Ahmed Afaal
Ahmed Afaal

ރައްޔިތުންގެ ދަރަނީގެ ހިސާބު: މުސްކުޅި ދަރިވަރުންގެ ޖަމްޢިއްޔާ އާއި، ދޮންކޮއްކޮ ޚަތީބު ގެ ހަދިޔާ

މި ޚަބަރަކީ، މ.މ.ދ. ޖަމްޢިއްޔާ އާއި ގުޅުން ހުރި ޚަބަރެކެވެ. އެއީ ސަރުކާރުން ޝާޢިޢު ކުރައްވަމުން ގެންދެވި ސަރުކާރުގެ ޚަބަރުގެ 46 ވަނަ ޢަދަދުގައި ލިޔެފައިވާ ޙަބަރެކެވެ. ތާރީޚަކީ 1 ޝައްވާލް 1366 (18 އޯގަސްޓް 1947) އެވެ. މި ޙަބަރުގައި ބުނެފައި ވާކަމަށް ބެލެވެނީ، އެކިއެކި ސަބަބުތަކަށްޓަކައި، ރައްޔިތުންނަށް ސަރުކާރުން ދޫކޮށްފައިވާ ދަރަންޏަށް ލުޔެއްދިނުމުގެ ގޮތުން މ.މ.ދ. ޖަމްޢިއްޔާއިން ހަދިޔާކުރި -/100 ރުފިޔާގެ ވާހަކައެވެ. މި ޙަބަރީ މ.މ.ދ. ޖަމްޢިްޔާގެ ތާރީޚަށް މުހިންމު މަޢުލޫމަތެއް ކަމުގައި ދެކޭތީ އަޅުގަނޑު މި ޙަބަރު އަލުން ލިޔެ މި މަޖައްލާގައި ޝާޢިޢި ކުރީއެވެ. ޙަބަރު ލިޔުއްވި ވަކި ބޭފުޅެއްގެ ނަން ނޫހުން އެގޭކަށް ނެތެވެ. އަދި ލިޔުމުގައި ހުރި ޢަރަބި ބަސްތައް އެވަނީ ދިވެހި އަކުރުން ލިޔެފައެވެ. ___________________________________ ރައްޔިތުންގެ ދަރަނީގެ ހިސާބުގައި ޖަމާ ކުޅައުމަށް މަދްރަސަތުލް މަޖީދިއްޔާގެ، މުސްކުޅި ދަރިވަރުންގެ ޖަމްޢިއްޔާގެ ފަރާތުން ނުހަނު ދީލަތިކަމާއެކު =/100 ރުފިޔާ، ދަރަނީގެ ހިސާބު ކޮމިޓީގެ ރައީސް އަށް ފޮނުވައިފި ވާހަކަ، އަޅުގަޑުމެން މި ޝާޢިޢު ކުރަނީ، އުފަލާ ހިތްހަމަޖެހުމާ އެކުގައެވެ. ހަމަ މިހިސާބުގައި ޖަމަޢުކުޅައުމަށް ފާދިއްޕޮޅު އަތޮޅުވެރި ދޮންކަލޭފާނުވެސް =/100 ރުފިޔާ ފޮނުވިތާ ދުވަސްކޮޅެއް ވެއްޖެއެވެ. ރައްޔިތުންގެ ޚާއްޞަ ޖަލްސާއަށް ޙާޟިރުވި މެންބަރުން ހަނދާންހުންނާނެފަދައިން، ދީލަތިކަމުގެ އަތަކުން ދަރަނީގެ ހިސާބުން ފުރަތަމަ ތަންކޮޅެއް ކަނޑާލުމަށް ވަޢުދުވީވެސް، އަތޮޅުވެރި ދޮންކަލޭފާނެވެ. ދޮންކަލޭފާނުގެ ހަދިޔާގެ ވާހަކަ އަޅުގަޑުމެންގެ ހަދާނުގެ ކުށަކުން ކުރީމަހު ނޫހުގައި ނުލިޔެވުނީއެވެ. އެކަމަށްޓަކައި، އެކަލޭގެފާނުގެކިބައިން އަޅުގަޑުމެން އެދެނީ މަޢާފް އަށެވެ.