Ali Adyb
Ali Adyb

ނަތީޖާނެރެވެނިވި ޒަމާނީ ފަރުވާއާއި އެކު އުންމީދު އާލާކުރުން

ރާޝިދުގެ ވާހަކައަކީ ހިތާމަވެރި، އެހެނަސް އާންމު ވާހަކައެކެވެ. މަސްތުވާ ތަކެތި ބޭނުންކުރުމުގެ ބަލިން ސަލާމަތްވުމަށް ޓަކައި، އަށް ފަހަރުމަތިން ޑިޓޮކްސިފިކޭޝަންގެ ޚިދުމަތް ހޯދާ، ފަސް ފަހަރެއްގެ މަތިން ގައުމީ ފަރުވާދޭ މަރުކަޒުގައި އެޑްމިޓްވެއްޖެއެވެ. އޭނާގެ ޢާއިލާއިން ދެކެނީ އޭނާ މަސްތުވާތަކެތީގެ ޢަމަލުން މިންޖުވާން ބޭނުންނުވަނީ ކަމަށެވެ. އަދި ރާޝިދުވެސް މިހާރު ގަބޫލުކުރަނީ އެހެންނެވެ. މިއީ ފުރިހަމަ ފަރުވާއާއި އެކު މިކަމުން މިންޖުނުވެވޭނެތީއެއް ނޫނެވެ. ނަމަވެސް، ރާޝިދަށް ލިބުނު ފަރުވާއަކީ މަސްތުން ސަލާމަތްވުމަށް އެންމެ އެކަށީގެންވާ ޒަމާނީ ފަރުވާއަށް ނުވާތިއެވެ. ގިނަފަހަރަށް ޢާއިލާތަކާ މުޖުތަމަޢުން ދެކެނީ ފަރުވާގެ ނިޒާމުގަތެރެއިން ނަތީޖާ ނެރެވޭނެކަމަށެވެ. ފަރުވާ ނާކާމިޔުބުވަނީ ފަރުވާ ލިބިގަންނަ މީހާގެސަބަބުން ކަމަށެވެ. އަދި އޭގެ މަލާމާތް ރައްދުވަނީ މީހާ އަށެވެ. ނިޒާމަކަށް ނޫނެވެ.


އަޅުގަނޑުމެންނަށް ފެންނަ އެންމެ ބޮޑުއެއް ހަގީގަތަކީ، މިހަރު ލިބެން ހުރި ފަރުވާ އަށްބަލާއިރު އެންމެ އެކަށީގެންވަ ފަރުވާ ނުލިބޭކަމެވެ. ބޭނުންވާ ނަތީޖާ ޙާޞިލު ނުކުރެވި، ގިނަ ޢަދަދެއްގެ މީހުން ފަރުވާއަށް ފަހު އަނެއްކާވެސް މަސްތުގެ ތެރެއަށް ދާތަނެވެ. މިއީ އަޅުގަނޑުމެން ވަރަށް ބޮޑަށްވިސްނާ ސަމާލުކަން ދޭންވެއްޖެ ކަމެކެވެ. އެތަކެއް މިލިޔަނުން ރައްޔިތުންގެ ފައިސާ މިކަމަށް ޚަރަދުކުރާއިރު، ކޮންމެ ބެލެނިވެރިއެއްގެ ވެސް އުންމީދަކީ މަސްތުން މިންޖުވެފައިވާ ދަރިންތަކެއް، އަނބުރާ މުޖުތަމަޢުގެ ތެރެއަށް ނެރެދެވުމެވެ. އެހެންކަމުން މިކަމަށްދޭންޖެހޭ އަހައްމިޔަތުކަން އިތުރކުރަން އެބަޖެހެއެވެ. އެކަށީގެނެްވާ ގޮތެއްގައި ފަރުވާގެ ނިޒާމު މިނެ ކިރަން އެބަޖެހެއެވެ. އެންމެ ޒަމާނީ ނަތީޖާ ނެރެވޭ ފަރުވާގެ ނިޒާމުތަކާއެއްގޮތަށް އަޅުގަނޑުމެންގެ ނިޒާމުވެސް ބަދަލުވަމުންދާން ޖެހެއެވެ. ފަންނީގޮތުން މުވައްޒަފުންނަށް ކުރިއެރުމުގެ ފުރުޞަތުތައް އިތުރުކޮށް، ކުރިއެރުން ހޯދާދޭން ޖެހެއެވެ. ހެކިތަކުގެ (އެވިޑެންސް) މައްޗަށް ބިނާކޮށް ފަރުވާގެ ނިޒާމަށް ބަދަލުތައް ގެންނަން ޖެހެއެވެ. އަޚުލާގީ މިންގަނޑުތައް ހިފަހައްޓާ، ކަރާމާތްތެރިކަމާއެކު ބަލިމީހުންނަށް އަޅާލާންޖެހެއެވެ. މަސްތުން މިންޖުވުމަށް މަގުފަހިކޮށްދޭ ނިޒާމަކަށް ބަދަލުކޮށް، ވަޞީލަތްތަކުގެ ބޭނުން އެންމެ އެކަށީގެންވާގޮތެއްގައި ހިފާ، މުޖުތަމަޢުގެ އިތުބާރުހޯދަން ވަނީޖެހިފައެވެ.


އ ދ ގެ ދެ ޖަމިއްޔާ ކަމުގައިވާ ޑަބުލިއު. އެޗް. އޯ. އަދި ޔޫ. އެން. އޯ. ޑީ. ސީ. އިން 2020 ގައި ޝާޢިޢު ކޮއްފައިވ ާމަސްތުވާ ތަކެތިބޭނުންކުރުމުގެ ބަލީގެ ފަރުވާ ގެ ބައިނަލްއަގުވާމީ މިންގަނޑުތަކުގައިވާ ގޮތުން، ހެކިތަކުގެ މައްޗަށް ބިނާވެފައިވާ ފަރުވާއަކީ ޞިއްހީ ފަރުވާއާއި، ނަފްސާނީ އަދި އިޖުތިމާއީ އެހީތެރިކަމާއި، މުޖުތަމައަށް އަލުން ނުކުތުމަށް ބޭނުންވާ އެހީތެރިކަމާއި، ދިގު މުއްދަތުގެ ރިކަވަރީ ޕްލޭނެއް ހިމެނޭ ފުރިހަމަ ނިޒާމެކެވެ. ނަމަވެސް މިފަދަ ވަށާޖެހޭ ނިޒާމެއް ކާމިޔާބުކަމާއެކު ގާއިމުކުރުމަށްޓަކައި އިޚްލާޞްތެރިކަމާ އެކު ވަރަށްގިނަ މަސައްކަތް ކުރަންޖެހެއެވެ. މިފަދަ ނިޒާމެއްގެ ނެތި ދެވޭ “ޑިޓޮކްސިފިކޭޝަން” ގެ ފަރުވާ ކާމިޔާބުމުގެ ފުރުޞަތު ކުޑައެވެ. “މެތަޑޯން” ފަރުވާގެ ގޮތުގައި ބޭސްދިން ކަމުގައި ވިޔަސް، ނަފްސީނީ އަދި އިޖުތިމާޢީ އެހީތެރިކަން އެންމެ އެކަށީގެންވާ ގޮތުގައި ނުދެވިއްޖެނަމަ، އުންމީދުތައް ފުނޑުފުނޑުވެގެން ދެއެވެ. ސަބަބަކީ، މިއީ އޯޕިއޮއިޑް ބޭނުންކުރާ މީހުންނަށް ދެވޭ ބޭހުގެ އެހީގައި ކުރިއަށްގެންދާ ފަރުވާގެ އެންމެ މުހިންމުބައި ކަމުގައިވާތީއެވެ. ކައުންސެލިންގާއި، އެކަކު އަނެކަކަށްދޭ އެހީތެރިކަމާއި، މުޖުތަމަޢަށް އަލުން ނުކުތުމުގެ ޚިދުމަތްތަކާ ނުލައި، ހަމައެކަނި ބޭހަކުން ފަރުވާ ދެމެހެއްޓެނިވި ގޮތެއްގައި ފުރިހަމައެއް ނުކުރެވޭނެއެވެ.


މަސްތުވާތަކެތީގެ ބާވަތްތަކަށްވެސް މިހާރު ވަނީ ބަދަލު އައިސްފައެވެ. ކުރިން 'ޑިޕްރެސަންޓްސް' އާންމުވި ނަމަވެސް ،މިހާރު ގިނައީ 'ސްޓިމިއުލަންޓްސް' އެވެ. އެހެނަސް އަޅުގަނޑުމެންގެ ޚިދުމަތްތައް މިފަދަ ބަދަލުތަކާއެކު އަވަސްގޮތެއްގައި ބަދަލުވަމުން ނުދާކަމީ މީގެ ސަބަބުން ގިނަ ބަލިމީހުންނަށް ބޭނުންވާ ފަރުވާ ނުލިބިދިއުމެވެ. މީގެ ސަބަބުން ދިމާވާ އެންމެ ބޮޑު މައްސަލައަކީ ބަލިމީހުންނާ މެދު މުޖުތަމަޢުން ދެކޭ ނުރަނގަޅު ގޮތްތައް (ސްޓިގްމާ) އިތުރުވެގެން ދިއުމެވެ. ގިނަ މީހުން ދެކޭގޮތުގައި ޚިދުމަތްދޭ މީހުން މަސައްކަތް ނުކުރަނީއެވެ، އަދި މަސްތަށް ހުށަހެޅިފައިވާ މީހުންވެސް މަސައްކަތް ނުކުރަނީއެވެ.


މި ދާޢިރާގެ ފަންނީ މަސައްކަތާ ތަޖުރިބާގެ އަލީގައި އަޅުގަނޑަށް ޤަބޫލުކުރެވެނީ މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވަ މީހުންގެ ފަރުވާގެ ނިޒާމު ހަރުދަނާކޮށް ކާމިޔާބުކޮށް ކުރިއެރުވުމަށް ވަރަށް ބުރަ އަދި ބޮޑު މަސައްކަތެއް ކުރަންޖެހިފައިވާ ކަމެވެ. އުއްމީދު އާކޮށް، ބަލިމީހުންނާ ޢާއިލާތަކުގެ އިތުބާރު ހޯދަންޖެހިފައެވެ. އެފަދަ މީހުންނާމެދު މުޖުތަމަޢުން ދެކޭގޮތް ބަދަލުކުރަންޖެހިފައެވެ. ޔޫ.އެން.އޯ.ޑީ.ސީ އާއި ޑަބްލިއު.އެޗް.އޯ އިން ބަޔާންކުރާ ފަދަ ހެކިތަކުގެ މައްޗަށް ބިނާވެފައިވާ ފަރުވާއަކީ، އިންސާނީ ކަރާމާތް ހިމެނޭ، ފުރިހަމަ، އަދި މަސްތުވާތަކެތީގެ ހަގީގީ ޙާލަތަށް ފެތޭ ޚިދުމަތްތަކެއް ދެވިއްޖެނަމަ އޭގެ ފޮނިމޭވާ ލިބޭނެ ކަމާމެދަކު އަޅުގަނޑު ޝައްކެއްނުކުރަމެވެ. އެންމެންނަށް އެއްގޮތަކަށް ދޭ ފަރުވާގެ އުސޫލުތަކުން ބޭރުވެ، އިންސާނީ ކަރާމާތް އިއާދަކޮށްދޭ، އާއިލާތަކަށް ބާރުވެރިކަންދޭ، އަދި މަސްތުން މިންޖުވުމަކީ ހަމައެކަނި ވެދާނެ ކަމެއް ނޫންކަމާއި، އެއީ ވާންޖެހޭނެ ކަމެއްކަން ސާބިތުކޮށްދޭ މިންގަނޑުތަކެއް ގަބޫލުކޮށް ފަރުވާގެ ނިޒާމަށް ބަދަލުތައް ގެންނަން ޖެހެއެވެ.


މަސްތުވާތަކެއްޗާބެހޭ ގާނޫނު (17/2011) ގެ ތަޞައްވުރަގައި ވާފަދައިން ގައުމީ ފަރުވާގެ ނިޒާމަށް އާ ދިރުމެއް ދީ، ފަރުވާގެ ހިދުމަތްތަކަކީ އަހުލާގީ މިންގަނޑުތަކަށް ފެތޭ، ނަތީޖާ ނެރެދޭ، އަދި އިލްމީ ހެކިތަކުގެ މައްޗަށް ބިނާވެފައިވާ ހިދުމަތްތަކެއްކަން ކަށަވަރުކޮށްދޭ ސާފު ގައުމީ މިންގަނޑުތަކެއް ކަނޑައަޅައިގެން ޚިދުމަތްތައް ދިނުމެވެ. މި ތަޞައްވުރު ގެ މައްޗަށް ބިނާކޮށް ފަރުވާގެ ނިޒާމަށް އުއްމީދީ ބަދަލުތަކެއް ގެންނަންވީ ވަގުތު މިހާރި މިއޮތީ ޖެހިފައެވެ. މީގެ އިތުރުން، މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށާއި، ޒިންމާދާރުކުރުވުމުގެ ނިޒާމުތަކަށާއި، އަދި ފަންނީ ކުރިއެރުމަށް ދެމެހެއްޓެނިވި ގޮތެއްގައި އިންވެސްޓްކުރަން ޖެހެއެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް ގެންގުޅޭ ހަތަރު ތަނބު ކަމަށްވާ؛ މަސްތުވާތަކެތި ކޮންޓްރޯލްކުރުން، ބޭނުންކުރާ މިންވަރު މަދުކުރުން، ގެއްލުން ކުޑަކުރުން، އަދި ސަޕްލައި މަދުކުރުމުގެ މައްޗަށް ބިނާވެފައިވާ ފުޅާ ގައުމީ ސިޔާސަތެއްގެ ދަށުން، ކޮންމެ ތަނބަކަށްވެސް އެހީތެރިކަމާއި ބާރުވެރިކަންދީ، އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރެވޭނެ މަގު ފަހިކޮށްދޭންޖެހެއެވެ.


ގައުމަށް ކުރިމަތިވެފައިވާ މަސްތުވާތަކެތީގެ ގޮންޖެހުންތަކާ ސީދާ ކުރިމަތިލުމަށް އަޅުގަނޑުގެ ފަންނީ ތަޖުރިބާ ފޯރުކޮށްދިނުމަށް އަޅުގަނޑު މިހުރީ ތައްޔާރަށެވެ. އަދި އެންމެން ގުޅިގެން މަސައްކަތްކޮށްފިނަމަ މި ހާލަތު ބަދަލުކުރެވޭނެ ކަމުގެ ފުރިހަމަ އިތުބާރު އަޅުގަނޑަށް އެބައޮތެވެ. މިކަމަށް ދެން ބޭނުންވަނީ ވަރުގަދަ އިރާދައަކާއި، ނިންމުންތައް ތަންފީޒުކުރުމުގެ ހިތްވަރެވެ. އެއާއެކު، ނަތީޖާ ނުނެރެވޭ އުސޫލުތަކުން ދިވެހިރާއްޖެއަށް އަރައިގަނެވި، އިންސާނީ ކަރާމާތް އިއާދަކޮށްދީ، ފަރުވާއަކީ ހަމައެކަނި ވެދާނެ ކަމެއްގެ ބަދަލުގައި، އިންސާނިއްޔަތުކަމާއި ގާބިލުކަން ހުރި ނިޒާމެއްގެ ތެރެއިން ނުކުންނާނެ ކަށަވަރު ނަތީޖާއެއްކަމުގެ ހަގީގީ އުންމީދު އާކޮށްދެވޭނެއެވެ.