By admin | 13 Feb 2026

މ.މ.ދ. ޖަމިއްޔާ އައު އިންތިޚާބަކާ ކުރިމަތިލައިފިއެވެ

މިއީ ދިވެހި ރާއްޖޭގައި އެންމެ ފުރަތަމަ ނެރުނު ނޫސް ކަމުގައިވާ “ސަރުކާރުގެ ޚަބަރު” ގެ 148 ވަނަ އަދަދުގައި ޝާޢިޢު ކޮށްފައިވާ ޚަބަރެކެވެ. އެ ޢަދަދު ނެރެފައި ވަނީ 1 ޞަފަރު 1375 (18 ސެޕްޓެމްބަރު 1955) ގަ އެވެ. މި ޚަބަރު މިވަނީ އަލުން ލިޔެފައެވެ. އަދި މި ޚަބަރު ލިޔުމުގައި، އޭރު ބޭނުންކޮށްފައިވާ ޢަރަބި ބަސްތައް ވާނީ، މިހާރު ޢާންމުކޮށް ލިޔެއުޅޭ ގޮތައް ދިވެހި ބަހަށް ބަދަލުކޮށްފައެވެ. މި ޚަބަރަކީ މ.މ.ދ. ޖަމްޢިއްޔާގެ ތާރީޚާ ވަރަށް ގުޅުންހުރި، އަދި ކުރިޔަށް އޮތްތާގައި މި ޖަމްޢިއްޔާ އަށާއި، ތާރީޚް ދިރާސާ ކުރާ މީހުންނަށް ފައިދާ ކުރުވަނިވި ޚަބަރެއްކަމުގައި ދެކޭތީ، މި މަޖައްލާގެ ތާރީޚާ ބެހޭބައިގައި ޝާޢިޢު ކުރީއެވެ. މި ޚަބަރު ލިޔުއްވާފައިވާ ވަކި ބޭފުޅެއްގެ ނަމެއް ނޫހުގައި އެގޭކަށް ނެތެވެ.

އާދޭހެވެ! އަޅުގަނޑުމެންގެ މުސްކުޅި ތޯލިބުންގެ ޖަމިއްޔާގެ އައު އިންތިޚާބު އޮތީ މުހައްރަމް މަހުގެ 7 ވީ ހުކުރު ދުވަހުއެވެ. އައު އިންތިޚާބާއިމެދު އެއްޗެއް ދެންނެވުމުގެ ކުރީގައި މި ޖަމިއްޔާއާއިމެދު ތައާރަފް ކުރުމުގެ ގޮތުން ގަލަމް ފިރުކާލުމަކީ އަޅުގަނޑުގެ ވަރަށް ޚާއްސަ އުފަލެއް ކަމުގައި ނޫނީ ނުދެކެމެވެ.

އާދޭހެވެ! މުސްކުޅި ތޯލިބުންގެ ޖަމިއްޔާގެ ބިންގާ އެޅުނު ދުވަހަކީ 1365ހ ވަނަ އަހަރުގެ ޝައުބާން މަހުގެ 15 ވަނަ ދުވަހުއެވެ. ޖަމިއްޔާގެ ބާނީ އަދި ފުރަތަމަ ރައީސްއަކީ ސުއްމުލްއަމީރުލްހާއްޖު އަލްމަރްހޫމް މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ.

ކުޑަވެސް ޝައްކެއްނެތެވެ. މިޖަމިއްޔާއަކީ ދިވެހިރާއްޖޭގައި އުފެދިފައިވާ ޖަމިއްޔާ ޖަމާއަތްތަކުގެ ތެރެއިން އެންމެ ތަހުޒީބާއި ތަމައްދުނަށް ލޯބިކުރާ ހަރަކާތްތެރި ޖަމިއްޔާއެވެ. މިޖަމިއްޔާގެ އަސާސީ ގަވާއިދަކީ މިބާވަތުގެ ޖަމާއަތްތަކުގެ ގަވާއިދުތަކަށްވުރެ މާފުރިހަމަގޮތެއްގައި އެކުލެވިފައިވާ ގަވާއިދެއްކަމާއިމެދު ޝައްކެއް ނެތެވެ.

އާދޭހެވެ! އަޅުގަނޑުމެންގެ ޖަމިއްޔާގެ މޮޓޯއަކީ "ތެދުނިޔަތުގައި ހިއްމަތާއިއެކު މަސައްކަތްކުރާ މީހާއަށް މާތްރަސްކަލާގެ ވާގިފުޅާއިލައިގެން އުދަގޫކަމެއް ނެތެވެ." މިއެވެ.

ޖަމިއްޔާގެ މަގުސަދުތަކަކީ
1. މަދުރަސާއަށް ދަރާފައުވާ ދަރަނީގެ ބަދަލުގައި "ޝުކުރުގެ ޖިޒީއެއް" އަދާކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ތައުލީމަށް ޚިދުމަތް ކުޅައުން
2. ބަދުއަޚުލާގީ ގޮތްތަކުން ދުރުވެ އިސްލާމީ ރޫހު އާކޮށް އާލާކުޅައުމަށް މަސައްކަތް ކުޅައުން
3. އަދަބީގޮތުންނާއި ތަހުޒީބީގޮތުން ދިވެހި ގައުމަށް ޚިދުމަތް ކުޅައުން. މިއެވެ.

އަޅުގަނޑުމެންގެ ޖަމިއްޔާއަށް މިހާރު 9 އަހަރު ފުރިއްޖެއެވެ. މާޒީވެދިޔަ 9 އަހަރުގެ ތެރޭގައި ޖަމިއްޔާގެ ހަރަކާތްތައް ހިގަމުން އައި އެދުވަސްވަރަކާއި އެންމެއެކަށީގެންވާ ގޮތުގެ މަތީންނެވެ.

އާދޭހެވެ! މިއަދު އަޅުގަނޑުމެންގެ ޖަމިއްޔާގެ ރައީސްއަކީ ސޯހިބުއްދައުލަތު ސުއްމުވުލްއަމީރު އިބްރާހިމް ފާމުލަދޭރި ކިލެގެފާނެވެ. އަޅުގަނޑުމެންގެ ޖަމިއްޔާގެ ނައިބު ރައީސް ޝަރަފުންނަށް މިވަގުތު ތިއްބެވީ

1. ސޯހިބުއްސަޢާދާ އަލް އުސްތާޛު އަހްމަދު ކާމިލް ދީދީ
2. ސޯހިބުއްސަޢާދާ އަލް އުސްތާޛު އިބްރާހިމް ޝިހާބު
3. ސޯހިބުއްސަޢާދާ ޝައިޚް މުހައްމަދު ޖަމީލް
4. އައްޝައިޚް މަލިމް މޫސާ މާފަތް ކިލެގެފާނު.

އާދޭހެވެ! އަޅުގަނޑުމެންގެ ޖަމިއްޔާގެ އަހަރީ ދުވަހަކީ ޝައްވާލް މަހުގެ 17 ވަނަ ދުވަހެވެ. އެދުވަހަކީ މަދްރަސުލް ސަނިއްޔާ ނުވަތަ މަދްރަސަތލް މަޖީދިއްޔާގެ ފުރަތަމަ ބިންގާ އެޅުނު ދުވަހެވެ. އާދޭހެވެ! އަޅުގަނޑުމެންގެ ޖަމިއްޔާއަކީ ދިވެހި އަދަބަށް ޚިދުމަތްކުރެވޭތޯ މަސައްކަތްކުރާ ޖަމިއްޔާއެކެވެ. އެހެންކަމުން "އިލްމީ އޮއިވަރު" ގެ ނަމުގައި މަޖައްލާއެއްވެސް ނެރެއެވެ. ނަމަވެސް ވެއަތުވެދިޔަ ދުވަސްވަރުގެ ތެރޭގައި މަޖައްލާގެ ކަންތަކަށް ހިސާބަކަށްވަނީ ހުއްޓުން އަރާފައެވެ.

އާދޭހެވެ! އަޅުގަނޑުމެންގެ ޖަމިއްޔާގައި ރާއްޖެތެރޭގެ ގިނަ އަތޮޅުތަކުގެ މެމްބަރުން ހިމެނިގެންވެއެވެ. އަންނަނިވި ފޮޅުވަތްތަކުގައި ބަޔާންވެފައި އެވަނީ ރާއްޖެތެރޭގެ އަތޮޅުތަކުގައި އަޅުގަނޑުމެންގެ މެމްބަރުން ހިމެނިފައިވާ ގޮތެވެ.

ހއ. އަތޮޅުގައި
1. އަލް މުހްތަރަމް ދިއްދޫ ދޮންހުސައިން ޚަތީބު ކަލޭފާނު
2. އަލް މުހްތަރަމް ވައިކަރަދޫ އަލީ ޚަތީބް
3. އަލް މުހްތަރަމް ނޭކުރެންދޫ ދާއޫދު ގާސިމް
4. އަލް މުހްތަރަމް ހަތިފުށީ އަލީ އިބްރާހިމް މަނިކް
5. އަލް މުހްތަރަމް މުރައިދޫ ހަސަން ކާމިލް
6. އަލް މުހްތަރަމް ދިއްދޫ އިބްރާހިމް ފުޅު
7. އަލް މުހްތަރަމް ވައިކަރަދޫ އާދަމް ޔޫސުފް
8. އަލް މުހްތަރަމް ހުވަރަފުށީ ޚަތީބް ޔޫސުފް އަބޫބަކުރު

ނ. އަތޮޅުގައި
1. އަލް މުހްތަރަމް ޚަތީބް ދޮންމަނިކު
ބ. އަތޮޅުގައި

1. އަލް މުހްތަރަމް އޭދަފުށީ ޔޫސުފް ކަތީބް ކަލޭފާނު
2. އަލް މުހްތަރަމް ދަރަވަންދޫ ހަސަން ކަލޭފާން

ޅ. އަތޮޅުގައި

1. އަލް މުހްތަރަމް ހިންނަވަރު ޚަތީބް މުހައްމަދު އިބްރާހިމް
2. އަލް މުހްތަރަމް ކުރެންދޫ މުދިމް އިބްރާހިމް މުހައްމަދު
3. އަލް މުހްތަރަމް ނައިފަރު އަބްދުލް ލަތީފް އަބްދުލް ހަކީމް
4. އަލް މުހްތަރަމް ނައިފަރު މުހައްމަދު ސަމީރު
5. އަލް މުހްތަރަމް ހިންނަވަރު އިބްރާހިމް ރިފްޢަތު
6. އަލް މުހްތަރަމް ނައިފަރު އަބްދުލްގައްޔޫމް ހުސައިން ފުޅު
7. އަލް މުހްތަރަމް ނައިފަރު އަބްދުﷲ ފިކުރީ
8. އަލް މުހްތަރަމް ނައިފަރު އަލީ ހުސައިން

ކ. އަތޮޅުގައި

1. އަލް މުހްތަރަމް ކާށިދޫ ހަސަން ޒާހިރު

ފ. އަތޮޅުގައި
1. އަލް މުހްތަރަމް މުދިމް ޒަކަރިއްޔާ ހަމީދު

ދ. އަތޮޅުގައި

1. އަލް މުހްތަރަމް ކުޑަހުވަދޫ ޚަތީބް ދޮންމަނިކް

ތ. އަތޮޅުގައި

1. އަލް މުހްތަރަމް ގުރައިދޫ އަބްދުﷲ މުހައްމަދު

ގ. އަތޮޅުގައި
1. އަލް މުހްތަރަމް ހަވަރު ތިނަދޫ ޔޫސުފް ސިދުގީ
2. އަލް މުހްތަރަމް ވާދޫ އިބްރާހިމް އަފީފް

ޏ. އަތޮޅުގައި
1. އަލް މުހްތަރަމް އަހްމަދު ވަހީދު

ސ. އަތޮޅުގައި

1. އައްޝައިޚް އަބްދުލްބާރީ
2. އަލް މުހްތަރަމް މީދޫ މުހައްމަދު ނަސީމް
3. އަލް މުހްތަރަމް ހުޅުދޫ އަހްމަދު ސޯލިހު
4. އަލްފާޟިލް ހިތަދޫ އަބްދުﷲ ބާގިރު

ދެން އަޅުގަނޑު ބަޔާންކުރާނީ މާލޭގެ 4 އަވަށުގައި މެމްބަރުން ތިއްބެވި އަދަދެވެ.

ހެންވޭރުގައި 26 މެމްބަރުން
މާފަންނުގައި 24 މެމްބަރުން
ގަލޮޅުގައި 10 މެމްބަރުން
މައްޗަންގޮޅީގައި 24 މެމްބަރުން

އާދޭހެވެ! އަޅުގަނޑުމެންގެ ޖަމިއްޔާގައި މުޅިއެކު މިހާރުތިއްބެވީ 114 މެމްބަރުންނެވެ.

އާދޭހެވެ! އަޅުގަނޑުމެންގެ މިއަހަރުގެ އައު އިންތިޚާބުގެ ނަތީޖާ އަންނަނިވި ފޮޅުވަތްތަކުގައި ބަޔާންކޮށްފައި އެވަނީއެވެ.

(1) ޖަމިއްޔާގެ ރައީސް ސޯހިބުއް ދައުލަތް ސުއްމުވުލްއަމީރު އިބްރާހިމް ފާމުލަދޭރި ކިލެގެފާނު
(2) ނައިބު ރައީސް ޝަރަފުން
ހ. ސޯހިބުއްސަޢާދާ އަލް އުސްތާޛު އިބްރާހިމް ޝިހާބް
ށ. ސޯހިބުއްސަޢާދާ އައްޝައިޚް މުހައްމަދު ޖަމީލް ދީދީ
(3) ނައިބު ރައީސުން
ހ. އަލްފާޟިލް އާދަމް ނަސީރު މަނިކު
ށ. އަލްފާޟިލް އަލީ އަހްމަދު
ނ. އަލް އުސްތާޛު ނ.ތ. ހަސަން ދީދީ
ރ. އަލްފާޟިލް އިބްރާހިމް ރަޝީދު
ބ. އައްސައްޔިދު އިބްރާހިމް ހަލީމް
ޅ. އައްނަބީލް ޖައުފަރު ކަމާލުއްދީން

(4) ސެކްރެޓަރީ
އަލްފާޟިލް މުހައްމަދު އަބްދުލް ލަތީފް

(5) ނައިބު ސެކްރެޓަރީ
އަލް މުހްތަރަމް ހުޅުލޭގެ އިބްރާހިމް ނަސީރު

(6) ޚަޒާންދާރު
އަލްފާޟިލް އަލީ އަހްމަދު

(7) ނައިބު ޚަޒާންދާރު
އަލްފާޟިލް އަބްދުﷲ ހަމީދު

(8) އިންތިޒާމު ސެކްރެޓަރީ
އަލް މުހްތަރަމް ލޯޖެހި މުހައްމަދު ނަސީރު

(9) ނައިބު އިންތިޒާމު ސެކްރެޓަރީ

އަލް މުހްތަރަމް މުހައްމަދު ހަސަން

(10) އިތުރު 8 މެމްބަރުން

ހ. އަލްފާޟިލް އަލީ ޚާލިދު
ށ. އަލް މުހްތަރަމް އ.ދ.ތ މުހައްމަދު ފުޅު
ނ. އަލްފާޟިލް ހިމިތީގޭ ސީދީ
ރ. އަލް މުހްތަރަމް މުހައްމަދު ރަޝާދު
ބ. އަލްފާޟިލް އަބްދުﷲ ޖަމީލް
ޅ. އަލް މުހްތަރަމް ހަސަން އަބްދުލް ހާދީ
ކ. އަލްފާޟިލް މުހައްމަދު އަލީ ދީދީ
އ. އަލް މުހްތަރަމް ވާދޫގޭ ކުޑަދޮންތުއްތު

އާދޭހެވެ! މަތީގައި ބަޔާންވެދިޔަ ހިންގާކޮމެޓީ ވަރަށްފޯރިއާއެކު ޖަމިއްޔާގެ ކަންތައްތައް އިސްލާހު ކުރަމުން އެބްގެންދެއެވެ. އަޅުގަނޑު ހީކުރާހިތްއޮތީ ވެއަތުވެދިޔަ އަހަރުތަކަށްވުރެ، ކުރިޔަށްއޮތް އަހަރުތަކުގައި ޖަމިއްޔާ ޘާބިތުކުރަމުން ގެންދާނީ ދީނާއި ވަޠަނަށް ފައިދާހުރިގޮތުން، ހަރުދަނާ އުސޫލުތައް ކަމުގައެވެ. އަޅުގަނޑުގެ އުއްމީދަކީ ރާއްޖެތެރޭގައާއި މާލޭގައި ތިއްބެވި، ޖަމިއްޔާއަށް ނުވަންނަވާ މުސްކުޅި ތޯލިބުންވެސް އެބޭކަލުންނަށްތަކައި އެދިގޮވާ ޖަމިއްޔާގެ ގޮނޑިތައް ފަޅުފިލުއްވައިދެއްވަމުން ގެންދަވާނޭ ކަމުގައެވެ.

އަޅުގަނޑުގެ ގަލަމް މި މައުޟޫޢުއިން ވަކިކޮށްލާނީ ދިވެހި ދައުލަތަށާއި ދައުލަތުގެ މާތްވެރީންނަށް ނަސްރާއި ނަސީބު އެދެމުންނެވެ. އަޅުގަނޑުމެންގެ ޖަމިއްޔާގެ މާތް ރައީސްއަށާއި އެންމެހައި މެމްބަރުންނަށް ފުރިހަމަ ކާމިޔާބަކާއި އަލި މުސްތަގުބަލެއް ދެއްވުން އެދެމުންނެވެ.

" ނާރާނޭ ކޫރުމެއް އައި ތަމީޒަކުން
މ.މ.ދ.ޖ އަޒުމް އައުކުރާގޮތުން
ޝަހީދުވެގެންދާނީ އެޖިހާދުގާ ކުރާ
ރޫހުދޭށަ ގައުމުގާ ނަފްސީތައް ދިރާ“