2025 ވަނަ އަހަރު ނޮވެމްބަރު 1 އިން ފެށިގެން، ދިވެހިރާއްޖެއިން ވަނީ ވަރަށް ތާރީޚީ ސިޔާސަތެއް ތަންފީޒުކުރަން ފަށާފައެވެ. އާދެ! އަންނަންއޮތް ޖީލުތައް ދުންފަތުގެ ވަބާއިން ސަލާމަތްކުރުމަށް ޓަކައި، ”ޖެނެރޭޝަނަލް ބޭން“ އެއް ތަންފީޒު ކުރަން ފަށާފައެވެ. މިއާއެކު، 1 ޖެނުއަރީ 2007 ގެ ފަހުން އުފަންވެފައިވާ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތްތައް ވިއްކުމާއި، ގަތުމާއި، އަދި ބޭނުންކުރުން ދާއިމީކޮށް މަނާކުރި ފުރަތަމަ ޤައުމަކަށްވެ، ދުނިޔޭގެ ތާރީޚުން އުފާވެރި އުންމީދެއްގެ ޖާގަ ރާއްޖެ ވަނީ ހޯދާފައެވެ.
2022 ވަނައަހަރު ނިއުޒިލޭންޑުގައި މިފަދަ ގާނޫނެއް ފާސްކުރި ވާހަކަ ތިޔާގެތެރެއިން ބައެއްބޭފުޅުން އަޑުއައްސަވާފައި ވާނެއެވެ. ނަމަވެސް ނިއުޒިލޭންޑުން އޭރު ފާސްކުރި ގާނޫނަކީ ރާއްޖޭން ފާސްކޮށް ތަންފީޒުކުރަން ފަށާފައިވާ ގާނޫނަށް ވުރެ ބަލިކަށި ގާނޫނެކެވެ. އަދި ނިއުޒިލޭންޑުގެ ގާނޫނު ތަންފީޒީ މަރުހަލާއަށް ނުދަނީސް އުވާލިއެވެ. އެހެންކަމުން 2025 ވަނަ އަހަރު ރާއްޖެއިން ތަންފީޒުކުރަން ފެށި ގާނޫނުން މުޅިދުނިޔެ ސިއްސުވާލިއެވެ. ދުނިޔޭގެ އެންމެންވެސް ގަބޫލުކުރަނީ ޢާންމު ޞިއްޙަތު ރައްކާތެރިކުރުމަށް ދިވެހިރާއްޖެއިން ދައްކުވައިދިނީ ނަމޫނާ އެއްކަމުގައެވެ. އަދި އެއީ ވަރަށް ހިތްވަރުގަދަ ތާރީޚީ ނިންމުމެއް ކަމަށް ބުނެ ތަޢުރީފުގެ ބަސްތައް ބުނަމުންދިޔައެވެ.
1998 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ދުންފަތް ކޮންޓްރޯލްކުރުމަށް ވަކާލާތުކޮށް، މި ދާއިރާއިން ރާއްޖެއާއި ބައިނަލްއަޤުވާމީ ފެންވަރުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބިފައިވާ މީހެއްގެ ހައިސިއްޔަތުން، މިނިންމުމަށް އަޅުގަނޑު މަރުޙަބާ ކިޔަނީ ހިތުގެ އެންމެ ފުންމިނުންނެވެ.
މި ނިންމުމަކީ ކުއްލިއަކަށް ނިންމި، ނުވަތަ ނިންމޭނެވެސް ނިންމުމެއް ނޫނެވެ. މިއީ ވަރަށް ދިގު ދަތުރެއްގެ ނަތީޖާއެވެ. ވޭތުވެދިޔަ ތިރީހަކަށް އަހަރު ތެރޭގައި ރާއްޖެއިން ވަނީ ދުންފަތް ކޮންޓްރޯލްކުރުމަށް ގިނަގުނަ މުހިންމު ފިޔަވަޅުތަކެއް އަޅާފައެވެ. ޤާނޫނުތައް ހަދައި، ދުންފަތުގެ އިޝްތިހާރާއި ޕްރޮމޯޝަންތައް މަނާކޮށް، އާންމު ޞިއްޙަތުގެ މެސެޖުތައް ވަރުގަދަކޮށް، އަދި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ ގެ މުއާހަދާ 'ފްރޭމްވޯކް ކޮންވެންޝަން އޮން ޓޮބާކޯ ކޮންޓްރޯލް' ގައި ބައިވެރިވެ، އެއާ އެއްގޮތަށް އެތައް ސިޔާސަތުތަކެއް ބައްޓަންކޮށްފައެވެ. މި ފިޔަވަޅުތަކުން ހާމަވަނީ ދުންފަތުގެ ވަބާއިން މުޖްތަމަޢު ސަލާމަތް ކުރުމަށް އަޅުގަޑުމެން ދިވެހީން ބޭނުންވާލެއް ބޮޑުކަމެވެ.
އެހެންނަމަވެސް، ތަޖުރިބާގެ އަލީގައި އަޅުގަޑުމެންނަށް ދަސްވި މުހިންމު ފިލާވަޅެއް އެބައޮތެވެ. ހަމައެކަނި ޤާނޫނުތަކަކުން ހަޤީޤަތެއް ބަދަލެއް ނުކުރެވޭނެކަމެވެ. އެކަން ކުރެވޭނީ އެ ޤާނޫނުތައް ހަރުދަނާގޮތެއްގައި ތަންފީޒުކޮށްގެންނެވެ. އަދި ދުނިޔޭގެ ކަންކަން ބަދަލުވަމުންދާ ބާރު ސްޕީޑުގައި، އެފަދަ ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް ތަންފީޒުކުރުމުގެ އުކުޅުތަކާ ހުނަރުތައްވެސް ހަރުދަނާވެ، އަދި މޮޅުވެސް ވެގެންނެވެ. އަދި ކޮބައިތޯއެވެ. މުޖުތަމަޢުގެ ކޮންމެ ފަރުދަކީވެސް ޤާނޫނާއި ގަވައިދު ނަގަހައްޓާ އިޚްލާޞްތެރި މީހަކަށް ވެގެންނެވެ.
މިހާރު ހުރި ގަވާއިދުތައް ތަންފީޒުކުރުމުގައި ރާއްޖެއަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ. ކުޑަކުދިންނަށް ދުންފަތުގެ ބާވަތްތައް ވިއްކުމުން ފެށިގެން، ދުންފަތުގެ އިސްތިޢުމާލުކުރުން މަނާ ތަންތަނުގައި އެކަން ކުރުމާއި، އަދި އަލަށް ތަޢާރަފުވަމުންދާ ނިކޮޓީންގެ ބާވަތްތަކަށް ދެވިހިފުމާ ހަމައަށް ބަލާލާއިރު، ޤާނޫނާއި އެ ތަންފީޒުކުރުމާ ދެމެދު އޮތް ބޮޑު ފަރަގަކީ، ސިޔާސަތެއް ކާމިޔާބުވުން ނުވަތަ ނުވުން ކަނޑައަޅާ މައިގަޑު ސަބަބެވެ. މި ގާނޫނުތަކާއި ގަވައިދުތައް ހަރުދަނާކޮށް ތަންފީޒުކުރުމާއި، މެދުކެޑުމެއްނެތި މޮނިޓަރުކުރުމާއި، އަދި މުޖުތަމަޢުގެ ބައިވެރިވުން ނެތިއްޖެނަމަ، ކިތަންމެ ރަގަޅު އަދި މުހިއްމު ޤާނޫނެއްވެސް ވެގެންދާނީ ހަމައެކަނި ލިޔެފައި އޮންނަ ލިޔުމަކަށެވެ.
އެހެންކަމުން، އަންނަން އޮތް ޖީލުތަށް ދުންފަތުގެ ވަބާއިން ސަލާމަތްކުރުމުގެ ކާމިޔާބީ ބިނާވެފައިވަނީ ހަމައެކަނި ޤާނޫނުގެ މައްޗަކަށް ނޫނެވެ.
ދުންފަތުން ސަލާމަތްވެފައިވާ ޖީލެއް ބިނާކުރެވޭނީ ވަރަށް ބުރަ މަސައްކަތެއް ކޮށްގެންނެވެ. މިހާރު ހުރި ގަވާއިދުތައް ހަރުދަނާކޮށް ތަންފީޒުކުރުމާއި، މެދުކެޑުމެއްނެތި އާންމުން ހޭލުންތެރިކުރުވުމާއި، މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުރުމާއި، އަދި ދުންފަތާމެދު މުޖުތަމަޢު ދެކޭގޮތްތަކަށް އަންނަ ބަދަލެއްގެ މައްޗަށެވެ. ޒުވާނުން ބޮޑުވާންޖެހޭނީ ދުންފަތުގެ އިސްތިޢުމާލުކުރުމަކީ މުޖުތަމަޢު ބަލައިނުގަންނަ، ނުރައްކާތެރި ހުތުރު އަމަލެއް ކަމުގައި ގަބޫލުކޮށް އެކަން ކުރުމަށް ޖާގަނުދޭ މާހައުލެއްގައެވެ. އޭގެ ގެއްލުމާ ބެހޭ ތަޢުލީމާ މައުލޫމާތު މެދުކެޑުމެއްނެތި ލިބިގެންނެވެ. އަދި ކުދިކުދި ޢާއިލާތަކުން ފެށިގެންގޮސް އިސްކޫލްތަކާ، މަސައްކަތްކުރާ ތަންތަނާ، މަދަނީ ޖަމްޢިއްޔާ ތަކާ އަދި ވަކިވަކި ފަރުދުންނަކީވެސް ދުންފަތާ ދެކޮޅަށް ވަކާލާތުކުރާ ބަޔަކަށް ވެގެންނެވެ. ދުންފަތުގެ ސިނާއަތުން ޒުވާނުން ހިތްޖެއްސުވުމަށް ބޭނުންކުރާ އުކުޅުތަކަށް ސަމާލުވެ އެކަންކަމުގެ އަވައިގައި ނުޖޭހޭނެ ވަރުގަދަ އަޒުމެއް ގާއިމުކުރެވިގެންނެވެ.
ގާނޫނާ، ސިޔާސަތާ އޮނިގަޑުތައް އެކުލަވާލެވިދާނެއެވެ. ނަމަވެސް މިފަދަ އިޖްތިމާޢި ކަންކަމަށް ބަދަލު ގެންނަންޖެހޭނީ މުޖުތަމަޢުންނެވެ.
އެހެންކަމުން، މި މުޙިއްމު ފިޔަވަޅަކީ ހަމައެކަނި ޤާނުނަކަށް އައި ބަދަލެއް ނޫނެވެ. މިއީ ޢާންމު ސިއްހަތު ރައްކާތެރިކުރުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތު އާކޮށް، ދުންފަތުގެ ނުރައްކަލުން ސަލާމަތްވެފައިވާ މުސްތަޤުބަލަކަށް ދިޔުމަށް ލިބުނު އެންމެ ބޮޑު ފުރުޞަތެވެ.
މި ހިތްވަރުގަދަ ސިޔާސަތާއެކު، އެކަން ތަންފީޒުކުރުމާއި، ހޭލުންތެރިކަން އިތުރުކުރުމާއި، އަދި މުޅި ޤައުމު އެކަމުގައި ބައިވެރިވެއްޖެނަމަ، މި ކުޑަކުޑަ ދިވެހިރާއްޖެއަކީ ޢާންމު ސިއްޙަތު ރައްކާތެރިކިރުމުގައި މުޅިދުނިޔެއަށް ނަމޫނާއަކަށް ވެގެންދާނެ ކަމާ މެދު އެެއްވެސް ޝައްކެއް ނެތެވެ. އަދި އެއަށްވުރެ މާބޮޑު ކާމިޔާބީއަކަށް ވެގެންދާނީ، މި ދިވެހިރާއްޖެ އަކީ ދުޅަހެޔޮ ސިއްޙަތެއްގައި ދިރިއުޅޭނެ އެތަކެއް ޖީލުތަކެއް ބިނާކުރި ބަޔަކަށް ވެގެންދިއުމެވެ.
އަޅުގަނޑުގެ ފަންނީ މަސައްކަތުގެ ބޮޑުބައެއް ދުންފަތް ކޮންޓްރޯލްކުރުމަށް ވަކާލާތުކުރުމުގައި ހޭދަކޮށްފައިވާއިރު، މި ނިންމުމަކީ ހަމައެކަނި ސިޔާސަތަށް ގެނެވުނު ބަދަލެއްގެ ގޮތުގައެއް އަޅުގަނޑު ނުދެކެމެވެ. މިއީ ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ދަތުރުގައި ލިބުނު ވަރަށް އުޖާލާ ކުރިއެރުމެކެވެ. ނަމަވެސް، މިއަދު އަޅުގަޑުމެން މި ފާހަގަކުރާ ކާމިޔާބީއަށްވުރެ ކުރިއަށް އޮތްތާގައި ކުރަން ހުރި މަސައްކަތްތައް މާ މުހިއްމެވެ. އަދި މާބުރަވެސް މެއެވެ.
އަޅުގަނޑުމެން މިއަދު މި އިޚްތިޔާރުކުރީ ދެން އަންނަން އޮތް ޖީލުތަކުގެ ދުޅަހެޔޮކަމާ ރައްކާތެރިކަމެވެ. މިއީ މުސްތަޤްބަލުގެ ދިވެހީން އަޅުގަނޑުމެންނާ މެދު ފަޙުރުވެރިވާނެ ފިޔަވަޅެކެވެ. މިއީ މި އަޒުމުގައި ދެމިތިބެ، ދުންފަތުގެ ސިނާޢަތުން ގެންގުޅޭ އުކުޅުތަކަށް ސަމާލުވާންވީ ވަގުތެވެ. އަދި އެއްބައިވަންތަކަމާ އެކު މަސައްކަތް ކުރަންވީ ވަގުތެވެ. ކުރިމަގުގައި ދިވެހި މުޖުތަމަޢަށް އޭގެ ފޮނިމޭވާގެ ރަހަ ލިބިލިބި ހުންނަ އުފާވެރި ދިރިއުޅުމެއް އުޅޭނެ ބަޔަކަށް ވެގެންދިއުމަށް ޓަކައެވެ.