Ahmed Afaal
Ahmed Afaal

ޤުދުރަތީ ވެއްޓަށް އަރާމެއް ދިނުން: މާޔާ ބޭ އިން ރާއްޖެއަށް ފިލާވަޅެއް.

ތަރައްޤީގެ ނަމުގައާއި މާއްދީ ބެނުންތަކަށް ޓަކައި ޤުދުރަތީ ވެށީގެ ނާޒުކު ކަމަށްދޭ ސަމާލުކަން ކުޑަކޮށް އެތައްގެއްލުންތަކެއް ދެމުން ގެންދެވެއެވެ. އެހެނަސް، ޤައުމަކުން ނިންމާނެ އެންމެ ޒިންމާދާރު ނިންމުމަކީ މިފަދަ ބޭނުންތައް ފުއްދުމުގެ ބަދަލުގައި، މަޑުޖެހިލުން ކަމުގައިވާ ހާލަތްތައް އާދެއެވެ. ދާދިފަހުން، ތައިލެންޑުން ވަނީ މިފަދަ ލާމަސީލު މިސާލެއް މުޅިދުނިޔެއަށް ދައްކާދީފައެވެ. ފަތުރުވެރިންގެ މެދުގައި، ދުނިޔޭގެ އެންމެ މަޝްހޫރު އެއް ގޮނޑުދޮށް ކަމަށްވާ "މަޔާ ބޭ" އާ މެދު މިފަދަ ނިންމުމެއް ނިންމާފައެވެ.

ފީ ފީ ލޭ (Phi Phi Leh) ޖަޒީރާގައި އޮންނަ މަޔާ ބޭ ދުނިޔެއަށް މަޝްހޫރުވީ ހޮލީވުޑްގެ ފިލްމެއް ކަމުގައިވާ "ދަ ބީޗް" ފިލްމަށް ފަހުގައެވެ. 2000 ވަނަ އަހަރުގެ ފެބްރުއަރީ މަހު ސިނަމާތަކަށް ނެރުނު މި ފިލްމަށްފަހު، އުސް ފަރުބަދަތަކުން ވަށާލެވިފައިވާ އެ ރީތި ފަޅަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިން އަންނަން ބޭނުންވާ ހުވަފެނީ މަންޒިލަކަށް ވެގެންދިޔައެވެ. އަޅުގަޑުމެންގެ މިކުޑަކުޑަ ދިވެހިރާއްޖެއަކީ. ފަރުބަދަތަކަކުން ވަށާލެވިފައި ނުވިކަމުގައި ވިޔަސް، ދުނިޔޭގެ ހުރިހާ ހިސާބަކުންވެސް ފަތުރުވެރިން އަންނަ އެންމެ ހުވަފެނީ ވެއްޓެއް އޮތް އެއް މަންޒިލެވެ. ކަޑުގެ ދިރުންތަކާ، ރީތި ގޮޑުދޮށްތަކާ، ސާފު މޫދަކީ، ޖާދޫއެއް ފަދަ އަޖައިބުކުރުވަނިވި ނިޢުމަތެކެވެ.

މާޔާ ބޭގެ މަޤްބޫލުކަން އެންމެ ބޮޑުވި ދުވަސްވަރު، ކޮންމެ ދުވަހަކު އެތައް ހާސް ފަތުރުވެރިންނެއް އެ ކުޑަކުޑަ ފަޅަށް ޒިޔާރަތްކުރަމުން ދިޔައެވެ. އެތައް ސަތޭކަ ލޯންޗުފަހަރު އެ ފަޅުތެރެއަށް ވަދެ ނުކުމެ އުޅުނެވެ. ނަގިލިތަކުގެ ސަބަބުން ފަރުތަކަށް ގެއްލުންވެ، ތަޣައްޔަރުވުން އިތުރުވެ، އަދި ކަޑުގެ ދިރުންތައް މަޑުމަޑުން ނެތެމުންދިޔައެވެ. އެތަނަކަށްޓަކައި މީހުން އައި ޖާދުވީ ތަބީޢީ ނިޒާމު، އެތަނުގެ މަޝްހޫރުކަމުގެ ސަބަބުން ހަލާކުވަމުންދިޔައެވެ. އަޅުގަޑުމެންގެ މި ދިވެހިރާއްޖެ އަށް ވިސްނާލައިފިނަމަ، އަޅުގަޑުމެންގެ ތަރައްޤީއަށް ކުރާ ބައެއް މަސައްކަތްތަކުގެ ސަބަބުން، ފަތުރުވެރިން ޙަގީގަތުގައި ދެކެން ބޭނުންވާ އެ ހުވަފެނީ ވެށިތަށް ހަލާކުވެގެންދާކަމީ މިއަދު އަޅުގަޑުމެން ވަރަށް ބޮޑަށް ވިސްނާ ފިޔަވަޅު އަޅަން ޖެހިފައިވާ ކަމެކެވެ. ޤުދުރަތީ ރީތި ފަޅުތައް ހިއްކުމުގެ ސަބަބުން، ތިމާވެއްޓަށް ނޭދެވޭ އެތައް ބަދަލުތަކެއް އަންނަމުންދާކަމީ އަޅުގަޑުމެން އެންމެނަށްވެސް އެގޭކަމެކެވެ. 

މާޔާ ބޭއަށް ދިމާވި ނުރައްކާތެރި ޙާލަތު ދެނެގަނެ، ތައިލެންޑުގެ ސަރުކާރުން 2018 ވަނަ އަހަރު ހިތްވަރުގަދަ ފިޔަވަޅެއް އެޅިއެވެ. އެއީ މަޔާ ބޭ ފަތުރުވެރިކަމަށް މުޅިން ބަންދުކުރުމެވެ.

ފަތުރުވެރިކަމަށް އެހާ ބޮޑަށް ބަރޯސާވެފައިވާ ޤައުމަކަށް މިއީ ފަސޭހަ ނިންމުމެއް ނޫނެވެ. ދުނިޔޭގެ އެންމެ މަޝްހޫރު އެއް ގޮޑުދޮށް ބަންދުކުރުމުގެ މާނައަކީ އިޤްތިޞާދީ ގޮތުން ލިބިލިބި ހުރި ބޮޑު ފައިދާއެއް ޤުރުބާންކުރުމެވެ. އެހެންނަމަވެސް، ތައިލެންޑުގެ ސަރުކާރުން ދެކުނީ ޤުދުރަތީ ވެށި ޙިމާޔަތްކުރުމަކީ އެއަށްވުރެ މާ މުހިންމު ކަމެއްގެ ގޮތުގައެވެ.

މި ހިތްވަރުގަދަ ފިޔަވާޅާއެކު، މާޔާ ބޭގެ ވެށި ހިމާޔަތް ކުރުމަށް ކުރި މަސައްކަތުގެ ކާމިޔާބު ފެންނަންފެށީ ހީވެސް ނުކުރާހާ އަވަހަށެވެ.

ފަރުތައް އާލާކުރުމަށް ކުރެވުނު މަސައްކަތުން ކުރު މުއްދަތެއްގެ ތެރޭގައި ނަތީޖާ ފެންނަން ފެށިއެވެ. ކަޑުގެ ދިރުންތައް އެބުރި އަންނަންފެށިއެވެ. މަސްމަހާމެހި ގިނަވާން ފެށިއެވެ. ވަރަށް މަދުންނޫނީ މާޔާ ބޭއިން ނުފެންނަ ފަޅުމިޔަރު (ބްލެކްޓިޕް ރީފް ޝާކް) ވެސް އެ ފަޅުގެ ތިލަ ހިސާބުތަކުން އަލުން ފެންނަން ފެށިއެވެ. ތަބީޢީ ނިޒާމަށް ނޭވާލާނެ ފުރުޞަތެއް ލިބުމުން، އަމިއްލައަށް އާލާވެ ރަގަޅުވާން ފެށިއެވެ.

ހަތަރު އަހަރެއްހާ ދުވަސް ފަހުން މަޔާ ބޭ އަލުން ހުޅުވާލީ އަލުންދިރުނު ވެށި ދެމެހެއްޓެނިވި ގޮތެއްގައި ހިމާޔަތް ކުރުމަށް ހަރުދަނާ އުޞޫލުތަކަކާއެކުގައެވެ. މިހާރު ލޯންޗުފަހަރަށް ސީދާ ފަޅުތެރެއަކަށް ނުވަދެވެއެވެ. ޒިޔާރަތްކުރާ މީހުންގެ އަދަދު ކޮންޓްރޯލް ކުރެވެއެވެ. މިހާރު އެތަނުގެ ފަތުރުވެރިކަން ބިނާވެފައިވަނީ ތިމާވެށި ހިމާޔަތްކުރުމުގެ މައްޗަށެވެ. މި އަޖައިބުވަނިވި ވެށި ދެމިއިންނާނެ ކަމުގެ ޔަގީންކަން ލިބި، ފަތުރުވެރިންގެ މަޤުބޫލުކަން އިހަށްވުރެ ބޮޑުވެއްޖެއެވެ.

މި ވާހަކައިން ދިވެހިރާއްޖެއަށް ވަރަށް މުހިންމު ފިލާވަޅެއް ލިބިދެއެވެ.

އަޅުގަޑުމެންގެ ޤައުމަކީ ދުނިޔޭގައިވާ އެންމެ ނާޒުކު އަދި އެންމެ ރީތި ކަނޑުގެ ތަބީޢީ ނިޒާމު ލިބިފައިވާ އެއް ޤައުމެވެ. އަޅުގަޑުމެންގެ ފަރުތަކާއި، ފަޅުތަކާއި، އަދި ހުސްބިމަކީ ހަމައެކަނި ފަތުރުވެރިކަމުގެ ބިންގަލެއް ނޫނެވެ. އެއީ އަޅުގަޑުމެންގެ ޖަޒީރާވަންތަކަމުގެ އަސްލެވެ. ނަމަވެސް މޫސުމީ ބަދަލުތަކާއި، ރަށްތަކުގެ އައްސޭރިފަށް ތަރައްޤީކުރުމާއި، ގޮޑުދޮށްތައް ތަޣައްޔަރުވުމާއި، އަދި އިންސާނުންގެ ހަރަކާތްތައް އިތުރުވުމުގެ ސަބަބުން މި ނިޒާމުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

އެތައް އަހަރެއް ވަންދެން އަޅުގަޑުމެން ފާހަގަކުރީ ރާއްޖޭގެ ފަތުރުވެރިކަމުގެ ކާމިޔާބީއެވެ. ނަމަވެސް، މާޔާ ބޭގެ ތަޖުރިބާގެ އަލީގައި، މިއީ ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން މަޑުޖައްސާލުމާ ގުޅޭގޮތުން ވާހަކަދައްކަންވީ ވަގުތެވެ.

މަޔާ ބޭ އިން އަހަރެމެންނަށް ދަސްކޮށްދެނީ، ހިމާޔަތްކުރުމުގެ މާނައަކީ އަބަދުވެސް ހުރިހާ ކަމެއް މަނާކުރުން ނޫންކަމެވެ. ބައެއް ފަހަރު އޭގެ މާނައަކީ ޤުދުރަތީ ވެއްޓަށް ވަގުތު ދިނުމެވެ.

ވިސްނާލާ ބައްލަވާށެވެ. ރާއްޖޭގެ ބައެއް ފަރުތައް، ފިނޮޅުތައް، ނުވަތަ ފަޅުތައް ދޭތެރެދޭތެރެއިން "އަރާމުކުރަން" ބަންދުކުރެވޭނެ ނަމައެވެ. ފަރުތައް އަލުން އާލާވެ، ދިރުންތައް އިތުރުވުމަށް ވަގުތީ ގޮތުން އެތަންތަން ބަންދުކުރެވޭނެ ނަމައެވެ. އެންމެ ގިނައިން މީހުން ޒިޔާރަތްކުރާ ތަންތަން، ދައުރުވާ އުޞޫލަކުން (rotational protection system) ހިމާޔަތްކުރެވޭނެ ނަމައެވެ. މިއީ މާ އާދަޔާޚިލާފު ޚިޔާލުތަކެއް ނޫނެވެ. މިއީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ތިމާވެށި ބެލެހެއްޓުމަށް މިހާރު ބޭނުންކުރާ އުޞޫލުތަކެވެ.

މިފަދަ މިސާލެއް ދަންނަވާލާނަމެވެ. ފެލިދެއަތޮޅު ކެޔޮދޫ ކައިރިއަށް އަޑިޔަށްދިޔަ އުޅަދެއްގެ ވަށައިގެން ޤުދުރަތީ ވެއްޓެއް އުފެދުނެވެ. އަތަނަކީ ފަތުރުވެރިންނާ އަދި ދިވެހިންގެ މެދުގައިވެސް މަޝްހޫރު މަންޒިލެކެވެ. އެތަކެއް ހާސްބަޔަކު އެތަނަށް ޒިޔާރަތްކޮށް ހެދި ތަނެކެވެ. ނަމަވެސް އަޅުގަޑުމެންގެ މާއްދީ ދަހިވެތިކަމުގައި އެތަން ހިމާޔަތްކުރުމަށް ވިސްނިބަޔަކު ނެތެވެ. މިއަދު މި ދެންނެވި ހުވަފެނީ މަންޒިލް ވަނީ މާޒީގެ ތެރެއަށް ގެއްލިގޮސްފައެވެ. ހަމަ ޔަގީނުންވެސް މާޔާ ބޭގެ ހިތްވަރުގަދަ ނިންމުން އަޅުގަޑުމެނެ ނިންމިނަމަ، ދެމެހެއްޓެނިވި ގޮތެއްގައި މި މަންޒިލްވެސް ހިމާޔަތް ކުރެވުނީހެވެ.

މިފަދަ ފިޔަވަޅުތަކުގެ ސަބަބުން އަޅުގަޑުމެންގެ ފަތުރުވެރިކަން ބަލިކަށްޓެއް ނުވާނެއެވެ. އޭގެ ބަދަލުގައި، އެ ސިނާޢަތް އިތުރަށް ވަރުގަދަވާނެއެވެ. ފަތުރުވެރިން އެންމެ ބޮޑަށް ޝައުޤުވެރިވަނީ ދެމެހެއްޓެނިވި ގޮތެއްގައި ޒިންމާދާރުކަމާއެކު ތިމާވެށި ޙީމާޔަތްކުރާ މަންޒިލްތަކަށް ޒިޔާރަށްކުރުމަށެވެ. އަޅުގަޑުމެންގެ ތަބީޢީ ނިޒާމުތައް ހިމާޔަތްކުރުމަކީ އިޤްތިޞާދީ ކުރިއެރުމަށް ޓަކައި ކުރެވޭ މުހިންމު އިންވެސްޓްމަންޓެކެވެ.

ދިވެހިރާއްޖެއަކީ ތިމާވެށީގެ މައްސަލަތަކުގައި ދުނިޔޭގެ ފެންވަރުގައި އަބަދުވެސް އަޑު އުފުލަމުން އަންނަ ޤައުމެކެވެ. މޫސުމީ ބަދަލުތަކަށް ވަކާލާތުކުރުމާއި ކަޑުތައް ހިމާޔަތްކުރުމުގައި އަޅުގަޑުމެންގެ އަޑަކީ ދުނިޔޭގައި ވަރަށް ގަދަ އަޑެކެވެ. މިހާރު ކުރިމަތީގައި އޮތް ސުވާލަކީ، އަޅުގަޑުމެންގެ ޤުދުރަތީ ޚަޒާނާތައް ބަލަހައްޓާ ހިމާޔަތްކުރުމުގެ ފިކުރު މިއަށްވުރެ ފުންކޮށް އަށަގަންނުވައިގެން އަޅުގަޑުމެންގެ އަޑަށްވުރެ ޢަމަލީ ފިޔަވަޅުތައް ވަރުގަދު ކުރުމުގެ ލީޑަރޝިޕެއް ދެމެހެއްޓިދާނެތޯއެވެ.

މަޔާ ބޭ ގެ ވާހަކައިން އަޅުގަޑުމެންނަށް ވަރަށް އާދައިގެ ނަމަވެސް ފުން ހަޤީޤަތެއް ހާމަވެގެން ދެއެވެ. ޤުދުރަތީ ވެއްޓަކީ ތަބީޢީގޮތުން އަމިއްލައަށް އާލާވުމުގެ ބާރު ލިބިފައިވާ އެއްޗެއް ކަމެވެ. އެކަމަކު އެކަން ކުރެވޭނީ، އެކަމަށް ބޭނުންވާ ޖާގަ ދީގެންނެވެ. އަދި ބައެއް ފަހަރު، ޤުދުރަތީ ވެށި ހިމާޔަތްކުރުމަށް ކުރެވޭނެ އެންމެ މަތިވެރި މަސައްކަތަކީ، މަޑުޖެހިލުމަށް ބޭނުންވާ ހިތްވަރު ހުރުމެވެ.