މަޖީދީ މަޖީދީ ފަޚުރުވެރި ހިޔާ، މަޖީދިއްޔަ ނޫރުން ތަނަށް އަލިކުރާ،
ފުރާށޭ ދަރީން ހިތް ޢުލޫމުން މިތާ, ކުރާށޭ ފިދާ ޖާނު ވަޠަނަށް ޓަކާ،
މިމަތިވެރި ޢިލްމީ ޢިމާރާތްތަކަށް، އެދޭނީ ޙަޔާތާ އުޖާލާ ކަމަށް،
ކުރިން ލިއްބަމުން އަންނަ ކަމަކާއި މާތް، ހުރީ އަހުރެމެންނަށް ފަރާތުން ފަރާތް،
ކަމަށް އިސްނަގައި ރީތި ތަހުޒީބަކުން، ތަމައްދުންގެ މަގުގައި ޝަރަފު ހޯދުމުން.
ދުރާލާ ހުރީ ކާމިޔާބީ ލިބުން. ކުރާ ހިތްމަތާއެކު މަސައްކަތް ތަކުން،
ހުދާ މުށިކުލާގައި އެހުރި ފަޚުރަކީ، ނުދާނެ ފިލައިގެން ޝަރަފެކޭ އެއީ.
އެދޭގޮތްމަތިން ފުނަމަދޮށި އާރުލާ، ހެދޭ ބާލުގައި ކާނިހެލެބެލި ގަހާ،
އަމާނާތަކަށް އަދި ހަދައިގެން މިމާތް، ޒަމާނަށް މިއިއްވާށެ ނުވެ އެއްކިބާ،
އެދޭ ހެޔޮ އެޤައުމަށް ޒުވާނުންނަކީ، ތެދޭހަމައެއޭ ސާފު އުއްމީދަކީ،
ޙަޔާތީ މި މިންނަތުގެ މައިދާނެކޭ، އިޚާވަތުގެ ގުޅުމީ ލިބޭ ނަޞްރެކޭ،
މަޖީދީ މަޖީދީ ހިޔާ ވަހިކަމާ، މަޖީދީ ނަމުން ނަންވި ނިސްބަތްވެފާ،
ޤަދަރުވެރި އެ ބަޠަލަށް ވެދުން ހެޔޮ ދުޢާ، އަދަބުވެރި ކަމައިގެން ކުރާށޭ އަދާ.

މަތީގައި އެވަނީ މަޖީދިއްޔާ ސްކޫލްގެ ލަވަ، އެންމެ ފުރަތަމަ ލިޔުއްވި ޝާޢިރު، ތަޅަމުދިގޭ އަޙްމަދު ޝާކިރު (ޝާޢިރުލްމަޖްހޫލު) އެލިޔުއްވި ގޮތަށެވެ. އެއީ މިހާރު އަޅުގަޑުމެން މިކިޔާ ލަވަޔާ ތަފާތުކޮށް އޮތް ލަވަޔެކެވެ. މިލަވަ އެންމެ ފުރަތަމަ ކިޔާފައިވަނީ 1953 ވަނަ އަހަރު، އައްނަބީލް އިބްރާހީމް ފަރީދު ދީދީ ގެ ނާޡިރު ކަމުގައި ބޭއްވުނު އަހަރީ އިނާމުދިނުމުގެ ޖަލްސާގައި ކަމަށް އަލްމަރްޙޫމް އަޙްމަދު ޝަފީޤު ލިޔުއްވާފައިވާ "މަޖީދިއްޔާގެ ދެވަނަ ފަންސަވީސް" ގައި ބަޔާންކުރައްވާފައި އެބަ އޮތެވެ. އަދި މިލަވައިގެ ރާގާއި އެކުލެވިންގެންވާ ޝުޢޫރުތަކުގެ ޚިޔާލު ދެއްވީ އައްނަބީލް އިބްރާހީމް ފަރީދު ދީދީ ކަމުގައި ލިޔުއްވާފައިވެއެވެ. އެގެންހުރި މަޢުލޫމާތައް ބާލާއިރު، މިލަވަ މިގޮތައް ކިޔާފައިވަނީ، 1960 ވަނަ އަހަރު އިގެރޭސި މީޑީއަމް އަށް ކިޔަވައިދޭން ފެށުމަށްފަހު އޭގެ ދުވަސްކޮޅެއް ފަހާ ހަމައަށެވެ. އިގެރޭސި މީޑިއަމް އަށް ކިޔަވާދޭން ފެށި ދުވަސްވަރު، މަދަރަސީ ލަވަވެސް އިގެރޭސިބަހުން ހަދައި، އެލަވަ ބޭނުންކުރަމުން ދިޔައެވެ.
އޭގެފަހުން، ލަފާކުރެވޭ ގޮތުގައި 1970 ގެ އަހަރުތަކުގެ ކުރީކޮޅު، އަނެއްކާވެސް މަދަރަސީ ލަވަ ދިވެހިބަހުން ކިޔަން ފެށިއެވެ. އަލުން ދިވެހިބަހުން ލަވަ ކިޔަންފެށިއިރު، ލަވަޔަށް އޮތީ ބަދަލުތަކެއް ގެނެސްފައެވެ. ލަވަ ކުރުކޮށް، މަޖީދިއްޔާގެ ހަތަރު ބައިގެ ނަންތަކަށް ގެނެވުނު ބަދަލުތަކާއެކު އެބައި ހިމަނާ ލަވަގައި ދެ ކަޑި އޮންނަގޮތައް ކުރުކޮށްލެވުނެވެ. މިބަދަލުތައް ގެނެވުނީވެސް ޝާކިރުގެ ލަފާފުޅުގެ މަތީން އޭނާގެ މަޝްވަރާޔާ އެކުކަމަށް އޭނާގެ ޢާއިލާގެ ބައެއްބޭފުޅުން އަޅުގަޑަށް މަޢުލޫމާތު ދެއްވިއެވެ.
އެގޮތުން ލަވަޔަށް އިތުރުކުރެވުން ކަޑިއާއެކީ މަޖީދިއްޔާގެ ލަވަ މިހާރު އޮންނަގޮތް ތިރީގައި މިވަނީއެވެ.
މަޖީދީ މަޖީދީ ފަޚުރުވެރި ހިޔާ، މަޖީދިއްޔަ ނޫރުން ތަނަށް އަލިކުރާ،
ފުރާށެ ދަރީން ހިތް ޢުލޫމުން މިތާ, ކުރާށޭ ފިދާ ޖާޏު ވަޠަނަށް ޓަކާ،
މިމަތިވެރި ޢިލްމީ ޢިމާރާތްތަކަށް، އެދޭނީ ޙަޔާތާ އުޖާލާ ކަމަށް،
މަޖީދީ މަޖީދީ ފަޚުރުވެރި ހިޔާ، މަޖީދިއްޔަ ނޫރުން ތަނަށް އަލިކުރާ،
ދިރޭ ރޫޙު ޣާޒީ ޝަހީދުވި ޢަލީ، ނެރޭ ޖޯޝު ހުރަވީ މި އިސްކަންދަރީ،
މުރާދަށް ޓަކައި ގެނުވި އިލްޙާމުގައި، ކުރާނީ ޖިހާދޭ މި އުއްމީދުގައި،
މަޖީދީ މަޖީދީ ފަޚުރުވެރި ހިޔާ، މަޖީދިއްޔަ ނޫރުން ތަނަށް އަލިކުރާ،
މަޖީދީ މަޖީދީ ފަޚުރުވެރި ހިޔާ، މަޖީދިއްޔަ ނޫރުން ތަނަށް އަލިކުރާ،
މިހާ ހިސާބުން އަޙްމަދު ޝާކިރަކީ ކޮންބޭފުޅެއްކަން ބަލާލުން މުހިންމު ކަމުގައި ދެކެމެވެ.
ތަޅަމުދިގެއަކީ، ޝާކިރުގެ ބައްޕާފުޅު، އަލްމަރްޙޫމް ތަޅަމުދިގޭ ޢަލިމަނިކުގެ ގެއެވެ. ޝާކިރު އުޅުއްވީ އޭނާގެ އަމިއްލަފުޅުގެ، ގ. ބަހާރީގޭގައެވެ. މިހިސާބުން އަޅުގަޑުގެ ހިތައްއެރީ ހަމަ ގައިމުވެސް އަޅުގަޑު ވަރަށް ކުޑައިރު ޝާކިރާ ދިމާވެފައި ވެދާނެކަމެވެ. ސަބަބަކީ ބަހާރީގެ އަކީ އަޅުގަޑު އުފަންވެ އަދި އެގެއްގައި އުޅެ ބޮޑުވި ގ. ޖަވާހިރުމާގޭގެ ކުރިމަތިން އިރަށް ހުންނަ ގެއެއް ކަމަށް ވާތީއެވެ. އަދި ޝާކިރުގެ ދަރިކަބަލުން ކަމުގައިވާ މަޖީދާ އާއި މަޖުދާ އަކީ މިހާރުވެސް އަޅުގަޑާ ވަރަށް ރައްޓެހި އަދި ދިމާވާ ކޮންމެފަހަރަކުވެސް ވަރަށް ގާތްކޮށް ވާހަކަ ދައްކަވާ ހިއްތަވާ ބޭފުޅުންނެވެ. އަދި ޝާކިރުގެ ދަރިކަލުން އަލްމަރްޙޫމް މާޖިދަކީ ވެސް ކުޑައިރު ފެނިދެނި ވެފައިވާ ބޭކަލެކެވެ. އެކަމަކު، ޝާކިރުގެ މަތިން އެއްވެސް ވަރަކަށް ހަދާނެއް ނެތެވެ.
ތަޅަމުދިގޭ އަޙްމަދު ޝާކިރަށް ދިވެހި ލެންވެރިކަމުގެ ގުލްޒާރުގައި މުޙަންމަދު އަމީން ދެއްވާފައިވާ ނަންފުޅަކީ ޝާޢިރުލްމަޖްހޫލް، ނުވަތަ "ގެއްލިފައިހުރި ޝާޢިރު" އެވެ. އަޙްމަދު ޝާކިރަށް ޝާޢިރުލްމަޖްހޫލް ގެ ނަންދެވުނު ގޮތާމެދު ނަޒަރެއް ހިންގާލާއިރު މިކަން ވަރަށް ސާފުކޮށް އެގެން އެބައޮތެވެ. 1 ޝައްވާލު 1367 ގައި ނުކުތް ސަރުކަރުގެ ޚަބަރުގެ 58 ވަނަ ޢަދަދުގައި މުޙަންމަދު އަމީން ދީދީ މިވާހަކަ ލިޔުއްވާފައިވެއެވެ.
އަޙްމަދު ޝާކިރަށް ޝާޢިރުލްމަޖްހޫލް ގެ ނަން ދެއްވީ ހަމަޔަގީނުން ވެސް އެއީ ހަމަ ގެއްލިފައި ހުންނަވަނިކޮށް ފެނުނު ޝާޢިރަކަށް ވީތީކަން އެގެއެވެ. ދެވަނަ ބޮޑުހަގުރާމަ ނިމިގެން، 1940 ގެ އަހަރުތަކުގެ ފަހުކޮޅު ދިވެހިރާއްޖެއިން ބޭފުޅުންކޮޅެއް ކޮޅުބައް ފޮނުއްވައިގެން އިގެރޭސިބަހުގެ ތަޢުލީމުދެއްވަން ސަރުކާރުން މަސައްކަތް ކުރެއްވިއެވެ. އޭގެތެރޭގައި ކޮޅުބަށް ފޮނުއްވި އެއްބޭފުޅަކީ ޝާކިރުގެ ދެބެންގެދެދަރި ބޭކަބަލެއް ކަމަށްވާ، ގ. ޒަމާނީކުލަ ހާޖަރަ ޙަސަން މަނިކެވެ. ހާޖަރާ އަކީ އެދުރެކެވެ. ކޮޅުބުން ކިޔަވާ ވިދާޅުވުމަށްފަހު، ހިސާބުގަޑު ގޭގޭގެ ކުދިންނަށް ޒަމާނީކުލައިގެ ފެންޑާގައި އެތަކެއް ޒަމާނެއް ވަންދެން އުގަންނާދެއްވިއެވެ. އަޅުގަޑުވެސް ވަރަށް ކުޑައިރު "ހާޖަރާއްތަ" އަރިހުން އުގެނެން އެގެޔަށް ދިޔައީމެވެ.
ކޮންމެޔަކަސް، ހާޖަރާ ކޮޅުބުގައި ހުންނަވަނިކޮށް، ޢާއިލާގެ ވަހަކަތަކާ، މާލޭގެ އެކި އެކި ޚަބަރުތައް ލިޔުއްވާފައި، ޝާކިރު ފޮނުއްވި ޢީދު ކާޑެއް އިއްތިފާގަކުން މުޙަންމަދު އަމީން އަށް ފެނިވަޑައިގަތީއެވެ. ޝާކިރު ފޮނުއްވި ކާޑުގައި ޚަބަރުތައް ލިޔުއްވާފައިވަނީ ވަރަށް ޞަރީޙަ ކޮށް ތަފްޞީލާއެކު ޅެން ބަހުރުވައިން ކަމުގައި "ދިވެހިޑައިޖެސްޓް" ގެ 66 ވަނަ ޢަދަދުގައި އަލްމަރްޙޫމް ޢަލީ ޙުސެއިން ލިޔުއްވާފައިވެއެވެ. މިއީ އަޙްމަދު ޝާކިރަށް ޝާޢިރުލްމަޖްހޫލް ގެ ނަން ދެއްވުމަށް ދިމާވި އެއް ސަބަބުކަމުގައި ބެލެވިދާނެއެވެ. އެހެން މިދެންނެވީ ”ސަރުކާރުގެ ޚަބަރު“ ގެ 58 ވަނަ ޢަދަދުގައި، ޝާކިރަށް މިނަން، ނުވަތަ ލަގަބު ދެއްވާ ލިޔުއްވާފައިވާ ލިޔުއްވުމުގައި މުޙަންމަދު އަމީން އެކަމަށް ޢިޝާރާތް ކުރައްވާފައި ވާތީއެވެ. އޭނާ ލިޔުއްވާފައިވާނީ "ޝާކިރުގެ ޅެންތަކުގެ ތެރެއިން އަޅުގަޑަށް އެންމެ ރީތީ، އަދި އެންމެ ރަގަޅު އެއް ޅެމެއް ކަމުގައި ހިމެނެނީ އޭނާގެ ދެބެންގެދެދަރި ހާޖަރާއަށް ލިއެފައިވާ ސިޓީއެކެވެ. އޭނާ ބުނަންބޭނުންވެފައިވާ ހުރިހާ ވާހަކަތަކެއް، ސާފުސީދާ ޢިބާރާތުން، މަތިވެރިޅެމެއްގެ ގޮތުގައި ބުނެފައިވަނީއެވެ."
އަދި އޭނާއަށް ޝާޢިރުލްމަޖްހޫލުގެ ލަގަބު ދެއްވަމުން އިތުރަށް ލިޔުއްވާފައިވަނީ ”އަދު އަޅުގަޑުގެ ގަލަން މިނެގީ، މި ސިލްސިލާއަށް އެހެންބޮޅެއް އިތުރުކުރެވޭތޯއެވެ. އަޅުގަޑުމެންގެ ބަގީޗާގެ އެހެން ޝާޢިރަކަށް އިންސާފުކުރެވޭތޯއެވެ. އަޅުގަޑުގެ މިއަދުގެ ޝާޢިރަކީ، އޭނާގެ ނުފޫޒުގެބާރުން ތަރުޙީބުތަކެއް ލިބެމުންދާ ޝާޢިރެއްނޫނެވެ. އޭނާގެ ނަސަބު އޭނާއާއި އެހީވާ ޝާޢިރެއްނޫނެވެ. އޭނާގެ ސިކުޑިން އޮހޭ ޅެންތަކުގެ ފޮނިކަން ޞަޙަރާގެވަޔަށް، ވަރަށްގިނަފަހަރަށް، އަގެއްނެތްގޮތުގައި، ގޮސްގޮސް ހުންނަ ޝާޢިރެކެވެ. އާދޭހެވެ! އެއް މަޢުނައަށްވުރެ ގިނަ މާނައިގައި، އަޅުގަޑުމެންގެ ޝާޢިރުލްމަޖްހޫލް އެވެ. އަޙްމަދު ޝާކިރެވެ.“
އަޅުގަޑަށް ގަބޫލުުކުރެވޭ ގޮތުގައި، މުޙަންމަދު އަމީން މިހެން ލިޔުއްވާފައި އެވަނީ އޭގައި ފޮރުވިފައިވާ މާނައެއް އޮވެގެނެވެ. ޝާކިރުގެ ޢާއިލާއަކީ އެޒަމާނުގައި މާލޭގެ ކަމުވޮށިވެގެންވާ ޢާއިލާއެކެވެ. އަދި އެޢާއިލާގެ ތެރޭގައި އަދަބީގޮތުން ފުންނާބުއުސް ބޭބޭފުޅުން އުޅުއްވާ ޢާއިލާއެކެވެ. އަޙްމަދު ޝާކިރުގެ ބައްޕާފުޅު، ލިޔާ ޢަލިމަނިކަކީ ކާމިނީގޭ އަލްވަޒީރު އިބްރާހީމް މާފަތްތަކުރުފާނު (ދޮންތުއްތު) ގެ ބޭބޭފުޅު ދޮށީތުއްތުގެ ދަރިކަލެކެވެ. އެހެންކަމުން ނަސަބުގެ ގޮތުންވެސް ނަންކިޔާލެވޭ ޢާއިލާއެކެވެ. ފަހަރުގައި، މިފަދަ ޢާއިލާއަކަށް ނިސްބަތްވެ ވަޑައިގެން ކަމުގައި ވިޔަސް، އެކަމުގެ ނުފޫޒެއް ޝާކިރާ ހަމަޔަށް އައިސްފައި ނެތީކަމަށްވެސް ވެދާނެއެވެ.
އަޙްމަދު ޝާކިރަކީ ހިސާބު ޢިލްމާ، އުރުދޫ އަދި ޢަރަބި ބަސް ވެސް އުގެނިވަޑައިގެން ބޭފުޅެކެވެ. އަދި އެޒަމާނުގައި ރާއްޖޭގައި ކިޔާ އުޅުނު ބައެއް މައުލޫދު ތައްވެސް ލިޔުއްވާފައިވެއެވެ. އަދި އޭގެ ތެރެއިން މިޢުރާޖު މައުލޫދާ ބަދުރު މާއުލޫދު ދިވެހި ބަހައް ތަރުޖަމާކުރެއްވީވެސް ޝާކިރެވެ. މީގެ އިތުރުން އެތައް މަދަޙައެއްވެސް ހައްދަވާފައިވެއެވެ. އޭނާ ހެއްދެވި ބައެއް މަދަޙަ ތަކުގެ ތެރޭގައި "އައްސަވާދޭ ދުޢާ އަޅުގެ ޔާ ޒަލް ޢުލާ އަދި އޭ ސާޙިބާ، އޭ ސާޙިބާ ޢާލަމްތަކަށް" ހިމެނެއެވެ. މި މަދަޙަތަކުގެ ތެރެއިން "އޭ ސާޙިބާ" ކިޔުއްވާފައިވަނީ ޝާކިރަށް ބޮޑުބޭބެ ކިޔުއްވާ ބޭފުޅެއް ކަމުގައިވާ މަޝްހޫރު ހާޖަރާގޭ މުޙަންމަދު ތަޢުފީޤް އެވެ.
އަދި ކޮބައިތޯއެވެ. ކުދިންނަށް ނަން ކިޔުމަށްޓަކައި ނަން ފޮތްތައްވެސް ލިޔުއްވިއެވެ. އަދި ކުދިންނަށް ނަންކިޔުމަށް ލަފާ ދެއްވާ، ނަން ކިޔުއްވާ ދެއްވާވެސް ހެއްދެވިއެވެ. ޝާކިރަކީ މައުޛޫނެއްވެސް މެއެވެ. އެގޮތުން އެތައްބައެއްގެ ކައިވެނިވެސް ކޮށް ދެއްވާފައިވެއެވެ. މި ހުރިހާ ކަމެއް ކުރައްވަމުން ގެންދެވިއިރު، ސަރުކާރުގެ އެތައް ވަޒީފާއެއްވެސް އަދާ ކުރެއްވިއެވެ.
އަޙްމަދު ޝާކިރު ހެއްދެވި ހަމައެކަނި މަދަރަސީ ލަވަޔަކީ މަޖީއްދިޔާގެ ލަވައެއް ނޫނެވެ. މަދަރަސަތުލް ފަރީދިއްޔާގެ ފިރިހެންކުދިންގެ ގޮފީގެ ލަވަޔަކީވެސް ޝާކިރު ހެއްދެވި ލަވަޔެއް ކަމަށް މުޙަންމަދު އަމީން ލިޔުއްވާފައިވެއެވެ.
"ނަސީބާ އެދެވޭ ތަނަވަސްކަން ހޯދާ އެދެނީ މި ފަރީދިއްޔާ، ނަސީމުގެ ފިނިވައިރޯޅިއަކުން ހިތްތާޒާކޮށްލި ފަރީދިއްޔާ
ޤައުމާ ވަޒަން އަގުހުރި މާތް ޢިލްމީ ގޮތުގައި ކުރިއަރުވައި، ޤައުމަށް ލޮބުވެތި މަތިވެރި ބަޠަލާ ނަންގުޅުވާލި ފަރީދިއްޔާ"
އަދި ކޮބައިތޯއެވެ؟ މ.މ.ދ. ޖަމްޢިއްޔާގެ އަށްވަނަ އަހަރީ ދުވަހާ ގުޅުވައިގެންވެސް ޅެމެއް ހައްދަވާފައިވެއެވެ. "ޝުޢޫރަކީ މިދާ، ޝުޢޫރަކީ މި ދާ، ރޫޙު ދޭށަ ޤައުމުގައި ނުފޫސްތައް ދިރާ" އިރާދަކުރެއްވިއްޔާ މިޅެން ކޮންމެސް އެހެން ފަހަރަކުން މިމަޖައްލާގައި ހިމަނާލާނަމެވެ.

އާދޭހެވެ. ޝާޢިރުލްމަޖްހޫލަކީ ހަމަ ގައިމުވެސް އަޅުގަޑުމެންނަށް ގެއްލިފައިވާ ޝާޢިރެއް ނޫނެވެ. އޭނާ ހުންނެވީ ފެންނާށެވެ. އޭނާގެ ޤަލަމުގެ ނުފޫޒާ ބާރު ވަރަށް ގަަދައެވެ. މި ޤައުމުގެ އެތައް ދަރިންނެއްގެ ހިތްތައް ގުގުމާލާ، ހިތްވަރާ، ޖޯޝާ، ޢަޒުމުން ފުރާލަނީ "މަޖީދީ މަޖީދީ ފަޚުރުވެރި ހިޔާ، މަޖީދއްޔަ ނޫރުން ތަނަށް އަލިކުރާ" މި އަޑު އިވޭ ހަމަ ކޮންމެ ފަހަރަކުއެވެ. އޭނާގެ މި ފަޚުރުވެރި ލަވަޔަކީ އަގެއްނެތްގޮތުގައި ޞަޙަރާގެ ވަޔަށް ދާނެއެއްޗެއް ނޫނެވެ. ތާއަބަދައް ހަރުއަޑުން އިވިއިވި ހުންނާނެ އަޑެކެވެ.