Ahmed Afaal
Ahmed Afaal

މ.މ.ދ. ޖަމްޢިއްޔާގެ އުފާވެރި "އަހަރީ" ޖަލްސާ

މިއީ ދިވެހި ރާއްޖޭގައި އެންމެ ފުރަތަމަ ނެރުނު ނޫސް ކަމުގައިވާ ''ސަރުކާރުގެ ޚަބަރު'' ގެ 43 ވަނަ އަދަދުގައި ޝާޢިޢު ކޮށްފައިވާ ޚަބަރެކެވެ. އެ ޢަދަދު ނެރެފައި ވަނީ 1 ރަޖަބު 1366 (22 މެއި 1947) ގަ އެވެ. މި ޚަބަރު މިވަނީ އަލުން ލިޔެފައެވެ. އަދި މި ޚަބަރު ލިޔުމުގައި، އޭރު ބޭނުންކޮށްފައިވާ ޢަރަބި ބަސްތައް ވާނީ، މިހާރު ޢާންމުކޮށް ލިޔެއުޅޭ ގޮތައް ދިވެހި ބަހަށް ބަދަލުކޮށްފައެވެ. މި ޚަބަރަކީ މ.މ.ދ. ޖަމްޢިއްޔާގެ ތާރީޚާ ވަރަށް ގުޅުންހުރި، އަދި ކުރިޔަށް އޮތްތާގައި މި ޖަމްޢިއްޔާ އަށާއި، ތާރީޚް ދިރާސާ ކުރާ މީހުންނަށް ފައިދާ ކުރުވަނިވި ޚަބަރެއްކަމުގައި ދެކެމެވެ. އެހެންކަމުން މި ޚަބަރު އަލުން ލިޔެ މި މަޖައްލާގައި ހިމަނާލީއެވެ. މި ޚަބަރު ލިޔުއްވާފައިވަނީ އަލްމަރްޙޫމް ޢަލީ އަޙްމަދެވެ.


____________________________________


 މޫސުމްބަހާރުގެ ހާ އުފާވެރިކަން އެކީ ފަތުރައިފިއޭ

    ނޫސުންދުސީ ފޭރާމަކުން ގުލްޒާރު ފަޅުފިލުވައިފިއޭ

ތާޒާކަމާއެކުގައި ހެދޭ މާގަސްތަކުން ފެޅިކުރިތަކެއް

    އާޒާދުވެވިގެން ހެދިގަތީކަން ފާޅުގައި އަންގައިފިއ

 މާރީތިނަލަ ފިނިރޯޅިއެއް މަތިވެރިކަމާއެކުގައި އައިސް

    މާރީތިފޮނި ރާގެއް މިގުލްޒާރަށް އަލުން ފޮނުވައިފިއޭ


އާދޭހެވެ! ދިވެހިރާއްޖޭގެ ތަޢްލީމީ ޙަމަންތާން އަށް ވަނީ ބަހާރު މޫސުން އައިސްފައެވެ. ނޫސުންދުސީ ފޭރާމަކުން ގަސްތައް ވަނީ ޒީނަތްތެރިވެފައެވެ. ބަގީޗާގެ ގަސްތައް ހެދެމުން, ކުރިތައްލަމުންދަނީ ވަރަށްވެސް ތާޒާކަމާއި އާރޯކަން މަތީގައެވެ. ފަރިވެ ފޮޅެމުން އަންނަ މާތަކުގެ ނުހަނު މީރު ލުއިލުއި ވަހުން މުޅި ގުލްޝަން ދަނީ އެއްވަސް ވަމުންނެވެ. މާބުރު ތަކާއި, ކޮކާތައް, ބަޅިދުތަކާއި, ގުރާތައް ދަނީ އިތުރުވަމުން ގިނަގުނަ ވަމުންނެވެ. ބުލްބުލްތަކުގެ ފޮނި މޫސުމީ ރާގުތަކުން ބަގީޗާގެ ޒީނަތްތެރިކަމަށް ދެނީ ވަރަށްވެސް އިތުރުކަމެކެވެ, ވަރަށްވެސް ފުރިހަމަކަމެކެވެ. ޝުކުރު އެންމެ ބޮޑު ޙައްޤު ވެރިންނަކީ, ދިވެހި ތަޚްތުގެ މާތްވެރިޔާ ސުމުއްވުލް އަމީރު އަލްޙާއްޖު ޢަބްދުލްމަޖީދު ރަންނަބަޑޭރި ކިލެގެފާނެވެ. އަޅުގަޑުމެންގެ ލޮބުވެތި, ވަޒީރުއްދާޚިލިއްޔާ އަދި މަޙްކަމަތުލް ޢާރިފްގެ މާތް ވެރިޔާ މުޙިއްބުލް ޢިލްމް އައްނަބީލް މުޙަންމަދު އަމީން އެވެ.

އާދެ! އަޅުގަޑުމެންގެ މ.މ.ދ. ޖަމްޢިއްޔާގެ "އަހަރީ" ޖަލްސާ ކުރެވެނީއެވެ. އެކަމަކު އެ ޖަމްޢިއްޔާއަށް އަދި ފުރުނީ, ހަމަކިރިޔާ 9 މަހެވެ, ނަމަވެސް އެއްސަބަބަކަށްވުރެ ގިނަ ސަބަބަށް ޓަކައި, ޖަމްޢިއްޔާގެ އަހަރީ ޖަލްސާ އަވަސްކުރެވުނީއެވެ!

ކުޑަވެސް ޝައްކެއްނެތެވެ. މ.މ.ދ. ޖަމްޢިއްޔާ އަކީ, އަދި ހަމަ ވަރަށްވެސް ޅަ ޖަމްޢިއްޔާއެކެވެ, އެހެން ނަމަވެސް މިކުޑަކުޑަ ދުވަސްކޮޅު ތެރޭގައި, ޖަމްޢިއްޔާގެ މަޤްޞަދުތައް ފުދެމުންދިޔައީ, އެންމެ ފުރިހަމަކޮށް ނޫންކަމުގައި ވިޔަސް, ހިތްހަމަޖެހޭފަދަ ރަގަޅު ގޮތުގައެވެ, ޖަމްޢިއްޔާ އުފެދުނީއްސުރެން މާތް ރައީސްގެ މަތިވެރި އިރުޝާދުގެ މަތީން, ޖަމްޢިއްޔާ ހިގަމުން ދިޔައީ, ދުވަހެއް ދުވަހަކަށްވުރެ ކުރިޔަށެވެ. ޖަމްޢިއްޔާގެ މެމްބަރުން އަސްލު މަޤްޞަދަށް ޙުރުމަތްތެރިކޮށް ހިތީ އެކަށީގެންވާ އެންމެ ފުރިހަމަގޮތުގައެވެ. 

މ.މ.ދ. ޖަމްޢިއްޔާގެ އަސްލު މަޤްޞަދު ވަންހަނާވެގެންވަނީ ތަޢްލީމީ ޖައްވަށް ނޭވާލާ ކޮން ދިވެއްސަކަށްތޯއެވެ. އާދާހެވެ! އަސްލު މަޤްޞަދަކީ މަދަރަސަތުއް ސަނިއްޔާގެ މިހާރުގެ ޒުވާން ޠާލިބުންނާއި, ހުރިހާ ގޮތަކުން އެހީވުމެވެ, ހުރިހައި މާނައެއްގައި އެކުދީންނަށް ހެޔޮއެދުމެވެ. އެކުދީންގެ ތަޢްލީމީ, އަދި އަޚްލާޤީ ޙާލަތު ކުރިއެރުވުމަށް މަދަރަސާގެ ވެރީންނާއި މުރުޝިދުން, މުދައްރިސުންނާއި މުޢީނުން ކުރައްވާ އަގުހުރި މަސައްކަތުގައި, އެބައިމީހުންނާއި އަތާ އަތް ގުޅުވައިލުމެވެ. ފަޔާއި ފައި ހަމަކޮށްލުމެވެ. އާދެ! މަދްރަސަތުއް ސަނިއްޔާގައި އުޅެފައިހުރު, ކޮންމެ ތެދުވެރި, އިޚްލާޞްތެރި ދިވެއްސަކަށް, މި ޖަމްޢިއްޔާގެ ދީލަތި ދޮރު ވަނީ އަބަދު ހުޅުވިފައެވެ, 

ދުވަހުގެ ވަޒީފާ އަދާކުރަމުން, މިހާރު އިރު އެހެރަދަނީ, އުދަރެހުގެ ފަރުދާ އާއި ނިވާވާށެވެ. އިރުގެ ކުލަކުލައިގެ ކަތި ދަޅަތައް, އުދަރެހަށާއި ކަޑަށް, ގަސްތަކަށާއި ބިމަށް, ކޮކާތަކަށާއި މާބުރުތަކަށް, އެޅޭންފެށުމުން އެފެންނަނީ ވަރަށްވެސް ރީތި ފުރިހަމަ މަންޒަރު ތަކެކެވެ. ރަތްކުލަޔާއި ފިޔާތޮށި ކުލައެވެ. ނޫކުލަޔާއި މަޑުނޫކުކުލައެވެ. ރަންކުލަޔާއި, ރަންރީދޫ ކުލަޔެވެ. ސުވާސާ ކުލަޔާއި, ރިހި ސުވާސާ ކުލަޔެވެ. ސިކުޑިއަށް ލިބެނީ ފިނިކަމެވެ. ރޫޙަށް ލިބެނީ އައުހޫނުކަމަކާއި, ތާޒާކަމެކެވެ. ހިތައް ލިބެނީ އުއްމީދާއި އިތުރު ބާރެވެ. ނަމަވެސް, ދުނިޔެވީ އެއްވެސް މަންޒަރަކީ, އަބަދަށް ދެމިހުންނަނިވި އެއްޗެއް ނޫންކަމުން މާލަސްތަކެއް ނުވެ, އެފަދަ ފުރިހަމަ ރީތި މަންޒަރުވެސް, އަލުގަޑުމެނަށް އަލަވަދާޢު ކިޔައިގެން ހިގައްޖެއެވެ. އާދޭހެވެ! "ފުދެވުމުން ދުވަހުގެ ވަޒީފާ އުދަރެހުން އިރު ގެއްލުނީ" އެވެ.

މިހާރު އަޅުގަޑުމެންގެ ކުރިމަތީގައިވަނީ, ވަރަށްވެސް ފުރިހަމަ ރީތި ޢިމާރާތެކެވެ. ޒަމާނުގެ ވަރަށް މަޝްހޫރު ނަމަކުން ނަންދެވިފައިވާ "ފެހި" ޢިމާރާކެވެ. އާދެ! ޒަމާނުންވިދާ "އޯކިޑުމާގެ" އެވެ. ވަގުތަކީ, ގަޑީގެ ކަށި 7:45 އާ ދިމަވާ ވަޤުތެވެ. ގޭގެ ދެފަރާތު ފެންޑާއާއި, ބޮޑުކޮޓަރިތެރެ ވަނީ, ވަރަށްވެސް ދިގު މޭޒުތަކަކުން ފަޅުފިލުވާފައެވެ, މޭޒުތައްވަނީ, ދިގުމޭޒު ގިނައިން ޒީނަތްތެރިކުރާ, އެންމެ އެދެވޭ, އެންމެ ބޭނުން ތަކެތީން, ޒީނަތްތެރި ކޮށްފައެވެ. އާދޭހެވެ! ވަރަށްވެސް ފުރިހަމަ, ތަރުތީބެއްގެ މަތީން, އަތުރާފައިވާ, ކެއުމެއްގެ ކުދިބޮޑު ތަށިތަކަކުންނެވެ.

މ.މ.ދ. ޖަމްޢިއްޔާގެ މެންބަރުން, މިހާރު އެތިއްބެވީ, މޭޒުތައް ކައިރީގައި, ވަރަށް ހިތްހަމަޖެހުމާއެކު އިށީންނަވައިގެންނެވެ. ދޭދޭ މެންބަރުންގެ ދެމެދުން އެފެންނަނީ, އަދި އެހެން ބައެކެވެ, އާދެ! އެއީ, މިރޭގެ މެހެމާނުންނެވެ. ރަށުގެ މާތް ބޭފުޅުންނެވެ. އެކިއެކި މަޙްކަމާގެ ވެރީންނެވެ. މަދަރަސާގެ އަގުހުރި މުދައްރިސުންނެވެ. މަދަރުސާގެ ހަތަރުބައިގެ މުޢީނުންނެވެ. 

އެކިގޮތްގޮތައް ގިނަސަފުސަފަށްހުރި އެތުރިފައި ނަލަ ގަސްތަކެއް 

      ދެކިފައި ނަށާއެނެށުން އުފާވެރިކަން ހިތައް ގެނުވައިފިއޭ

އާދެ! އިންތިޒާރުގެ މިނެޓުތައް ވޭތިވެދިޔުމުން އެ ފެންނަންފެށީ, މުޅިން އެހެން ފެނުންތަކެކެވެ. މެމްބަރުންގެ ކޭންބެއްލެވުމުގެ ރީތި މަންޒަރެވެ. މެހެމާނުންގެ ފަރިއްކުޅުއްވުމުގެ އުފާވެރި ގޮތްތަކެވެ.

ދެންފެންނަ މަންޒަރަކީ ނާދީއެވެ. މުޅި ޢިމާރާތުގައި މިރޭ ވެރިކަން ކުރަނީ އުފާވެރިކަމާއި ހިތްގައިމު ކަމެވެ. ހަނުހިމޭން ކަމާއި މަޑުމައިތިރިކަމެވެ. މޭޒުތައް ވަށައިގެން އެތިއްބެވީ މ.މ.ދ. ޖަމްޢިއްޔާގެ ޒުވާން މެންބަރުންނެވެ. ތަންތަންކޮޅުން އެފެންނަނީ ރޭގެ މާތް މެޙްމާނުންގެ އެކިއެކި ބޭކަލުންނެވެ. ރިޔާސަތު ގޮޑީގައި އިންނެވީ މަދަރުސާގެ ފުރަތަމަ އުސްތާޛް ފަޟީލަތުއްޝައިޚް އިބްރާހީމް ރުޝްދީ އަލްޢަޒްހަރީ އެވެ. ލަސްތަކެއްނުވެ, އެތެދުވެންނެވީ މިރޭގެ ރައީސް, އައްޝައިޚް އިބްރާހީމް ރުޝްދީވެ. ޕްރޮގްރާމް ހާމަކޮށްދޭ ފަދައިން, މިރޭ އޭނާގެ ވާޖިބަކީ ދިވެހި ތަޚްތައް އިންތިޚާބު ވެފައިވާ އަޅުގަޑުމެންގެ ލޮބުވެތި ޒަޢީމު, ސުމުއްވުލް ޢަމީރު އަލްޙާއްޖު ޢަބްދުލް މަޖީދު ރަންނަބަޑޭރި ކިލެގެފާނަށް ބާއްޖަވެރިކަން އެދުމެވެ. ރައީސްގެ ވާޖިބު އޭނާ އަދާކުރެއްވީ ވަރަށްވެސް ފުހަމަޔަށެވެ. ރަންނަބަޑޭރި ކިލެގެފާނުގެ ބަޔާންނުކުރެވޭ ފަދަ ޚިދުމަތްތައް އެނާ ހާމަކުރެއްވީ ވަފާތެރިކަމާ އެކުގައެވެ. މިހާރު މުޅި ނާދީތެރެ އެގުގުމާލީ އިޚްލާޞްތެރި ތަރުޙީބީ އަތްތިލަބަޑިއަކުންނެވެ.

އާދެ! މ.މ.ދ. ޖަމްޢިއްޔާގެ މާތް ރައީސް އައްނަބީލް މުޙަންމަދު އަމީން އަށް މެންބަރުންގެ ހިތްތަކުގައި އުފެދިފައިވާ ހަރުދަނާ ވަފާތެރި ލޯބި އެ ސާބިތުކުޅައީ ވަރަށްވެސް ހޫނު އަތްތިލަބަޑިއަކުންނެވެ. އޭނާ ތެދުވެވަޑައިގެން އެހުންނެވީ ޖަމްޢިއްޔާއަށް ބާއްޖަވެރިކަން އެދިވަޑައި ގަތުމަށެވެ. ނަމަވެސް, އޭނާގެ ޞިއްޙީ ޙާލުކޮޅަކަށް ޓަކައި ވާހަކަފުޅު ދެއްކެވުމަށްވަނީ ވަރަށްވެސް ބޮޑަށް އުޒުރުވެރިވެ ވަޑައިގެންފައެވެ. އެހެނަސް އޭނާ ދައްކަވަންވީ ވާހަކައެއް ގަލަމުގެ ޒަރިއްޔާއިން އިއްވަވާނޭކަން އެންގެވުމަށްފަހު އިށީދެވަދައިގެންފިއެވެ.

ޖަމްޢިއްޔާއަށް ބާއްޖަވެރިކަން އެދިވަޑައިގަތުމުގައި, ޖަމްޢިއްޔާގެ މަޤްޞަދުތައް އޭނާ ހާމަކުރެއްވިއެވެ. މެންބަރުންގެ މަސްއޫލިއްޔަތު ތަކާއި, ވާޖިބުތައް އޭނާ ހަދާންކޮށްދެއްވިއެވެ. ދިވެހި ޤައުމަށްޓަކައި ކުރަންވީ ޚިދުމަތްތައް ހެޔޮގޮތުގައި ކުރުމަށް އިލްތިމާސް ކުރެއްވިއެވެ. އޭނަ އިށީދެވަޑައިގަތީ, މ.މ.ދ. ޖަމްޢިއްޔާއަށް ބާއްޖަވެރިކަމާއި ފާގަތިކަން އެދިވަޑައި ގަންނަވަމުންނެވެ.

ދެން ތެދުވީ, ކުޑިގޭ ޢަބްދުއްލަޠީފް އެވެ. އޭނާގެ ޖޯށުން ފުރިގެންވާ އަޑުން, މަތިވެރި ޢިބާރާތުން މިހާރު އެ ދެނީ ރައީސްގެ ވާހަކަފުޅުގެ ޖަވާބެވެ. އޭނާ އިށީނީ ޖަމްޢިއްޔާގެ ރައީސް އައްނަބީލް މުޙަންމަދު އަމީން އަށް ރައްދު ބާއްޖަވެރިކަން އެދެމުންނެވެ.

ޕްރޮގްރާމްގައި ދެން އޮތީ, މަދްރަސާގެ ފުރަތަމަ ނާޛިރު އައްޝައިޚް ޙުސެއިން ޞަލާޙުއްދީންއަށް ޝުކުރިއްޔާ އަދާކުރުމެވެ. އެއުފާވެރި ވާޖިބު އަދާ ކުރެއްވީ, އަލްފާޞިލް އާދަމް ނަޞީރު މަނިކެވެ.

ދެން ތެދުވެ ވަޑައިގަތީ އަލްފާޟިލް މުޙަންމަދު ޖަމީލް ދީދީ މެޙްމާނުންނަށް ޝުކުރިއްޔާ އަދާ ކުރެއްވުމަށެވެ. މެޙްމާނުންގެ ފަރާތުން ޖަވާބުދެއްވީ އައްޝައިޚް ޢަބްދުالله ފަޙުމީ ދީދީ އާއި އަލްފާޟިލް އިބްރަހީމް މުޙަންމަދު ދީދީ އެވެ. މިހާރު އަޅުގަޑުމެންނަށް އިވެނީ ވަރަށްވެސް އައު އަޑެކެވެ. ޖަލްސާ ތަކުން އަދި ގިނައިން ނުއިވޭ އަޑެކެވެ. އަޑުގެ ވެރިޔަކީ އަލްމުޙަތަރަމް ކެރަފާ މުޙަންމަދު ކަލޭފާނެވެ. އޭނާގެ ޝުކުރުގެ ޖިޒީ ފޮނުވީ މަދަރަތުއް ސަނިއްޔާގެ ފުރަތަމަ މުދައްރިސް އައްޝައިޚް އިބްރާހީމް ރުޝްދީއަށެވެ. އައްޝައިޚް އިބްރާހީމް ރުޝްދީ ޖަވާބު ދެއްވުމުގައި ބޭނުންކުރެއްވީ ވަރަށްވެސް އިޚްލާޞްތެރި ބަސްތަކެކެވެ.

ޕްރޮގްރާމްގައިވާ ފަދައިން ދެން ތެދުވީ ޢަލީ އަޙްމަދެވެ. އޭނާގެ ނުކުޅެދިންގެނާ ކޮޑުގައި އެޅިފައިއޮތް މަސްއޫލިއްޔަތަކީ, ދިވެހި ދައުލަތައް ޝުކުރިއްޔާ އަދާކުރުމެވެ. ވަރަށް އިޚްލާސްތެރި ބަސްތަކަކުން ޢާންމުކޮށް ދިވެހި ދައުލަތައް, ޚާއްޞަކޮށް ސުމުއްވުލްއަމީރު އަލްޙާއްޖު ޢަބްދުލްމަޖީދު ރަންނަބަޑޭރި ކިލެގެފާނަށާއި, އައްނަބީލް މުޙަންމަދު އަމީން އަށް އޭނާ ޝުކުރިއްޔާ އަދާކުރިއެވެ. ޖަލްސާ ނިމުނީ ވަރަށް ފުރިހަމަ މޫސީޤީ ރާގުތަކެއް އިވުމަށް ފަހުގައެވެ.

މ.މ.ދ. ޖަމްޢިއްޔާ އަށް ތަނަވަސް ޢުމުރެކެވެ. ޖަމްޢިއްޔާގެ މާތް ރައީސް އަށް ފުރިހަމަ ޞިއްޙަތާއި, ބާއްޖަވެރިކަމެވެ.

އެކުވެރިކަމާ އަޚްވަތާ ހަރުލާގޮތުން ބިންގާ އަޅާ

    އެކުވެރިކަމުގެ މަތިވެރިކަމުގެ ޢިމާރާތްތައް ވިތުރާލައިފިޔޭ

ރުކުރުވި މިވާ އިޞްލާޙުތައް ގެންނެވި އެސާހިބުންނަށް އެކި

    ޝުކުރާ ވެދުން ފޮނުވުން އުފާވެރި ވާޖިބެއް ކަމު ލައިފިޔޭ