1977ވަނަ އަހަރުގެ އެޕްރީލުމަހުގެ 26 ވަނަ ދުވަސް ނިމެންދަނީއެވެ. ބުދަވިލޭރޭގެ މެންދަމު ބާރަޖަހާން ހުރީ މަދު މިނެޓުކޮޅެކެވެ. މަޖީދިއްޔާ ރަންޔޫބީލު ކާނިވަލުގައި، މަޖީދިއްޔާ އިސްކޫލުގެ ހޯލު، އާދެ ދާރުލްޢުލޫމުގެ އިސްޓޭޖުގައި މަޖީދިއްޔާ މުސްކުޅި ދަރިވަރުން ކުޅުނު ތަމްސީލު ކުރީގެ މޫނުތަކުގެ ފަހުރޭގެ އެންމެފަހު މަންޒަރު ނިމިގެން ފަރުދާދަމައިލެވެނީއެވެ. އެ ވަގުތު މަޑުމަޑުން އިވެން ފެށީ "މަޖީދީ މަޖީދީ ފަޚުރުވެރި ހިޔާ ..."މި ލަވައެވެ. އެއީ މަޖީދިއްޔާގެ ފުރަތަމަ މަދުރަސީލަވައެވެ. ދެން އިވެންފެށީ ޖަޒުބާތީ ޝުޢޫރުތަކެކެވެ. އަޑުގެ ވެރިއަކީ މ. އިރަމާގޭ ޢަލީ ޝަމީމެވެ. އޭނާ ވިދާޅުވިއެވެ.
"އާދެ، އަޅުގަނޑުމެންނަކީ މުސްކުޅީންނެވެ. މުސްކުޅި ދަރިވަރުންނެވެ. އަޅުގަނޑުމެންނަށް ސްޓޭޖަށް މި އާދެވުނީ މި ފަދަ ވަގުތެއް ލިބެނޭކަމަށް ހީ ވެސްނުކޮށް ތިއްބައެވެ. އަޅުގަނޑުމެން މި އައީ ވަރަށް ދުރުގެ އަނދިރި މާޒީއެއްގެ ތެރެއިންނެވެ...."

ޝޯ ނިމި ފަރުދާ ލެއްޕެން ފެށުމާއެކު ހޯލުން ނިކުންނާން ގޮނޑިތަކުން ތެދުވި މީހުން، އެ އަޑާއެކު ހޯލުން ނުނިކުމެ މަޑުކޮށްލިއެވެ. ކުރީގެ މޫނުތަކުގެ ބައިވެރީންގެ އެ ޝުޢޫރުތައް ޢަލީ ޝަމީމުގެ ޖަޒުބާތުން ފުރިފައިވާ އަޑުފުޅުން ކުރިއަށްދިޔައެވެ. "... އެ މާޒީގެ ތެރެއަށް އަޅުގަނޑުމެންނާއެކު ވަޑައިގެންނެވި ވަރަށް ގިނަ ބޭބޭފުޅުން މިހާރު ވަނީ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވައިފައެވެ. ވީމާ، އެ ފަރާތްތަކުގެ ހަމައެކަނި ގެންނަން ލިބުނީ ހަނދާނެކެވެ..." ޢަލީ ޝަމީމުގެ އަޑުފުޅުގައި ތުރުތުރެއް އުފެދުނެވެ. "... އާދެ، އަޅުގަނޑުމެންނަކަށް ދެން މި ފަދަ ދުވަހެއް ނުފެންނާނެއެވެ. އަޅުގަނޑުމެންގެ ލޮބުވެތި މަންމަގެ ކައިރިއަށް މި އައީ އެ މަންމައަށް ފަންސާސް އަހަރު ފުރިގެން އުފާކުރާތީއެވެ. ދެން މި ކަހަލަ ޚާއްޞަ އުފަލެއް މަންމަ ކުރާނީ ސަތޭކަ އަހަރު ފުރޭ ދުވަހުއެވެ. އަޅުގަނޑުމެންނަށް މި ގޮތަށް އެ ދުވަސް ފެނުމަކީ އެކަށިގެންވާ ކަމެއް ނޫނެވެ. އެހައި ތަނަށް ތިބޭނީ އަޅުގަނޑުމެންގެ ދަރީންނާއި ދަރީންގެ ދަރީންނެވެ. ވީމާ، އެ ކުދީންނަށް ތަންދީފައި އަޅުގަނޑުމެން މުސްކުޅީން އަޅުގަނޑުމެންގެ އަނދިރި މާޒީގެ ތެރެއަށް އެނބުރި މި ދަނީއެވެ..." ޢަލީ ޝަމީމުގެ އަޑުފުޅުބެދެން އުޅުނެވެ. ކުޑަ ހުއްޓުމަކަށް ފަހު ކުރިއަށް ގެންދެވިއެވެ. "... އަޅުގަނޑުމެން އެނބުރިދާ އިރު އިވެމުން އެ ދަނީ އަޅުގަނޑުމެންގެ ލޮބުވެތި މަންމަ އަޅުގަނޑުމެން ހޭލައްވައިލި އަސަރުގަދަ ރާގެވެ. އެއީ "މަޖީދީ މަޖީދީ ފަޚުރުވެރި ހިޔާ ..." އާދެ، އަޅުގަނޑުމެންގެ އޭރުގެ މަދުރަސީ ލަވައެވެ. އެ ލަވައާ އެކީގައި އަޅުގަނޑުމެންގެ މާޒީއަށް އެނބުރި މި ދަނީއެވެ. އެންމެ ފަހުން ... ލޮބުވެތި މަންމައަށް އަލްވަދާޢެވެ. އަދި ތިޔަ ބޭފުޅުންގެ އަރިހަށް ވެސް، މި ޝޯ ދެކެވަޑައިގަތްކަމަށް ޓަކައި ޝުކުރާއެކު އަލްވަދާޢެވެ. އާދެ، މުޅީން އަބަދަށްޓަކައި މަޖީދިއްޔާގެ މުސްކުޅި މި ދަރިވަރުން އަލްވަދާޢެވެ!"
ފަސްމަންޒަރުން މަޑުމަޑުން އިވެމުންދިޔަ "މަޖީދީ މަޖީދީ ފަޚުރުވެރި ހިޔާ"ގެ ލަވައިގެ އަޑާއި، ޢަލީ ޝަމީމުގެ އަޑުފުޅުގައި ހުރި ތުރުތުރާއި އަސަރާއި، ޢިބާރާތްތަކުގެ ތޫނުކަން މިލި އެކުވެގެން، ހޯލުގައި ތިއްބެވި ބޭފުޅުންނާއި ލެއްޕުނު ފަރުދާގެ ބިއްދޮށުގައި ތިބި މުމައްސިލުންގެ ލޯތައް ފެންކަޅިކޮށްލިއެވެ.
ޢަލީ ޝަމީމު އެރޭ ފާހަގަކުރެއްވި، "އަޅުގަނޑުމެންގެ ލޮބުވެތި މަންމައަށް ސަތޭކަ އަހަރު ފުރޭ ދުވަސް" މިހާރު މާދުރުގައެއް ނެތެވެ. ދެން އޮތީ އަހަރެއްހައި ދުވަހެވެ. އެ ތަމްސީލުގެ މުމައްސިލުންގެ ގޮތުގައްޔާއި، ފަރުދާގެ ބިއްދޮށުގައި އެހީތެރީންގެ ގޮތުގައި ހަރަކާތްތެރިވި މުސްކުޅިދަރިވަރުންނަށް އެ ދުވަސް ފެނުމަކީ އެކަށީގެންވާ ކަމެއް ނޫންކަމަށް ޢަލީ ޝަމީމު ވިދާޅުވީ، އޭރު، 1977ގައި، ދިވެހީން ދުނިޔޭގައި ތިބޭ އެވްރެޖު އުމުރަކީ 46 އަހަރާއި 48 އަހަރާ ދެމެދުކަމަށް ވުމާ އެކު އިތުރު ފަންސާސް އަހަރު ދުނިޔޭގައި ތިބުމަކީ އެކަށީގެންވާ ކަމެއްކަމަށް އޭރު ނުބެލޭތީއާ އެކީގައި ކަމަށް ވިސްނެއެވެ. އޭގެ ފަހުން ސިއްހީ ރޮނގުން ރާއްޖެ ހޯދި ކުރިއެރުންތަކާ އެކު ދިވެހީން ދުނިޔޭގައި ތިބޭ އުމުރުގެ އެވްރެޖު މަތިވަމުން ދިޔަ ނަމަވެސް، "އަޅުގަނޑުމެންގެ ލޮބުވެތި މަންމައަށް ސަތޭކަ އަހަރު ފުރޭ ދުވަސް" އަހަރެއްހައި ދުވަހަށް ކައިރިވީ އިރު މިހާރު ވެސް، އެ ތަމްސީލުގެ މުމައްސިލުންގެ ގޮތުގައްޔާއި، ފަރުދާގެ ބިއްދޮށުގައި އެހީތެރީންގެ ގޮތުގައި ހަރަކާތްތެރިވި ގިނަ މުސްކުޅި ދަރިވަރުން، އެރޭ ޢަލީ ޝަމީމު ވިދާޅުވިފަދައިން، ވަނީ މި ދުނިޔެ ދޫކުރައްވައި، ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވައިފައެވެ. އާދެ، ޢަލީ ޝަމީމެވެ. ސައިކުރާ އިބްރާހީމް ނަޢީމެވެ. އޒ. ޢަބްދުﷲ ޙަމީދެވެ. ދޫރެސް ޢަބްދުﷲ ޖަމީލެވެ. ޝަފީޤުގޭ އަޙްމަދު ޝފީޤެވެ. މަންދު ޢަބްދުﷲ ވަޙީދެވެ. ކޮޕީ މުޙަންމަދު ރަޝީދެވެ. ޗިޅިޔާ މޫސާ މަނިކެވެ. ހާޖަރާގޭ މުޙަންމަދު ތައުފީޤެވެ. ޒަކަރިއްޔާ ޙަމީދެވެ. ބޮޑުގަލު އިބްރާހީމް މަނިކެވެ. ކިޔަވާގޭ ޢަބްދުއްޝަކޫރު ޢަބްދުﷲއެވެ. ވައިކަރަދޫ އިބްރާހީމް ރަޝީދެވެ. ދިއްދޫ މުޙަންމަދު ޢަލީއެވެ. ބުލޫ ލައިޓް ޔޫސުފް މޫސާއެވެ. ކުޑަ އިބްރާހީމް މަނިކު ދޮންމަނިކެވެ. ނިލަންދޫ މޫސާ ފިކްރީއެވެ. އަލިގާ ޙުސައިން މޫސާއެވެ. ޢަބްދުﷲ ޢަލީ ނަޞީރެވެ. ހަނީސަކްލް ޢަބްދުއްރަޝީދު ޢަލީއެވެ. ވައިޖެހޭ އަޙްމަދު ރަޝީދެވެ. ޅަހުއްތު ތުއްތުމަނިކެވެ. އަދިވެސް ކިތަންމެ ބޭފުޅެކެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ މި ހުރިހައި ބޭފުޅުންގެ ފުރާނަފުޅަށް ރަޙްމަތްލައްވައި ސުވަރުގޭގެ ނިޢުމަތް ދެއްވާށިއެވެ!

މަޖީދިއްޔާގެ ސަތޭކަވަނަ އަހަރީ ދުވަސް އަންނަނީ ކައިރިވަމުންނެވެ. މަޖީދިއްޔާގެ މިހާރުގެ ދަރިވަރުންނާއި، އެ މަދުރަސާގެ ޒުވާން، މެދުއުމުރުގެ، މުސްކުޅި މުސްކުޅިދަރިވަރުންނާއި، މުދައްރިސުންނާއި، މަޖީދިއްޔާއާ ގުޅުން ހުރި އެންމެން އެ ދުވަހަށް އަންނަނީ އިންތިޒާރުކުރަމުންނެވެ. އޭގެ ތެރޭގައި މަޖީދިއްޔާ ރަންޔޫބީލު ކާނިވަލުގައި، މަޖީދިއްޔާ މުސްކުޅި ދަރިވަރުން ކުޅުނު ތަމްސީލު ކުރީގެ މޫނުތަކުގައި މުމައްސިލުންގެ ގޮތުގައްޔާއި، ފަރުދާގެ ބިއްދޮށުގައި އެހީތެރީންގެ ގޮތުގައި ހަރަކާތްތެރިވި މުސްކުޅި ދަރިވަރުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިބި ދޮޅަހަކަށް މުސްކުޅި ދަރިވަރުން ވެސް ހިމެނެއެވެ. "އަޅުގަނޑުމެންގެ ލޮބުވެތި މަންމައަށް ސަތޭކަ އަހަރު ފުރޭ" ދުވަހުގެ އުފަލުގައި ބައިވެރިވެވުމަކީ، އެ މުސްކުޅީންގެ އެއް އުންމީދުކަމުގައި ނުވެއެއް ނުދާނެއެވެ.
ކުރީގެ މޫނުތަކުގެ ތަމްސީލުތަކާއި އެ ތަމްސީލުތައް ލިއުނު ލިއުންތެރީންނާއި ކުޅުނު މުމައްސިލުންނާއި ފަރުދާގެ ފަހަތުގައި އެހީތެރިވި އެހީތެރީންގެ މައްޗަށް އެހެން ލިއުމެއްގައި ބަލައިލާން ގަސްތުކުރަމެވެ.