާލެއަށް ގެންދިއުމުގައި އެހީތެރިވެއެވެ. ބަންޑާރަ ދަތުރުތައް ކޮށްދެއެވެ. މިހާރު، ދޯނިން ދަތުރުކުރި މީހުން ހަދިޔާގެ ގޮތުގައި ގެނައި ބަނބުކޭލާއި ކާށްޓާއި ހިކިމަސް ބާލައިގެން މީހުންނަށް ބަހަނީއެވެ “އަޅުގަނޑަށް މީހުން ކިޔައި އުޅެނީ ޙަސަންކަލޯ،"
ޢިމްރާނުގެ އަތުގައި ބާރަށް ހިފައިލައިފައި ސަލާންކުރަމުން އެމީހާ ބުންޏެވެ. އޭނާގެ އަތްތިލައިގެ ހަންގަނޑުގެ ބޯކަން އިޙްސާސްވުމާއެކު ޢިމްރާނަށް އެ ދެ މީހުންގެ ކިބައިގައި ހުރި ތަފާތު ހިތަށް ނަގައިގަނެވުނެވެ. ޙަސަންކަލޯގެ އަތްތިލައިގެ ހަންގަނޑު ބޯވެފައި އެވަނީ ބުރަ މަސައްކަތްކުރުމުންނެވެ. ރަށްރަށުގައި އުޅޭ ފިރިހެނުން ދަރުކޮށައި، ރުކަށް އަރައި، ކާށި ހެހި، ފަލިޖަހައި މިފަދަ އެތައް މަސައްކަތްތައް ކުރުމަކީ އާންމު ކަމެކެވެ. އެކަމަކު ޢިމްރާނުގެ އަތްތިލައިގެ ހަންގަނޑު ބޯވެފައިނުވަނީ އެފަދަ ކަންތައްތައް ކުރަންޖެހިފައި ނެތީމައެވެ. އޭނާއަކީ ރަށްރަށުގައި މިވެރީން ކުރާހައި ބުރަ މަސައްކަތުން މިންޖުވެފައިވާ ޖީލުގެ މީހަކަށްވާތީއެވެ. އެހެންނަމަވެސް އޭނާއަކީ ރަށްރަށުގެ އުސޫލުތަކާ މަސައްކަތްތަކަށް ކަނު މީހެއްނޫނެވެ. މިކަހަލަ މުޖްތަމަޢުތަކުގައި ކަންތައްތައް ހިނގާ ގޮތް އޭނާއަށް ރަނގަޅަށް އެނގެއެވެ. މި ފަދަ މުޖުތަމަޢެއްގައި އެކި މީހުން އަދާކުރަމުންދާ ދައުރާއި އެ މީހުންގެ މުހިންމުކަން އޭނާއަށް ފާހަގަކުރެވެއެވެ. ޢިމްރާން ގައިގައި އަށަގެންފައިވާ މުޖުތަމަޢަށް އެހީތެރިވުމުގެ ރޫޙު އާލާކޮށްދީފައި ވަނީ އޭނާގެ ބައްޕައެވެ. މީގެ ދެ އަހަރުދުވަސް ކުރިން އޭނާގެ ބައްޕަ އެޅި ފިޔަވަޅުތަކުގެ ނަތީޖާއަކަށް މިވީ، މިއަދު މި ރަށަށް ޚިދުމަތެއް ފޯރުކޮށްދިނުމަށް އޭނާ އައިސް މި ފަސްގަނޑުގައި ހުރުމެވެ.
ޢިމްރާނު މާލޭން ގެނައީ ދަބަހަކާއި ފޮށިގަނޑެކެވެ. ފޮށިގަނޑުގައި ހުރީ ހެލްތު އޮފީހުން ދިން ސާމާނެވެ. މި ފޮށިގަނޑުގެ ދެފަރާތުގައި ހުރި ވަކަވަލުގެ އުޅައްގަނޑުގައި ދެވެރިން ހިފައިގެން، ޢިމްރާނުގެ ދަބަސް ޙަސަންކަލޯގެ ބޮލަށް ލައިގެން، ދެވެރިން އެކީގައި ހިނގައިގަތީ ކަތީބުގެ ގެއާ ދިމާއަށެވެ. މާ ގިނަ އިރެއް ނުވެ އެ ދެމީހުން ތިބީ އެގޭ ދޮރުމަތީގައެވެ.
"އައްސަލާމުޢަލައިކުމް! އަމާން ދަތުރެއް ލިބުނުކަމަށް ހީކުރަން!"
ކަތީބު އަހަންމައިދީ މިހެން ބުނަމުން ޢިމްރާން އެގެއަށް ވަނުމަށް އިޝާރާތްކުރިއެވެ. "މި ފާއިތުވި ހަފުތާގައިވެސް މޫސުން ވަރަށް ރަނގަޅުތާ... މިހެން ރީތިކޮށް އޮންނާނެ ކަމަށް މީހުން ބުނަނީ. މަސްވެރިކަންވެސް ވަރަށް ތިޔާގި."
"ވަޢަލައިކުމުއްސަލާމް. ހަމަ ވަރަށް ރަނގަޅު ދަތުރެއް،" ޢިމްރާން ބުންޏެވެ.
ކަތީބެއްވެއްޖެއްޔާ މިލްކިއްޔާތުގައި މަސްދޯންޏެއް އޮތުން އެއީ ހަމަ ޔަގީން ކަމެއް، އޭނާ ހިތާހިތުން ކިޔާލިއެވެ. އެހާ އުޖާލާކަމެއް ކަތީބުގެ މޫނުމަތިން ފެންނަނީ އެހެންވެއެވެ. މިއީ ނަކަތެއް ފެށޭ ދުވަސްވަރުކަމަށްވެފައި މޫސުން އެހާ ރަނގަޅުވުމުގެ މާނައަކީ، ނަކަތް ނިމެންދެންވެސް މޫސުން ރަނގަޅުވުން ކަމަށް މީހުން ކިޔައިއުޅެއެވެ. މިއީ މަސްވެރިކަމުން ނަފާ ލިބޭ މީހުނަށް ލިބޭ އެންމެ އުފާވެރި ޚަބަރެވެ.
"ކުރިމަތިވި ދަތިކަމަކީ ހަމަ އެކަނި ދަހަނގުވެގެން ފަލިޖަހަން ޖެހުނުކަން..."
ޢިމްރާނު މިހެން ބުނަމުން، ދޯނީގެ ފަޅުވެރިން އަޑުގެ ނެތްތަނަށް އަންބާ ކިޔަމުން ދެތިން ގަޑިއިރުވަންދެން ހިތްވަރާއެކު ފަލިޖެހި ހަނދާން އާކޮށްލިއެވެ.
"އާނ! ތިއީ މި މޫސުމުގަ އާންމު ކަމެއް."
ކަތީބު، މިހެން ބުނުމަށްފަހު ޢިމްރާނަށް ހަމަޖެހިލައިގެން ޖޯލީގައި އިނދެ ފިނި އެއްޗެއް ބޯލާނެ ވަގުތުކޮޅެއް ދިނުމަށާއި އޭގެ ފަހުން ޢިމްރާން ޞިއްޙީ މަރުކަޒަށް ގެންދިއުމަށް ޙަސަންކަލޯ ގާތު ބުންޏެވެ. ޙަސަން ކަލޯ ހިނގައިގަތުމުން ޢިމްރާނުވެސް އޭނާގެ ފަހަތުން ހިނގައިގަތެވެ. ބޮޑުއަށި ކައިރިން ލާފައި ގޮސް ގޭގެ ބިއްދޮށަށް ވަދެ ޙަސަންކަލޯ ގެއްލިއްޖެއެވެ. ޢިމްރާނު ގޯތިތެރޭގައި ހުރި ޖޯއްޔެއްގައި ޖައްސައިލިތަނާހެން އަންހެން ކުއްޖަކު ލަދުރަކިކަމާއެކު އައިސް އޭނާއަށް އޮރެންޖް ޖޫސްތަށްޓެއް ދިއްކޮށްލިއެވެ. ރަހަ ބަލައިލުމާއެކު މިއީ މިހާރު ސިންގަޕޫރުން އެތެރެކުރާ މަޝްހޫރުވެގެން އުޅޭ "ރެޑްމޭން" ޖޫސްކަން ޢިމްރާނަށް އެނގިއްޖެއެވެ. ވަރަށް ފަހަކާ ޖެހެންދެންވެސް ރަށްރަށަށް ޒިޔާރާތްކުރާ މީހުނަށް ދިއްކޮށްލާ ފިނިބުއިމަކީ ލުނބޯފަނި ތަށްޓެކެވެ. ފަތުރުވެރިކަމުގެ ޞިނާޢަތް ކުރިއަރަން ފެށުމާއެކު މިކަހަލަ ބަދަލުތައް ރާއްޖޭން ދަނީ ފެންނަމުންނެވެ.
ދެފަހަރު މަތިން ޖޫސް ތަށި ހުސްކޮށްލުމުންވެސް ޢިމްރާނުގެ ވަރުބަލިކަމެއް ނުފިލިއެވެ. މެންދުރުވަގުތު ދޯނީގައި އޭނާ އިންނަންޖެހުނީ ރަތްދަކަ އަވީގައެވެ. ރިޔަލުން ލިބެން އޮތް ހިޔާކޮޅުގައި ބޭތިއްބީ އަންހެނުންނާއި ކުޑަކުދިންނެވެ. ޢިމްރާނު ޖޯލީގައި ރަނގަޅަށް ޖައްސައިލައި ލޯމަރައިލި ކަމެއް ނޭނގެއެވެ. ޙަސަންކަލޯގެ އަޑުން އޭނާ ސިއްސުވާލިއެވެ.
"ޢިމްރާން! ދުރުވޭ."
ޙަސަންކަލޯއާއެކު ޢިމްރާނު ނުކުމެގެން ދިޔައިރު ކަތީބުގެ ހިލަމެއްވެސް ނެތެވެ. އިރު އޮއްސެމާ ގާތްވަމުންދިޔަހެން ރަށުތެރެއަށް ހަވީރުގެ ހިޔަލުގެ ފިނިކަން ވެރިވާން ފަށައިފައެވެ. ހަވީރުގެ މި އަރާމަށް ގޭގެއިން ނިކުމެ އެތައް ބަޔަކު މަގުތަކުގައި އުޅެއެވެ.
"ޞިއްޙީ މަރުކަޒު މިހުރީ ހަމަ މިހިރަ ކަންމަތީ،" ޙަސަން ކަލޯ އަތުން އިޝާރާތްކުރަމުން ބުންޏެވެ.
ރަށުގެ ބޮޑު މަގު ހުސްވުމާއެކު މިހާރު އެމީހުން އެ ނުކުތީ ރަށުގެ ބޭރު މަގަށެވެ. ގޮނޑުދޮށާ އެންމެ ކައިރީގައި އިމާރާތެއް އަޅައިފައި ހުރީ މި ދިމާގައެވެ. ހެލްތު ސެންޓަރު ކަމަށް ބުނާ ތަނާ އަރާހަމަވުމުން ޙަސަން ކަލޯ އަވަސް އަވަހަށް ފޮށިގަނޑާ ދަބަސް ބިންމަތީގައި ބެހެއްޓިއެވެ. އޭނާ ތަނަކަށް ދާން ލަސްވެގެން އުޅޭ ކަހަލައެވެ. ކަތީބު ގެއަށް ތޯއްޗެއެވެ... އެ ގޯތި ސާފުކުރުމާއި ކުނިއުކައިލުމާއި ރޭގަނޑުގެ ކެއުމަށް ތައްޔާރުކުރުމަށް ގެނެސްފައިވާ މަސް ކަނޑައި ތައްޔާރުކުރުމުގެ މަސައްކަތް ކުރަން ތޯއްޗެކެވެ. ރާއްޖޭގައި ނޯކަރުންގެ ނަމުގައި ދަރަޖަ ވަކިކުރުން އެއީ ދުވަހަކުވެސް ކޮށްއުޅުނު ކަމެއްނޫނެވެ. ނަމަވެސް،1970 ވަނަ އަހަރުތަކުގެ ކުރިން ޙަސަންކަލޯ ފަދަ މީސްމީހުން ރާއްޖެއިން ފެނުމަކީ އާކަމެއް ނޫނެވެ. ފަތުރުވެރިކަމުގެ ޞިނާޢަތް ފެށުމުގެ ކުރިން ރާއްޖޭގައި ވަޒީފާގެ ފުރުސަތު ނުލިބޭތީ، ގިނަ ބަޔަކު އޮޑިދޯނިފަހަރު ގެންގުޅޭ މީހުންނާއި، ފަޅު ރަށްރަށް ގެންގުޅޭ ވިޔަފާރިވެރިންގެ ގާތުގައި އެތައް އަހަރުދުވަހެއް ވަންދެން މަސައްކަތްކުރަން އުޅެއެވެ. ނޯކިރީއެއްގެ ގޮތުގައި މަސައްކަތްކުރަން އުޅުނު ނަމަވެސް، އާންމުގޮތެއްގައި މިވެރިންވެސް ހިމެނިފައިވަނީ ޢާއިލާގެ ތެރޭގައެވެ. ޙަސަންކަލޯއަކީވެސް ކަތީބުގެ ޢާއިލާގެ މީހެއް ފަދައިން އުޅޭ މީހެއްކަން ޔަގީނެވެ.
ފޮށިތައް ބެހެއްޓި ހަލުވިމިނުގައި ޙަސަންކަލޯ ގޮސް ބޮޑު ތަޅެއް އަޅުވާފައި ހުރި ޓިނު ދޮރެއް ޢިމްރާނަށް ދެއްކިއެވެ.
”މީ ކުރީގަ މިރަށުގެ ގުދަން... ކާތަކެއްޗާއި ކާޑު ރައްކާކޮށްއުޅުނީ މިތާ،"
އޭނާ ތަޅު ހުޅުވަން އުޅެމުން ބުންޏެވެ. ދޮރުފަތްގަނޑު ހުޅުވުނީ އޭގައި ދަބަރު ޓިނުގަނޑު ބިމުގައި ގޭނޭ އަޑާއެކުގައެވެ.
”ކަތީބު އަހަންމައިދީގެ ގޯއްޗާ ކައިރި ތަނެއްގައި މިހާރު ކާޑު ރައްކާކުރަނީ،" ޙަސަންކަލޯގެ ވާހަކަ ކުރިއަށްގެންދިޔައެވެ.
”ކަތީބު ބުނުއްވީ މިތާގަ މާ ރަނގަޅުވާނެއޭ ޞިއްޙީ މަރުކަޒެއް ޤާއިމުކުރަން... އެއީ އަތިރިމައްޗާ ކައިރިއެއްނު، ދެއްތޯ، އެހެންވެ އެހެން ރަށްރަށުން ބަޔަކު އަޔަސް ފަސޭހަވާނެ މިތަނަށް އަންނަން."
ދޮރުހުޅުވައިލުމަށްފަހު ޙަސަން ކަލޯ ތަންދެއްކުމުން، ފޫޓެއްހާ އުސްމިނަށް ހަދާފައިހުރި އޮޅިގަނޑު ގިރާކޮށްފައި ޢިމްރާނު އެތެރެއަށްވަނެވެ. އޭނާގެ ފަހަތުން ޙަސަންކަލޯ ވަދެގެންގޮސް، ކަނެއްގައި ހުރި މޭޒެއްގެ މަތީގައިހުރި ކަރާސީނު ފުޅިބައްތިއެއް ދިއްލިއެވެ. ބައްތި ދިއްލުމާއެކު ގުދަނެއްގެ ގޮތުގައި އެއްއިރަކު ބޭނުންކޮށްފައިވާ އެ ކޮޓަރި ޢިމްރާނަށް ރަނގަޅަށް ފެނުނެވެ. އެއީ ބާރަ ފޫޓު، ބާރަ ފޫޓުގެ ކޮޓަރިއެކެވެ. އެތާގެ އެތެރެ ހުރީ ސާފުކޮށްފައެވެ. އެއް ފަރާތުގައި ފައްޖެހިއެނދެއް ބަހައްޓައިލައިފައި ހުށްޓެވެ. އެއާ ޖެހިގެން ގިފިއްޔަށް ވަންނަ ދޮރުވެސް ހުށްޓެވެ.
”މިހާރު އަޅުގަނޑު މިދަނީ ދާން އިނގޭތޯ،" ޙަސަން ކަލޯ އެތަނުން ނުކުތުމަށް އަވަސްވެގަތެވެ.
”މާދަމާ ހެނދުނު އަޅުގަނޑު އަންނާނަން... ހެނދުނު ނާސްތާއަށް ކަތީބުމެން ގެއަށް ދުރުވަންޖެހޭނީ.“
މިހެން ބުނުމާއެކު ޙަސަންކަލޯ އޮޅިގަނޑުމަތިން ފުންމާލައިގެން އަވަސް ހިނގުމެއްގައި ގޮސް ގެއްލުނެވެ. ޖެހެމުންދިޔަ ވައިރޯޅިއާއެކު ޓިނު ދޮރުފަތް ހެލެމުންދިޔައެވެ. ކަރާސީނު ބައްތީގެ ރީނދޫ އަލީގައި އެ ކޮޓަރީގެ ފަޅުކަން ހާމަވެއެވެ. ކުއްލި ގޮތަކަށް ބޮޑު އެކަނިވެރިކަމެއް ޢިމްރާންގެ ހިތަށް ވެރިވެގަތެވެ.
މިއީ ޢިމްރާން އޭނާގެ ޢާއިލާއާ ދުރަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އަދި އޭނާގެ ފުރަތަމަ ވަޒީފާއެވެ. މާލޭގައި، މި މަސައްކަތާ ގުޅުންހުރި ތަމްރީނުތައް ދެމުންދިޔައިރުވެސް މި ފަދަ އެކަނިވެރިކަމެއް އޭނާއަކަށް އިޙްސާސެއް ނުކުރެވެއެވެ. އޭރު އޭނާއާ އެއްފުރައިގެ ކުދިންނާ ކޮންމެ ދުވަހަކުހެން ބައްދަލުވެއެވެ. އެއް ޚިޔާލެއްގެ ބަޔަކާއެކު އަނގަތަޅައިލައި މަޖާކުރެވެއެވެ. ކުރާނެ ކަންކަމާމެދު މާ ބޮޑު ވިސްނުމެއް ފިކުރެއް ކުރާކަށެއް ނުޖެހެއެވެ.
މިހާރު އޭނާ މިވަނީ ކުއްލި ގޮތަކަށް ބޮޑުވެފައެވެ. މިހާރު އޭނާއަކީ ކުޑަ ކުއްޖެއްނޫނެވެ. ޢިމްރާންގެ އަމިއްލަ ރަށުގެ މީހުންވެސް މިހާރު އޭނާ ސިފަކުރަނީ މީހެއްގެ ގޮތުގައެވެ. ބޮޑުވެފައިވާ ފިރިހެނެއްގެ ގޮތުގައެވެ. އޭނާ، މިހާރު މިހުރީ އެކަނިމާއެކަނި ބީރައްޓެހި ރަށަކަށް ފޮނުވައިފައެވެ. ޞިއްޙީ ފަރުވާގެ ޒަމާނީ އުސޫލުތައް މި ރަށަށް ތަޢާރަފުކުރުމުގެ ޒިންމާ ކޮނޑުގައި އެޅިފައެވެ. އެކަނިވެރިކަމާމެދު ނުވިސްނައިވޭތޯ މަސައްކަތްކުރަމުން، އެ ކުޑަ ކޮޓަރިތެރޭގައި ޞިއްޙީ މަރުކަޒެއް ހިންގޭނެ ގޮތަކާ މެދު ފިކުރުކުރަމުން، އެ ކޮޓަރިތެރޭ ދެކޮޅަށް ދެކޮޅަށް ޢިމްރާނުއަށް ހިނގަން ފެށުނެވެ.
ކޮޓަރީގެ މެދުގައި ހުއްޓިލައިފައި، ފައްޖެހިއެނދާ ދިމާއަށް ޢިމްރާނު ބަލާލިއެވެ. އެއީ އޭނާގެ އެނދުކަމުގައި ވީނަމަވެސް، ދުވާލުގެ ވަގުތުތަކުގައި އެ ފަށްޖެހިއެނދު ބަދަލުވާނީ ފަރުވާ ހޯދަން އަންނަ މީހުން ބައިތިއްބާ އެނދަށެވެ. ނުވަތަ ބަލިމީހުން ބާއްވާ ތަނަށެވެ. ބަލި އެނދަށެވެ.
އިރުއޮއްސުނުކަން ކަށަވަރުކޮށްދިނީ ރަށުތެރެއިން ގުގުމައިލި ބަންގީގެ އަޑެވެ. ނިއްކުރީގައި އަތްއުނގުޅަމުން، ޢިމްރާން ގިފިއްޔަށްވަދެ ވުޟޫކޮށްލައިގެން، މަޣްރިބް ނަމާދަށް ދާން މިސްކިތާ ދިމާއަށް ހިނގައިގަތެވެ.