ދިވެހިރާއްޖެއަކީ އާންމުގޮތެއްގައި ނޫވިލުތަކާއި ކުރިއަރަމުން އަންނަ ފަތުރުވެރިކަމުގެ ސަބަބުން "ސުވަރުގެއެއްގެ" ގޮތުގައި ސިފަވެ، ދުނިޔެއަށް މަޝްހޫރުވެފައިވާ ގައުމެކެވެ. ނަމަވެސް، މި ރީތި މަންޒަރުގެ ފުރަގަހުގައި، އިޖުތިމާއީ އަދި އާންމު ސިއްހަތާ ގުޅުންހުރި ބޮޑެތި ގޮންޖެހުންތަކެއް ދަނީ އިތުރުވަމުންނެވެ. އޭގެ ތެރޭގައި އެތަކެއްއަހަރު ތަކެއް ވެ އެދެވޭ ހައްލެއް ނުހޯދި ބޮޑުވެ ވަރުގަދަ ވަމުން ދާ މަސްތުވާތަކެތީގެ ވަބާއާއި، ޒުވާނުންނަށް ކުރިމަތިވާ ނުރައްކާތަކާއި، ކުށްކުރުމާއި، އާއިލާ ރޫޅުމުގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަމުގެ މައްސަލަތައް ހިމެނެއެވެ. މިފަދަ މައްސަލަތަކާ މެދު އާންމުކޮށް އަމަލުކުރެވެނީ، އެވަގުތުން ވަގުތަށް ހައްލު ބޭނުންވާ ކުއްލި ނުރައްކަލުގެ ހާލަތްތަކެއްގެ ގޮތުގައެވެ. އެހެންނަމަވެސް، ރައްކާތެރިކަމާ ބެހޭ ސައިންސުގެ ހޯދުންތަކުން ދައްކާގޮތުގައި، މިފަދަ ގިނަ މައްސަލަތަކަކީ ކޮންމެހެން ދިމާވާންޖެހޭ ކަންތައްތަކެއް ނޫނެވެ. މިއީ ކުރިއާލައި ފިޔަވަޅު އަޅައިގެން ހުއްޓުވިދާނެ ކަންކަމެވެ.
އިލްމީ މާހިރުން ސިފަކުރައްވާ ގޮތުގައި، އާންމު ސިއްހަތުގެ ހަރުދަނާ ނިޒާމެއްގެ އެންމެ މުހިންމު އަސާސަކީ، "ރައްކާތެރިކަމުގެ ސަގާފަތެއް" އޮތުމެވެ. މިއީ މައްސަލަތައް ގޯސްވުމުގެ ކުރިން، މުޅި މުޖުތަމައު ގުޅިގެން އެކަންކަމަށް އިސްވެ ހައްލު ހޯދުމެވެ. ސިޔާސަތުތަކާއި، މުއައްސަސާތަކާއި، މުޖުތަމައު އަދި އާއިލާތައް ގުޅިގެން މަސައްކަތްކޮށް ނުރައްކަލަށް ހުށަހެޅޭ ކަންކަން މަދުކޮށް، ސިއްހަތާއި އަހުލާގަށް ހެޔޮ ބަދަލުތައް ގެނެސްދޭ ރައްކާތެރިކަމުގެ މާޙައުލެއް އުފެއްދުމެވެ.
ތާރީޚީ ގޮތުން ބަލާއިރު، ރާއްޖޭގައި ކަންކަން ނިންމުމުގެ ސިޔާސަތުތައް ބިނާވެފައި އޮތީ މައްސަލައެއް ދިމާވުމުން އެކަމަކަށް ޢަމަލުކުރުމުގެ މައްޗަށެވެ. އިޖުތިމާއީ މައްސަލައެއް ފެންމަތިވުމުން، އާންމުކޮށް އިސްކަންދެވެނީ ގާނޫނު ތަންފީޒުކުރުމަށާއި، ކުއްލި ހާލަތްތައް މެނޭޖުކުރުމަށް ނުވަތަ ކުރު މުއްދަތުގެ ހައްލުތަކަކަށެވެ. މިފަދަ ފިޔަވަޅުތަކަކީ ހަރުދަނާ ފިޔަވަޅުތަކެއްގެ ގޮތުގައި ފެނުނު ނަމަވެސް، ނަފްސާނީ، އިޖުތިމާއީ އަދި އިގްތިސާދީ ގޮތުން މީގެ ނަތީޖާ ގިނަ ފަހަރަށް ފެންނަނީ ވަރަށް ދަށްކޮށެވެ. ސަބަބަކީ މިފަދަ ފިޔަވަޅުތަކުން މައްސަލައިގެ އަސްލު ސަބަބު ހައްލުކުރުމުގެ ބަދަލުގައި، ހަމައެކަނި ފެންނަން އޮތް އަލާމާތްތަކަށް ފަރުވާ ދެވޭތީއެވެ. މިފަދަ ސިޔާސަތުތަކުގެ ދަށުން ފިޔަވަޅު އެޅެނީ ކަމެއް ބޮއްސުންލައިގެން ދިއުމަށްފަހުގައެވެ. އެއީ މަސްތުވާތަކެއްޗަށް ދެވިހިފުމަށްފަހު، ނުވަތަ ކުށްކުރުން އިތުރުވުމަށްފަހު، ނުވަތަ މުޖުތަމައަށް އޭގެ ނޭދެވޭ އަސަރު ފޯރަން ފެށުމަށްފަހުގައެވެ.
ރައްކާތެރި ކަމުގެ އިލްމު ބިނާވެފައިވަނީ، ކަމެއް ގޯސްވުމުގެ ކުރިން އެކަމުގެ އަސްލަށް އަމާޒުކޮށް ދުރާލާ ފިޔަވަޅު އެޅުމުގެ މައްޗަށެވެ. ނުރައްކަލަށް ހުށަހެޅޭ މިންވަރު ކުޑަކޮށް، އާއިލާތަކާއި، ސުކޫލްތަކާއި އަދި މުޖުތަމައުގެ އެހީތެރިކަން ފޯރުކޮށްދޭ ނިޒާމުތައް ވަރުގަދަކުރުމުން، މަސްތުވާތަކެތި ބޭނުންކުރުމާއި އެނޫންވެސް ނުރަނގަޅު އަމަލުތަކަށް މަގުފަހިވާ މިންވަރު ވަރަށް ބޮޑަށް ކުޑަކޮށްދެއެވެ. ކަމެއް ދިމާވުމުން އެކަމުގެ ރައްދުގައި ކަންކަން ކުރުމާއި، ކަމެއް ދިމާވުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމާ ދެމެދު ހުރި ތަފާތަކީ ހަމައެކަނި ވިސްނުމުގެ ތަފާތެއް ނޫނެވެ. މިއީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުންވެސް ބޮޑެތި މަންފާތަކެއް ކުރާނެ ކަމެކެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން ދުޅަހެޔޮ މުޖުތަމައެއް ބިނާވެ، ސިއްހީ ހިދުމަތްތަކަށް ކުރާ ހަރަދު ކުޑަވެ، ކުށްކުރުން މަދުވެ، މުޖުތަމައުގެ ބަދަހިކަން އިތުރުވެގެންދެއެވެ.
މިއަދު ދިވެހި މުޖުތަމައުން ފެންނަމުންދާ ގިނަ ގޮންޖެހުންތަކަކީ، މަސްތުވާތަކެއްޗަށް ދެވިހިފުމާއި، ޒުވާނުން މުޖުތަމައާ ދުރުވުމާއި، އަނިޔާވެރިކަމާއި، ޅައުމުރުގައި ކުށްތަކައްއަރައިގަތުމާއި އަދި އިޖުތިމާއީ ބަލިކަށިކަމޭ ބުނެވިދާނެއެވެ. މިއީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ލިބުނު ފުރުސަތުތައް ދޫކޮށްލެވުމުގެ ނަތީޖާ އެވެ. މިފަދަ ކަންކަމަކީ މުޖުތަމައުން އެކަހެރިވުމާއި، ނަފްސާނީ ހާދިސާތަކާއި، އާއިލީ މައްސަލަތަކާއި، ދިރިއުޅުމުގައި ކުރިއަށްދާނެ ފުރުސަތުތައް މަދުވުން ފަދަ ސަބަބުތަކާ ހުރެ މަޑުމަޑުން އުފެދެމުން އަންނަ ކަންކަމެވެ.
ހަގީގަތަކީ، ނަތީޖާ ނެރެދޭ ފަދަ ރައްކާތެރިކަމުގެ ހަރުދަނާ އުސޫލުތައް މިހާރުވެސް ދުނިޔޭގައި އެބަހުއްޓެވެ. މީގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް މިސާލަކީ "އައިސްލޭންޑިކް ޕްރިވެންޝަން މޮޑެލް" އެވެ. މިއީ މުޖުތަމައު ބައިވެރިކޮށްގެން، އައިސްލޭންޑްގެ ޒުވާނުން މަސްތުވާތަކެތި ބޭނުންކުރާ މިންވަރު އާދަޔާ ހިލާފަށް ދަށްކޮށްދިން ކަމެކެވެ. މިއީ އަދަބު ދިނުމަށް ނުވަތަ ކަމެއް ގޯސްވުމުން ފިޔަވަޅު އެޅުމުގެ ބަދަލުގައި، ކުދިންގެ ދިރިއުޅުން އުޖާލާ ވާނެފަދ މާހައުލެއް ބިނާކުރާ ނިޒާމެކެވެ.
މީގެ މުހިންމު ބައިތަކުގެ ތެރޭގައި މައިންބަފައިންގެ ބައިވެރިވުން އިތުރުކުރުމާއި، ޒުވާނުންނަށް ބޭނުންތެރި ހަރަކާތްތައް ރޭވުމާއި، މަސްތުވާތަކެތި ބޭނުންކުރުމާ މެދު މުޖުތަމައު ދެކޭގޮތުގެ ހަރުދަނާ މިންގަނޑުތަކެއް ކަނޑައެޅުމާއި، މަޢުލޫމާތާ ދިރާސާރަކުގެ މައްޗަށް ބިނާވެފައިވާ ސިޔާސަތުތައް އެކުލަވާލުން ހިމެނެއެވެ. މައިންބަފައިންނާއި، ސްކޫލްތަކާއި، ކައުންސިލްތަކުގެ އިތުރުން މަދަނީ ޖަމިއްޔާތައް ގުޅިގެން މަސައްކަތްކުރުމަކީ ޒުވާނުންނަށް ރައްކާތެރި، އަދި އެކުދިންގެ ބައިވެރިވުން އިތުރުވާނެ ފަދަ މާހައުލެއް ބިނާކުރުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެކެވެ.
މި އުސޫލުތަކަކީ ދިވެހިރާއްޖެއާވެސް ވަރަށް ގުޅޭ އުސޫލުތަކެއް ކަމުގައި ބުނެވިދާނެއެވެ. ރާއްޖޭގެ ރަށްރަށުގެ މުޖުތަމައުތަކަކީ މިހާރުވެސް އިޖުތިމާއީ ބިންގާ ވަރުގަދަ، އާއިލީ ގުޅުންތައް ބަދަހި، އަދި ސްކޫލްތަކަކީ އާންމު ދިރިއުޅުމުގެ މައިގަނޑު ހިއްސާއެއްގެ ގޮތުގައި އޮންނަ ތަންތަނަށްވާތީއެވެ. ޒުވާނުންނަށް ހިންގޭ ހަރަކާތްތައް ވަރުގަދަކޮށް، މައިންބަފައިންނަށް އެހީތެރިކަން ފޯރުކޮށްދީ، ރައްކާތެރި މާހައުލުތައް ގާއިމުކުރުމާއި، ދިރާސާތަކުގެ އަލީގައި މުޖުތަމައަށް ބޭނުންވާ ފިޔަވަޅުތައް އެޅުމަކީ މަސްތުވާތަކެތީގެ ވަބާއާއި ކުށްކުރުމަށް މަގުފަހިވާ ކަންކަން ވަރަށް ބޮޑަށް މަދުކުރެވިދާނެ ކަންކަމެވެ.
ނަމަވެސް، މިފަދަ ކަންކަން ހުއްޓުވުމަށްޓަކައި ގިނަ ސިޔާސީ ނިޒާމުތަކުގައި މަދުވާ އެއް ކަމެއްވެއެވެ. އެއީ ދުރުވިސްނުމެވެ. މިފަދަ ކަންކަމުން ރައްކާތެރިވުމަށް ކުރެވޭ އިންވެސްޓްމަންޓްތަކުގެ ނަތީޖާ ފެންނަން އަހަރުތަކެއް ނަގާއިރު، ކަމެއް ދިމާވުމުން އަޅާ ވަގުތީ ފިޔަވަޅުތަކަކީ ވަގުތުން ފެންނަން އޮންނަ ކަންކަމެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ރައްކާތެރިވުމުގެ ފިޔަވަޅުތަކުގެ މުހިންމުކަން ސާފުކޮށް އެންގޭއިރުވެސް، ގިނަ ފަހަރަށް ސަރުކާރުތަކުން އިސްކަންދެނީ ކަމެއް ބޮޑުވުމުން އެކަމަކަށް ވަގުތުން ދޭންޖެހޭ ޖަވާބުތަކަށެވެ.
މަސްތުވާތަކެތީގެ ޑިމާންޑް ދަށްކުރުމުގެ ދާއިރާގައި ވިއްސަކަށް އަހަރު މަސައްކަތް ކުރި މިޙެއްގެ ގޮތުން، އަޅުގަނޑު ވާނީ އެކި ސަރުކާރުތަކާއި، ކަމާބެހޭ މުއައްސަސާތަކާއި، މިކަމުގެ އަސަރުކޮށްފައިވާ އެކި މީސްމީހުންނާ ގުޅިގެން، ފުރިހަމަ ދިރާސާތަކުން ލިބެންހުރި މަޢުލޫމާތުގެ މައްޗަށް ބިނާވެފައިވާ ރައްކާތެރިވުމުގެ އުސޫލުތަކަށް ތަޢާރަފް ކުރުމަށް ވަކާލާތުކޮށްފައެވެ. ދިރާސާތަކުގެ މައްޗަށް ބިނާވެފައިވާ މިފަދަ އުސޫލުތައް ރަނގަޅު ގޮތުގައި ތަންފީޒުކޮށްފިނަމަ، ފާހަގަކުރެވޭ ފަދަ ނަތީޖާތަކެއް ލިބޭކަން އެތައް ޤައުމަކުން ވަނީ ދައްކުވާދީފައެވެ.
އެކި ދައުރުތަކުގައި ރާއްޖޭގެ ސަރުކާރުތަކުން އިޖުތިމާއީ މައްސަލަތަކުގައި އަމަލުކުރަމުން ގޮސްފައިވަނީ މައްސަލައެއް ދިމާވުމުން އެކަމަށް އިޖާބަދިނުމުގެ ސިޔާސަތެއްގެ ދަށުންނެވެ. މިގޮތުން، މުޅި ރާއްޖޭގައި ވޭޕް މަނާކުރުމަށް ނިންމި ނިންމުމަކީ މީގެ ސާފު މިސާލެކެވެ. އާންމު ސިއްހަތު ރައްކާތެރިކުރުމުގެ މަގުސަދުގައި މިފަދަ ގަވާއިދުތައް ހެދި ނަމަވެސް، ހަމައެކަނި މަނާކުރުމަކުން ނިކޮޓީންއަށް ދެވިހިފާފައިވާ މީހުންގެ މައްސަލައަކަށް ހައްލެއް ނުލިބެއެވެ. އެކަމުން ދުރުހެލިވުމަށް ބޭނުންވާ ފަރުވާއާއި، ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް އަދި އެހީތެރިކަން ނެތް ނަމަ، ގިނަ ބަޔަކު ނިކޮޓީން އެކުލެވޭ އެހެން ބާވަތްތަކަށް (ޚާއްސަކޮށް ދުންފަތުގެ އިސްތިއުމާލުކުރުމަށް) ބަދަލުވެއެވެ. މީގެ ސަބަބުން މައްސަލަ ހައްލުވުމުގެ ބަދަލުގައި، މައްސަލަ އެހެން ދިމާލަކަށް ބަދަލުވުން ނޫން ކަމެއް ނުވެއެވެ.
ހަމައެހެންމެ، ކުޑަކުދިން ކުރާ ކުށްތައް އިތުރުވުމާ ގުޅިގެން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރު ދަށްކުރުމަކީވެސް، މައްސަލައިގެ އަސްލު ސަބަބުތަކަށް ބަލާލުމުގެ ބަދަލުގައި އޭގެ ނަތީޖާއަށް އެކަނި ބަލައި ނިންމާފައިވާ ނިންމުމެކެވެ. ސައިންޓިފިކް ހޯދުންތަކުން ސާފުކޮށް އެނގޭ ގޮތުގައި، ކުޑަކުދިން ކުށުގެ މާހައުލަށް ވަންނަން މެދުވެރިވަނީ އާއިލީ ނުތަނަވަސްކަމާއި، ނަފްސާނީ އަނިޔާތަކާއި، މުޖުތަމައުން އެކަހެރިވުމާއި، ތައުލީމަށް ދޭ ސަމާލުކަން ކުޑަވުމުގެ އިތުރުން، ޅައުމުރުގައި މަސްތުވާތަކެއްޗަށް ނުވަތަ އަނިޔާވެރިކަމަށް ހުށަހެޅުމުގެ ސަބަބުންނެވެ. އާއިލާތަކާއި، މަދަރުސާތަކާއި، އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދޭ އެކިއެކި ނިޒާމުތައް ހަރުދަނާކުރުމަކީ ކުށްކުރުން ބޮޑުތަނުން މަދުކުރުމަށް އޮތް މަގުކަމުގައި ވީނަމަވެސް، ސިޔާސަތުތައް އެކުލަވާލުމުގައި މި އަސްލު ސަބަބުތަކަށް ދެވޭ ސަމާލުކަން ކުޑައެވެ.
މީގެ ނަތީޖާއަކަށް ވަނީ، މައްސަލަތައް ކުރިއާލައި ހުއްޓުވުމުގެ ބަދަލުގައި، ކަމެއް ދިމާވުމުން އެކަމަކަށް ވަގުތީ ހައްލެއް ހޯދުމުގެ ތެރޭގައި ގައުމު ތާށިވުމެވެ. މީގެ ސަބަބުން އެކަށީގެންވާ ނަތީޖާއެއް ނުލިބޭތާގަ، އިޖްތިމާޢީ ގޮތުން ނޭދެވޭ އެތައް އަސަރުތަކެއްވެސް ކުރެއެވެ. ހެއްކާއި ގަރީނާގެ މައްޗަށް ބިނާނުކޮށް، ހަމައެކަނި ސިޔާސީ ވިސްނުންކުރިޔައް ނެރި ކެންސަރުގާ ބޭސްމަލަން އުސޫލުން އެކުލަވާލާ ސިޔާސަތުތަކުގެ ސަބަބުން ވަކި ބަޔަކު ބަދުނާމުވުމާއި، މައްސަލަތައް ހުއްޓުވުމަށް ބޭނުންވާ ވަސީލަތްތައް ނުބައި ގޮތުގައި ބޭނުންކުރެވުމާއި، މުޖުތަމައު ނާޒުކު ހާލަތްތަކަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ.
މައްސަލަތައް ކުރިއާލައި ހުއްޓުވުމުގެ ސަގާފަތެއް ބިނާކުރުމަކީ ހަމައެކަނި ވަކިވަކި ޕްރޮގްރާމްތަކަކުން ކުރެވޭނެ ކަމެއް ނޫނެވެ. މިއީ ގައުމީ ފެންވަރުގައި އަޅުގަނޑުމެން ވިސްނާ ގޮތާއި ފިކުރު ބަދަލުކޮށްގެން ނޫނީ ހާސިލުކުރެވޭނެ ކަމެއް ނޫނެވެ. ކަންކަން ހިނގުމުގެ ކުރިން ރައްކާތެރިވުމުގެ ސިޔާސަތުތައް، ތަޢުލީމީ ނިޒާމާއި، އިޖުތިމާޢީ ސިޔާސަތުތަކާއި، ޢާންމު ޞިއްޙަތުގެ ރޭވުންތަކުގެ އިތުރުން މުޖުތަމަޢު ތަރައްޤީކުރުމުގެ މަސައްކަތްތަކުގެ ތެރޭގައި ވެސް ހިމަނަންޖެހެއެވެ. މީގެ މާނައަކީ ކުޑަކުދިންނާއި އާއިލާތަކަށްޓަކައި ކުރެވޭ ހޭދަ އިތުރުކުރުމާއި، ރައްކާތެރި މާޙައުލުތައް އުފެއްދުމާ، ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމެވެ. އަދި ސިޔާސަތުތައް އެކުލަވައިލުމުގައި، ކުރު މުއްދަތުގެ ސިޔާސީ ފިއްތުންތަކަށްވުރެ ބޮޑަށް، ހެކިތަކާއި ސައިންޓިފިކް ހޯދުންތަކަށް އިސްކަންދިނުން ކަށަވަރުކުރުމެވެ.
ދިވެހިރާއްޖެ މިއަދު މިއޮތީ މުހިންމު ނިންމުންތަކެއް ނިންމަންޖެހިފައިވާ ދަނޑިވަޅެއްގައެވެ. ކަމެއް ކުރިމަތިވުމުން އެކަމަށް އިޖާބަދިނުމުގެ (ރިއެކްޓިވް) އުޞޫލުން ކުރިއަށްދާނަމަ، އޭގެ ސަބަބުން އިޖުތިމާޢީ އަދި އިޤްތިޞާދީ ގޮތުން އުފުލަންޖެހޭ ބުރަ ދާނީ ބޮޑުވަމުންނެވެ. ނަމަވެސް، ރައްކާތެރިވުމަށް އިސްކަންދޭ އުޞޫލެއް އިޚްތިޔާރުކުރުމަކީ ތަފާތު މުސްތަޤުބަލަކަށް މަގުފަހިކޮށްދޭނެ ކަމެކެވެ. އެއީ މުޖުތަމަޢުތައް ވަރުގަދަވެ، ޒުވާނުންނަށް ފުރިހަމަ ރައްކާތެރިކަން ލިބި، ޤައުމީ ދުޅަހެޔޮކަން ކަށަވަރުވެފައިވާ މުސްތަޤުބަލެކެވެ.
މަޢުލޫމަތަ ދިރާސާތަކުން ސާފުކޮށް އެނގޭ ގޮތުގައި، ކަންކަން ހިނގުމުގެ ކުރިން ރައްކާތެރިވުމަކީ ކާމިޔާބަށް ވަސިލުވުމުގެ އެންމެ މުޙިއްމު އަޞާސެވެ. ސުވާލަކީ، ބޮޑު ގެއްލުމެއް ލިބުމުގެ ކުރިން ފިޔަވަޅު އެޅުމުގެ އިޚްލާޞްތެރިކަން އަޅުގަނޑުމެންގެ ކިބައިގައި ހުރިތޯއެވެ؟ ރައްކާވެ ތިބިއްޔާ ދަތުރެވެ.