By admin | 13 Feb 2026
މ.މ.ދ ޖަމިއްޔާއަށް 9 އަހަރު ފުރިއްޖެ އެވެ
މިއީ ދިވެހި ރާއްޖޭގައި އެންމެ ފުރަތަމަ ނެރުނު ނޫސް ކަމުގައިވާ “ސަރުކާރުގެ ޚަބަރު” ގެ 145 ވަނަ އަދަދުގައި ޝާޢިޢު ކޮށްފައިވާ ޚަބަރެކެވެ. އެ ޢަދަދު ނެރެފައި ވަނީ 1 ޛުލްޤައިދާ 1374 (21 ޖޫން 1955) ގަ އެވެ. މި ޚަބަރު މިވަނީ އަލުން ލިޔެފައެވެ. އަދި މި ޚަބަރު ލިޔުމުގައި، އޭރި ބޭނުންކޮށްފައިވާ ޢަރަބި ބަސްތައް ވާނީ، މިހާރު ޢާންމުކޮށް ލިޔެއުޅޭ ގޮތައް ދިވެހި ބަހަށް ބަދަލުކޮށްފައެވެ. މި ޚަބަރަކީ މ.މ.ދ. ޖަމްޢިއްޔާގެ ތާރީޚާ ވަރަށް ގުޅުންހުރި، އަދި ކުރިޔަށް އޮތްތާގައި މި ޖަމްޢިއްޔާ އަށާއި، ތާރީޚް ދިރާސާ ކުރާ މީހުންނަށް ފައިދާ ކުރުވަނިވި ޚަބަރެއްކަމުގައި ދެކޭތީ، މި މަޖައްލާގެ ތާރީޚާ ބެހޭބައިގައި ޝާޢިޢު ކުރީއެވެ. މި ޚަބަރު ލިޔުއްވާފައިވާ ވަކި ބޭފުޅެއްގެ ނަމެއް ނޫހުގައި އެގޭކަށް ނެތެވެ.
18.10.1374ހ ވީ ހުކުރު ވިލޭރެޔަށް އިރުއޮއްސިއްޖެއެވެ. ނާދީ ތަމައްދުންގެ ފެހި އިމާރާތުގެ އެތެރެވަނީ ދިގު މޭޒުތަކުން ފުރިފައެވެ. ރޭގެ މުނާސަބަތުގައި ބޭއްވި ފަރީއްކޮޅަކަށް ތައްޔާރުވެފައެވެ. މޭޒުތަކުގެ ކައިރީގައި ކޮޅުކޮޅުމައްޗަށް ހިނގާމީހުންގެ ހަރަކާތްތައް އިރެއްއިރަކަށްވުރެން އަވަސްކުރުވަނީ ނާދީގެ ގަޑިއެވެ.
އިރުއޮއްސި ހަގަޑިބައި ވެއްޖެއެވެ. މެހްމާނުންނާއި ޖަމިއްޔާގެ މެމްބަރުން ވެދެވަޑައިގެން އިށީދެވަޑައިގެންފިއެވެ. ކުރިފުޅުމަތީގައި އެތުރިފައިވަނީ ދުވަހަކު ހަނދާނުން ފޮހެވިގެންނުދާފަދަ، ފަރީއްކޮޅެކެވެ.
ޖަލްސާގެ ހިމޭންކަން އުލާއި ސަމުސަލުގެ "ސަލާމްކުރުމުގެ" އަޑަށް ތަންދިނީ ފަޟީލަތުއްޝައިޚް އަލީ ހުސައިން ދީދީ ބިސްމިﷲ ވިދާޅުވުމުންނެވެ. އާދެ. ރޭގެ ފުރަތަމަ ޕްރޮގްރާމް ނަމްބަރަށް ފެއްޓުނީއެވެ. ބައިގަޑިއެއްހާއިރުގެ ތެރޭގައި، ފަރީއްކޮޅުން އަވަދިވެ ވަޑައިގެންފިއެވެ.
ޕްރޮގްރާމުގެ ދެވަނަ ނަމްބަރައިގެން ކުރިޔަށްވަޑައިގަތުމަށް އެދިވަޑައިގަތީ، ޞޯހިބުއްސަޢާދާ ޝައިޚް މުހައްމަދު ޖަމީލް ދީދީއެވެ. ޖަމިއްޔާގެ ނައިބު ރައީސްގެ ގޮތުން މިރޭގެ ޖަލްސާ ތައާރަފް ކުރެއްވުމަށެވެ. މި ޖަލްސާއަކީ މ.މ.ދ. ޖަމިއްޔާ (މަޖީދިއްޔާގެ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާ) އަށް 9 އަހަރު ފުރުމުގެ އުފާވެރި ޖަލްސާ ކަމުގައި ވިދާޅުވިއެވެ.
ޕްރޮގްރާމުގެ ތިންވަނަ ނަމްބަރު ނިމުނީ ފަޟީލަތުއްޝައިޚް އަލީ ހުސައިން ދީދީ އިސްވެ ވަޑައިގެން ޞަލަވާތް ކިޔަވާ ވިދާޅުވުމުންނެވެ. ދެން ތެދުވެވަޑައިގަތީ ޖަމިއްޔާގެ އިއްޒަތްތެރި ރައީސް ޞޯހިބުލްދައުލަތު ސުއްމުވުލްއަމީރު އިބްރާހިމް ފާމުލަދޭރި ކިލެގެފާނެވެ. ވާހަކަފުޅު ދައްކަވަމުން ގެންދެވީ ސަރީހަ އިބާރާތުންނެވެ.
އެންމެފުރަތަމަ ޝުކުރުއަދާކުރެއްވީ މިފަދަ ޖަމިއްޔާއަކަށް 9 އަހަރު ފުރުނުކަމަށްޓަކައި، ކީރިތި ﷲގެ ކިބަފުޅަށެވެ. ރައީސްގެ ވާހަކަފުޅު ދެފަހަރަކު މަތީން ވާރޭގެ އަޑުފަށްގަޑުގެ ސަބަބުން ހުއްޓާލަވަން ޖެހިވަޑައިގަތެވެ. ވާހަކަފުޅުގެ ތެރޭގައި ވިދާޅުވިއެވެ. " މިޖަމިއްޔާ އުފެދުނީ ތައުލީމު ކުރިއެރުވުމަށްޓަކައެވެ. ނަމަވެސް ރާއްޖޭގެ ހާލު ހުރިގޮތުން އަޅަންބޭނުން އެތައްފިޔަވަޅު ނޭޅި ހިނގައްޖެއެވެ. ޝައްކެއްނެތެވެ. ރާއްޖޭގެ ހާލުގެ ދުލުން ވަރަށްބޮޑު އެއްޗެއް މިއަދުއެބަ ގޮވައެވެ. ދުނިޔޭގެ ހުރިހައި ކަމެއް ރޭވިފައިވަނީ ހަރުދަނާ އަޚުލާގެއްގެ މައްޗަށް ބިނާވެފައިވާ ތައުލީމުގެ ހަރުދަނާ ބިންގަލުގެ މަތީގައެވެ. އަޅުގަނޑުމެންގެ ހުރިހައި މެމްބަރުން މަދްރަސަތުލް މަޖީދިއްޔާ އާއި އެހެންވެސް ހުރިހާ މަދްރަސާގެ ތޯލިބުންނަށް ނަމޫނާއަކަށް ނުވިއްޔާ، މި ޖަމިއްޔާގެ އެއްވެސް މާނައެއް ނެތެވެ. އައު އަހަރަށްޓަކާ، ޖަމިއްޔާގެ ރައީސްގެ ގޮތުން މިގޮވާލަނީ، އައު ގަނޑެއް އެއްލައިގެން ދިވެހިރާއްޖޭގެ މުސްތަގުބަލްގެ ތައުލީމު ހަރުދަނާ ގޮތުގައި ބިނާކުރެވޭތޯ މަސައްކަތް ކުރުމަށެވެ. އަޅުގަނޑުމެންގެ ޖަމިއްޔާގެ ހުރިހައި މަގުސަދުތަކަށް ފުރިހަމައަށް ތަރުހީބު ދިނުމަށެވެ."
މި އިލްތިމާސް ކުރައްވާފައި ރައީސް އިށީދެވަޑައިގެންފިއެވެ. ދެން އިވެމުންދިޔައީ މެހްމާނުންގެ ފަރާތުން އަލްފާޟިލް ޒާހިރު ނަސީރު ޝުކުރުއަދާކުރެއްވި އަޑެވެ. މުޅި ޖަލްސާ ހޫނުކޮށްލީ އޭނާ ޖަމިއްޔާގެ މެމްބަރުންނަށް އަގުހުރި އިބާރާތްތަކުން ކުރެއްވި ހަދިޔާއަކަށްޓަކާ އަތްތިލަބަޑީގެ ޒަރީއާއިން ދިން ތަރުހީބެއްގެ ސަބަބުންނެވެ. އޭނާގެ މުދައްރިސަކު އޮޓޮ ގިރާފް ފޮތުގައި ލިޔެދިން ފޯޑު ޓެނިސަންގެ އިނގިރޭސި އިބާރާތަކުންނެވެ. "ސެލްފް-ރެވެރެންސް، ސެލްފް-ނޮލެޖް، ސެލްފް-ކޮންޓްރޯލް، ދީޒް ތްރީ އެލޯން ލީޑް ލައިފް ޓު – ސޮވަރިން ޕަވަރ" (ތިމާގެ ގަދަރާއި އަބުރު-ތިމާއަމިއްލައަށް ހިފެހެއްޓުން، ތިމާގެ ތައުލީމު އިތުރުކުރުމަށްޓަކައި އަމިއްލައަށް ހިއްމަތްކުރުން، ތިމާގެ ނަފްސު ވީއްލިގެންދިޔަނުދީ ހިފަހައްޓައި ބެލެޖެއްޓުން – މި ތިން ސިފައިން އެކަންޏޭ އިންސާނެއްގެ ހަޔާތް ބާއްޖަވެރިކުރެވޭނީ.) ޖަމިއްޔާއަށް ބާއްޖަވެރިކަން އެދިލައްވަމުން އޭނާ އިށީންނަވައިފިއެވެ.
ދެންތެދުވެވަޑައިގަތީ ޖަމިއްޔާގެ ހީވާގި ސެކްރެޓަރީ އަލްފާޟިލް މުހައްމަދު އަބްދުލް ލަތީފްއެވެ. ރައީސް އަށާއި މެހްމާނުންނަށް ޝުކުރުދެންނެވުމުގެގޮތުންނެވެ. ކީރިތި ﷲގެ ކިބަފުޅަށް ހަމްދާއި ޝުކުރު އަދާކުރެއްވުމަށްފަހު، އެންމެފުރަތަމަ ޝުކުރުގެ ގުލްދަސްތާއަކުން ހަދިޔާކުރެއްވީ ޖަމިއްޔާގެ ބާނީ އަދި ފުރަތަމަ ރައީސް ސުއްމުވުލްއަމީރު އަލްމަރްހޫމް މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ އަރިހަށެވެ. އޭގެފަހުގައި ޖަމިއްޔާގެ ރައީސް އަށާއި ދިވެހި ދައުލަތަށެވެ.
ދައްކަވަމުން ގެންދެވިވާހަކަފުޅުގެ ތެރޭގައި މި ޖަމިއްޔާ އުފެދުނީ 15.8.1365ހ ދުވަހު ކަމާއި ޖަމިއްޔާ ވަރަށްހީނަރުވެފައި ވަނިކޮށް މިއަދުގެ ރައިސްގެ ރިޔާސަތުގެ ދަށުގައި ދިރުން ލިބިގަތްކަން އަންގަވައިދެއްވިއެވެ. އެމަނިކުފާނުގެ ރިޔާސަތުގެ ދަށުގައި ޖަމިއްޔާއަށް ބާއްޖަވެރިކަން އެދިވަޑައިގަތެވެ.
ޖަލްސާ ނިމުނީ ޅެމެއް ކިޔުމުންނެވެ. ކިޔުއްވީ އަލްފާޟިލް އަހްމަދު ޝަރީފް އާއި އަލް މުހްތަރަމް އ.ދ.ތ. މުހައްމަދު ފުޅެވެ. ޅެން ހެއްދެވީ އައްނަބީލް ޖައުފަރު ކަމާލުއްދީންއެވެ.