By admin | 13 Feb 2026
މ.މ.ދ ޖަމިއްޔާ އާއި މަޖީދިއްޔާގެ އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް
މިއީ ދިވެހި ރާއްޖޭގައި އެންމެ ފުރަތަމަ ނެރުނު ނޫސް ކަމުގައިވާ “ސަރުކާރުގެ ޚަބަރު” ގެ 145 ވަނަ އަދަދުގައި ޝާޢިޢު ކޮށްފައިވާ ޚަބަރެކެވެ. އެ ޢަދަދު ނެރެފައި ވަނީ 1 ޛުލްޤައިދާ 1374 (21 ޖޫން 1955) ގަ އެވެ. މި ޚަބަރު މިވަނީ އަލުން ލިޔެފައެވެ. އަދި މި ޚަބަރު ލިޔުމުގައި، އޭރި ބޭނުންކޮށްފައިވާ ޢަރަބި ބަސްތައް ވާނީ، މިހާރު ޢާންމުކޮށް ލިޔެއުޅޭ ގޮތައް ދިވެހި ބަހަށް ބަދަލުކޮށްފައެވެ. މި ޚަބަރަކީ މ.މ.ދ. ޖަމްޢިއްޔާގެ ތާރީޚާ ވަރަށް ގުޅުންހުރި، އަދި ކުރިޔަށް އޮތްތާގައި މި ޖަމްޢިއްޔާ އަށާއި، ތާރީޚް ދިރާސާ ކުރާ މީހުންނަށް ފައިދާ ކުރުވަނިވި ޚަބަރެއްކަމުގައި ދެކޭތީ، މި މަޖައްލާގެ ތާރީޚާ ބެހޭބައިގައި ޝާޢިޢު ކުރީއެވެ. މި ޚަބަރު ލިޔުއްވާފައިވާ ވަކި ބޭފުޅެއްގެ ނަމެއް ނޫހުގައި އެގެން ނެތްކަމުގައި ވިޔަސް، ޙަބަރު ޝާޢިޢު ކުރައްވާފައިވަނީ “ކުޅިވަރުގެ އެހެން މުރާސިލެއް” މި ނަމުގައެވެ.
އެއްފުރާޅެއްގެ ދަށުން ތައުލީމު ހާސިލުކުރި ދަރީންތަކެއް އެއްބިމެއްގެ މެދުގައި އޮތް ފުޓްބޯޅައެއްގެ ދެފަރާތުން އައިސް ބައްދަލުވެ މަސްހުނިވި ދުވަހެކެވެ. މަދްރަސަތުލް މަޖީދިއްޔާގެ މުސްކުޅި ދަރިވަރުން (މ.މ.ދ ޖަމިއްޔާ) ގެ ޓީމަކާއި މިހާރުގެ ދަރިވަރުންގެ ޓީމްއަކާއިދެމެދު ހެންވޭރު ރަސްމީ ބިމުގައި ކުޅެވުނު ވަރަށް ޚާއްސަ މެޗެކެވެ.
އާދެ! މ.މ.ދ. ޖަމިއްޔާއަށް 9 އަހަރު ފުރުމުގެ އުފަލުގައެވެ. ދުވަހަކީ 17.10.74ހ، ވީ ބުރާސްފަތި ދުވަހެވެ. މެޗު ފެށުނީ 4:30ގައެވެ. ރެފްރީއަކީ އަލްމުހްތަރަމް ޖައްޕަރު މޫސާ މަނިކެވެ. ރޮގުބަލަހައްޓާ މީހުންނަކީ އަލް މުހްތަރަމް އިސްމާއިލް ނަސީރާއި އަލް މުހްތަރަމް ހައްތީ އަހްމަދު މަނިކެވެ.
މުއްޓާއި ހުދު ގަމީސްތަކުގެ ތެރޭގައި އެކުދީންގެ "ބޭބެއަކު" ހުރިކަން އެގެނީ، ގަމީހުގައި އިތުރަށް ރަތްކުލަ ހުންނާތީއެވެ.
އަލީ ޚާލިދާއި އިބްރާހިމް އަހްމަދު ދީދީ އާދެމެދު ހުންނަބެހުންތައް، ގިނަފަހަރަށް އަތުލައިގަންނަނީ އެސިއްރު ދަންނަ ކުޑަކުޑަ އަހްމަދު މޫސާއެވެ. އޭނާއަށް ޣަނީމާއެއްގެ ގޮތުން ލިބޭ ހުރިހާ ބޯޅައެއް އެންމެއަވަހަށްދޭ ރައްޓެއްސަކީ މުޅިދަނޑުގައި އުޅޭ އަބްދުއްރަހްމާން އަލީއެވެ. އޭނާއާ ދިމާވެފައިހުންނަނީ މީގެކުރީގައިވެސް ފުޓްބޯޅަ ދަނޑުގެ ހުރިހާ މަގުތަކާއި ގޯޅިތައް ހިތުދަސްކުރައްވައިގެން ހުންނެވި އ.ދ.ތ މުހައްމަދު ފުޅެވެ. ބައެއްފަހަރަށް ކާމިޔާބުވެސްވެއެވެ. އަނެއްބައިފަހަރަށް ޖެހެނީ ދެގޮތުންކުރެ އެއްގޮތެއްވަންދެން ހަމަ ދުވާށެވެ.
މަޖީދިއްޔާގެ ކުޑަގޯލީ އަބްދުލްގައްޔޫމް މުހައްމަދަށް އިރުޝާދު ދިނީ ކާކުބާވައޭވެސް ހިތަށް އަރައެވެ. ހަމަގައިމުވެސް ކުޅޭ މީހުންނަށް ވާއެއްނުވާއެއް ނޭގިދާ ބޯޅަވެސް އޭނާ ނަގާފައި ފޮނުވާލަނީ ރައްޓެއްސަކު އަޅޭ ކިޔާފައި ދިނީމާ ފޮނުވާލާހެންނެވެ. ޖަމިއްޔާގެ ގޯލީއަކީ އެންމެންދަންނަ މަޝްހޫރު ގޯލީއެކެވެ. އާދެ މުހައްމަދު އަލީ ދީދީ އޭ ދެންނެވުމުން ދެން އެންމެ ރަނގަޅު ނޫންތޯއެވެ.
ފުރަތަމަ ހާފުގައި އެއްވެސް ބަޔަކަށް ގޮތެއްނުވެގެން އުޅެނިކޮށް މައިޒާން އިބްރާހިމް މަނިކަށް ލިބިގެން އައި ބޯޅައެއް ދިޔައީ، ފަހަށްފަހަށް ނެއްޓެމުންނެވެ. އެބޯޅަ އަތުލައިގަނެގެން ދުއްވައިގަތީ ޔޫސުފް މޫސާ އާއި އަހްމަދު މޫސާއެވެ. ބަހާލީ އެކުދިންނަށްވެސް ބެހޭނެ އެންމެރަނގަޅު ގޮތަކަށެވެ. އެބޯޅަ މުހައްމަދު ގާސިމްގެ ބާރުފޯރާ ހިސާބުން ދިޔަނަމަ، އެހެނެއް ނުވީސްކަން ކަށަވަރެވެ. ވީއެއް ނުވީއެއް ނޭގުނެވެ. އެއްފަހަރު ޖަހައިފިއެވެ. ބޯޅަ އޮތީ ޖަމިއްޔާގެ ގޯލީގެ އަތްޕުޅުގައެވެ. އޭރުވެސް މުއްޓާއި ހުދު މަސައްކަތްކުރަނީ ލަނޑުގޯނީގެ ތުން މޮހާލެވޭތޯއެވެ. ލައިންސްމަން ސިގުނަލްދީފިއެވެ. މަޖީދިއްޔާއަށް 1 ލަނޑު ދެވުނީއެވެ. ބޯޅަ ޖެހީ އަބްދުއްރަހްމާން އަލީއެވެ.
ދެވަނަހާފު ފެށިގެންދިޔައިރު ޖަމިއްޔާގެ ކުޅުންތެރިން ހިންމަތްކުރަނީ އެމީހުންގެ އަޚުންނަށް ކުޅިވަރުގެ ރޫހު ދަސްކޮށްދެވޭތޯއެވެ. ވާދަކުރަންވާނީ މިހެނޭ ވިދާޅުވީ ކަހަލައެވެ. ހީވީ އިހަށް ތިބެލާށޭ ވިދާޅުވިހެންނެވެ. ވާދައިގެ ރޫހު ދަސްކޮށްދެއްވައިފިއެވެ. އަލީ ޚާލިދުގެ ގޯލަށް ޖެއްސެވުމެކެވެ. މެޗު ޑްރޯވީއެވެ.
މަޖީދިއްޔާ ޓީމް:
1. އަބްދުލްގައްޔޫމް މުހައްމަދު މަނިކް
2. އާދަމް ޝަރީފް
3. އިބްރާހިމް އާދަމް މާއެނބޫދޫ
4. މުހައްމަދު މޫސާ ފުޅު ތަކަންދޫ
5. ހުސައިން އަބްދުﷲ
6. އަބްދުލްހަކީމް ރުޝްދީ
7. އަލީ މަނިކު ކޮނޑޭ
8. ޔޫސުފް މޫސާ
9. އަހްމަދު އިސްމާއިލް މަނިކް
10. އަހްމަދު މޫސާ ޗަމްޕާ
11. އަބްދުއްރަހްމާން އަލީ
(ވަލީދު އާދަމް، މުހައްމަދު މޫސާ ޗަމްޕާ)
ޖަމިއްޔާ ޓީމް:
1. މުހައްމަދު އަލީ ދީދީ
2. ގޯބިލި ޅަތުއްތު
3. މުހައްމަދު ގާސިމް
4. މުހައްމަދު އިބްރާހިމް މަނިކް
5. ތުއްތު މަނިކް ގިނިރާހި
6. ހުސައިން މަނިކުފާނު
7. އ.ދ.ތ މުހައްމަދު ފުޅު
8. އަބްދުލްހަމީދު އަހްމަދު ދީދީ
9. އަލީ ޚާލިދު
10. އިބްރާހިމް މުހައްމަދު ދީދީ
11. އިބްރާހިމް މަނިކު މައިޒާން
(ކުއްޅަވައް އަހްމަދު އަލީ ދީދީ، ހޮޅުދޫ ދޮންމަނިކު)