މިއީ ދިވެހި ރާއްޖޭގައި އެންމެ ފުރަތަމަ ނެރުނު ނޫސް ކަމުގައިވާ “ސަރުކާރުގެ ޚަބަރު” ގެ 145 ވަނަ އަދަދުގައި ޝާޢިޢު ކޮށްފައިވާ ޚަބަރެކެވެ. އެ ޢަދަދު ނެރެފައި ވަނީ 1 ޛުލްޤައިދާ 1374 (21 ޖޫން 1955) ގައެވެ. މި ޚަބަރު މިވަނީ އަލުން ލިޔެފައެވެ. އަދި މި ޚަބަރު ލިޔުމުގައި، އޭރު ބޭނުންކޮށްފައިވާ ޢަރަބި ބަސްތައް ވާނީ، މިހާރު ޢާންމުކޮށް ލިޔެއުޅޭ ގޮތައް ދިވެހި ބަހަށް ބަދަލުކޮށްފައެވެ. މި ޚަބަރަކީ މ.މ.ދ. ޖަމްޢިއްޔާގެ ތާރީޚާ ވަރަށް ގުޅުންހުރި، އަދި ކުރިޔަށް އޮތްތާގައި މި ޖަމްޢިއްޔާ އަށާއި، ތާރީޚް ދިރާސާ ކުރާ މީހުންނަށް ފައިދާ ކުރުވަނިވި ޚަބަރެއްކަމުގައި ދެކެމެވެ. އެހެންކަމުން އަޅުގަޑު މި ޙަބަރު އަލުން ލިޔުނީއެވެ. މި ޚަބަރު ސަރުކަރުގެ ޚަބަރުގައި ލިޔުއްވާފައިވަނީ "ކުޅިވަރުގެ އެހެން މިރާސިލެއް" މި ނަމުގައެވެ. ___________________________________ އާދެ! މ.މ.ދ. ޖަމިއްޔާއަށް 9 އަހަރު ފުރުމުގެ އުފަލުގައެވެ. ދުވަހަކީ 17.10.74ހ، ވީ ބުރާސްފަތި ދުވަހެވެ. މެޗު ފެށުނީ 4:30ގައެވެ. ރެފްރީއަކީ އަލްމުހްތަރަމް ޖައްޕަރު މޫސާ މަނިކެވެ. ރޮގުބަލަހައްޓާ މީހުންނަކީ އަލް މުހްތަރަމް އިސްމާއިލް ނަސީރާއި އަލް މުހްތަރަމް ހައްތީ އަހްމަދު މަނިކެވެ. މުއްޓާއި ހުދު ގަމީސްތަކުގެ ތެރޭގައި އެކުދީންގެ "ބޭބެއަކު" ހުރިކަން އެގެނީ، ގަމީހުގައި އިތުރަށް ރަތްކުލަ ހުންނާތީއެވެ. އަލީ ޚާލިދާއި އިބްރާހިމް އަހްމަދު ދީދީ އާދެމެދު ހުންނަބެހުންތައް، ގިނަފަހަރަށް އަތުލައިގަންނަނީ އެސިއްރު ދަންނަ ކުޑަކުޑަ އަހްމަދު މޫސާއެވެ. އޭނާއަށް ޣަނީމާއެއްގެ ގޮތުން ލިބޭ ހުރިހާ ބޯޅައެއް އެންމެއަވަހަށްދޭ ރައްޓެއްސަކީ މުޅިދަނޑުގައި އުޅޭ ޢަބްދުއްރަޙްމާން ޢަލީއެވެ. އޭނާއާ ދިމާވެފައިހުންނަނީ މީގެކުރީގައިވެސް ފުޓްބޯޅަ ދަނޑުގެ ހުރިހާ މަގުތަކާއި ގޯޅިތައް ހިތުދަސްކުރައްވައިގެން ހުންނެވި އ.ދ.ތ މުހައްމަދު ފުޅެވެ. ބައެއްފަހަރަށް ކާމިޔާބުވެސްވެއެވެ. އަނެއްބައިފަހަރަށް ޖެހެނީ ދެގޮތުންކުރެ އެއްގޮތެއްވަންދެން ހަމަ ދުވާށެވެ. މަޖީދިއްޔާގެ ކުޑަގޯލީ ޢަބްދުލްޤައްޔޫމް މުހައްމަދަށް އިރުޝާދު ދިނީ ކާކުބާވައޭވެސް ހިތަށް އަރައެވެ. ހަމަގައިމުވެސް ކުޅޭ މީހުންނަށް ވާއެއްނުވާއެއް ނޭގިދާ ބޯޅަވެސް އޭނާ ނަގާފައި ފޮނުވާލަނީ ރައްޓެއްސަކު އަޅޭ ކިޔާފައި ދިނީމާ ފޮނުވާލާހެންނެވެ. ޖަމިއްޔާގެ ގޯލީއަކީ އެންމެންދަންނަ މަޝްހޫރު ގޯލީއެކެވެ. އާދެ މުޙައްމަދު ޢަލީ ދީދީ އޭ ދެންނެވުމުން ދެން އެންމެ ރަގަޅު ނޫންތޯއެވެ. ފުރަތަމަ ހާފުގައި އެއްވެސް ބަޔަކަށް ގޮތެއްނުވެގެން އުޅެނިކޮށް މައިޒާން އިބްރާހިމް މަނިކަށް ލިބިގެން އައި ބޯޅައެއް ދިޔައީ، ފަހަށްފަހަށް ނެއްޓެމުންނެވެ. އެބޯޅަ އަތުލައިގަނެގެން ދުއްވައިގަތީ ޔޫސުފް މޫސާ އާއި އަހްމަދު މޫސާއެވެ. ބަހާލީ އެކުދިންނަށްވެސް ބެހޭނެ އެންމެރަގަޅު ގޮތަކަށެވެ. އެބޯޅަ މުހައްމަދު ގާސިމްގެ ބާރުފޯރާ ހިސާބުން ދިޔަނަމަ، އެހެނެއް ނުވީސްކަން ކަށަވަރެވެ. ވީއެއް ނުވީއެއް ނޭގުނެވެ. އެއްފަހަރު ޖަހައިފިއެވެ. ބޯޅަ އޮތީ ޖަމިއްޔާގެ ގޯލީގެ އަތްޕުޅުގައެވެ. އޭރުވެސް މުއްޓާއި ހުދު މަސައްކަތްކުރަނީ ލަޑުގޯނީގެ ތުން މޮހާލެވޭތޯއެވެ. ލައިންސްމަން ސިގުނަލްދީފިއެވެ. މަޖީދިއްޔާއަށް 1 ލަނޑު ދެވުނީއެވެ. ބޯޅަ ޖެހީ ޢަބްދުއްރަޙްމާން ޢަލީއެވެ. ދެވަނަހާފު ފެށިގެންދިޔައިރު ޖަމިއްޔާގެ ކުޅުންތެރިން ހިންމަތްކުރަނީ އެމީހުންގެ އަޚުންނަށް ކުޅިވަރުގެ ރޫހު ދަސްކޮށްދެވޭތޯއެވެ. ވާދަކުރަންވާނީ މިހެނޭ ވިދާޅުވާ ކަހަލައެވެ. ހީވީ އިހަށް ތިބެލާށޭ ވިދާޅުވިހެންނެވެ. ވާދައިގެ ރޫހު ދަސްކޮށްދެއްވައިފިއެވެ. އަލީ ޚާލިދުގެ ގޯލަށް ޖެއްސެވުމެކެވެ. މެޗު ޑްރޯވީއެވެ. މަޖީދިއްޔާ ޓީމް: 1. ޢަބްދުލްޤައްޔޫމް މުޙައްމަދު މަނިކް 2. އާދަމް ޝަރީފް 3. އިބްރާހީމް އާދަމް މާއެބޫދޫ 4. މުޙައްމަދު މޫސާ ފުޅު ތަކަންދޫ 5. ޙުސައިން އަބްދުﷲ 6. ޢަބްދުލްޙަކީމް ރުޝްދީ 7. ޢަލީ މަނިކު ކޮޑޭ 8. ޔޫސުފް މޫސާ 9. އަޙްމަދު އިސްމާޢީލް މަނިކު 10. އަޙްމަދު މޫސާ ޗަމްޕާ 11. ޢަބްދުއްރަޙްމާން ޢަލީ (ވަލީދު އާދަމް، މުޙައްމަދު މޫސާ ޗަމްޕާ) ޖަމިއްޔާ ޓީމް 1. މުޙައްމަދު ޢަލީ ދީދީ 2. ގޯބިލި ޅަތުއްތު 3. މުޙައްމަދު ޤާސިމް 4. މުޙައްމަދު އިބްރާހީމް މަނިކް 5. ތުއްތު މަނިކު ގިނިރާހި 6. ޙުސައިން މަނިކުފާނު 7. އ.ދ.ތ މުޙައްމަދު ފުޅު 8. ޢަބްދުލްޙަމީދު އަޙްމަދު ދީދީ 9. ޢަލީ ޚާލިދު 10. އިބްރާހީމް މުޙައްމަދު ދީދީ 11. އިބްރާހީމް މަނިކު މައިޒާން (ކުއްޅަވައް އަޙްމަދު އަލީ ދީދީ، ހޮޅުދޫ ދޮންމަނިކު)